ދިވެހިންނަކީ ސުލަހަވެރި ބައެކެވެ. ސުލްހަވެރިކަމަށް ލޯބިކުރާ ބައެކެވެ. ދިވެހި ވަންތަކަމުގެ ސިފަތަކުގެ ތެރެއިން އަބަދުވެސް އެންމެ މުހިއްމު އެއް ސިފައަކީ ސުލްހަވެރިކަމެވެ. އެކަކަކު އަނެކަކަށް އަނިޔާވެރި ނުވުމާއި ލޭ އޮހޮރުވައި ނުލުމާއި ރަށުތެރޭގެ ހިމޭންކަން ނަގާނުލައި ރިވެތިކޮށް އުޅުމެވެ. އެންމެ އެވޭލާ ޒަމާނުން ފެށިގެން ބޭރު މީހުންގެ ކުރިމަތީގައިވެސް ދިވެހިރާއްޖެ އާއި ދިވެހިން ކުރެހިފައިވަނީ މިގޮތަށެވެ. ކުރަހާދީފައިވަނީ މި ތަސްވީރެވެ.
ރާއްޖެއަށް ކުރީޒަމާނުގައި ޒިޔާރަތް ކުރި ބޭރުގެ ބައެއް މީހުން ލިޔެފައިވާ ގޮތުން ދިވެހިންނަކީ އެކުވެރި އަދި ކުލުނު ހުރި ބައެކެވެ. ހަސަދަވެރިކަމާއި ލޭ އޮހޮރުވުމަކީ ދިވެހިންނާ ރައްޓެހި ކަމެއް ނޫނެވެ. އެއީ ދިވެހި ސަގާފަތާ އެންމެ ބީރައްޓެހި ކަންތަކެވެ. އިންސާނެއް ކީއްކުރަން ޖަނަވަރެއްގެ ފުރާނަ ހިފުމަކީވެސް ދިވެއްސަކަށް ފަސޭހަ ނޫން ކަމެކެވެ. ދުނިޔޭގައި ދިވެހިން އެންމެ ކުރަން ބޭނުން ނުވާ ކަމަކީ ލޭ އޮހޮރުވުމެވެ.
އެކަމަކު އެއީ މާޟީއެވެ. ދިވެހި ވަންތަކަމުގެ މުހިއްމު ސިފަތަކުގެ ތެރެއިން ވަރަށް ގިނަ ސިފަތަކާ މިހާރު ތިބެވެނީ ދުރުގައެވެ. ސުލްހަވެރިކަން ވެސް ހިމެނޭ ގޮތުންނެވެ. ލޭ އޮހޮރުވައިނުލުން ވެސް ހިމެނޭ ގޮތުންނެވެ. ނަތީޖާއެއްގެ ގޮތުން މި ގައުމުގެ ހިމޭންކަން މިހާރު ވަނީ ގެއްލިފައެވެ. ނިރުބަވެރިކަމުގެ ހުތުރު އަމަލުތައް ގާދޫކޮލުން ވެސް އެތެރެ ވެއްޖެއެވެ. ތަފާތު ފިކުރުތަކުގެ ނަމުގައި ނިރުބަވެރިކަން އައިސް ގައުމުގައި ހަރުލައިފިއެވެ. މީސްމީހުންގެ ލެޔަށް ދަހިވެތިވުމާއި ލޭ އޮހޮރުވައިލުމަކީ އާދައިގެ ކަމެއްކަމަށް ހީކުރާ މީހުން ފެންނަން ފަށައިފިއެވެ.
ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި އެތައް ބަޔަކު މަރައިފިއެވެ. މީސްމީހުންގެ ލޭ އޮހޮރުވާލައިގެން ދިވެހި ބިމުގެ ސުލްހަވެރިކަން ގަޑުބަޑު ކޮށްލައިފިއެވެ. ދުނިޔޭގެ ބައެއް ތަންތަނުން ފެންނަމުންދާ ކަހަލަ ނިރުބަވެރި އަމަލުތައް ރާއްޖޭގައި ވެސް ހިންގަން ފަށައިފިއެވެ. މިދެންނެވި ބަހުގެ މިސާލެއް ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ މާލެއިންވެސް ފެނިއްޖެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ހިފުމަށް އަމާޒު ކުރެވިގެން ނިރުބަވެރިކަމުގެ ނުރައްކާތެރި ހަމަލާއެއް ވަނީ ދީފައެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއިރު އެމަނިކުފާނުގެ ހަށިފާރަވެރިންގެ ތެރެއިން ތިން މީހަކަށާއި އެވަގުތު އެހިސާބުން ހިނގާފައިދިޔަ މީހުންނާއި ދުއްވާފައި ދިޔަ މީހުންގެ ތެރެއިންވެސް ބަޔަކަށް ވަނީ އަނިޔާވެފައެވެ. މިއީ އެކަކަށްވުރެ ގިނަ މީހުންގެ ފުރާނަ ހިފުމަށް އަމާޒު ކުރެވުނު ހަމަލާއެކެވެ. ކިތަންމެ ގިނަ ބަޔަކު މަރުވިޔަސް ފަރުވާލެއް ނެތޭ ބުނުމުގެ ހަމަލާއެކެވެ. އެކެއްގެ ފުރާނަ ހިފެން އޮތީ ސަތޭކަ މީހުންގެ ފުރާނަ ހިފައިގެން ކަމަށްވިޔަސް އެކަން ކުރާނަމޭ ބުނުމުގެ ހަމަލާއެކެކެވެ. މިއީ ނިރުބަވެރިކަމުގެ އެންމެ ނުރައްކާތެރި ފިކުރާއި ޚިޔާލުން ފަރުމާ ކުރެވިފައިވާ ހަމަލާއެކެވެ.
ރައީސް ނަޝީދަށް އަމާޒު ކުރެވުނު ހަމަލާއިން މީހެއްގެ ފުރާނަ ނުގެއްލުމަކީ ދެން މުއުޖިޒާތެއް ކަހަލަ ކަމެކެވެ. ގައުމަށް މިންވަރު ކުރެއްވި ނަސީބެކެވެ. ނިރުބަވެރިންގެ އަސްލު ބޭނުން ހާސިލް ކުރެވި ބަޔެއްގެ ފުރާނަ ހިފުނު ކަމުގައިވީނަމަ މި ގައުމުގައި އިތުރު ލޭ އޮހޮރުވުމެއްގެ ބޮޑު ސިލްސިލާއެއް ފެށުމަކީ ގާތްކަމެކެވެ. ދާޚިލީ ނުރައްކާތެރި ގަޑުބަޑަކަށް ދިއުމުގެ ބިރުވެރިކަން ނުހަނު ބޮޑެވެ. ހަގީގަތުގައި މިޒާތުގެ ހަމަލަދޭ މީހުންގެ މަގުސަދަކީ ވެސް އެއީއެވެ. ގައުމުތައް ބައިބައިކޮށް އިނދަ ޖައްސައިލުމަށް ބޭނުންކުރާ އުކުޅަކީ ވެސް އެއީއެވެ.
ނިރުބަވެރިކަމުގެ އަމަލުތަކުން މިރާއްޖެ ސަލާމަތް ކުރުމަށް އެންމެހައި ދިވެހިން އަތުކުރި އޮޅާލަން ޖެހިފައިވާ ވަގުތު މިއޮތީ އައިސްފައެވެ. ސިޔާސީ ދެކޮޅުވެރިވުންތައް އެކަހެރިކޮށްފައި ގައުމުގެ މަސްލަހަތާއި ގައުމުގެ ސުލްހަވެރިކަމަށްޓަކައި އަތުގުޅާލަންވީ ވަގުތަކީ މިއީއެވެ. ސިޔާސީވާންވެސް އަދި ސިޔާސަތު ތަންފީޒުކުރާންވެސް އުޅެވޭނީ ގައުމެއް އޮވެގެންނެވެ. އެންމެ ފުރަތަމަ ގައުމެވެ. އެހެންވީމާ ގައުމު ރައްކާތެރިކޮށް ސުލްހަ މަސަލަސްކަން އަލުން އިއާދަކުރުމަށްޓަކައި އެންމެން ތެދުވާން ޖެހޭ ވަގުތު މިއޮތީ އައިސްފައެވެ.
ޚިޔާލު ތަފާތުވާ މީހާ ދުނިޔެއިން ނައްތާލުމުގެ ފިކުރަކީ ދިވެހިން ގެނެސްފައިވާ ޑިމޮކްރަސީ ދަންނަ ކަމެއް ނޫނެވެ. އެއީ ޑިމޮކްރަސީގެ ރޫހެއްވެސް ނޫނެވެ. ޑިމޮކްރަސީއޭ ކިޔަނީ ޚިޔާލު ތަފާތުވުމަށް ދެވޭ ފުރުސަތަށެވެ. ޚިޔާލު ތަފާތު އެންމެން މަރައި ހުސްކުރުމުގެ ވިސްނުމަކީ ގައުމު ހަލާކު ކުރުމުގެ ވިސްނުމެވެ. ދުނިޔެ ހަލާކު ކުރުމުގެ ވިސްނުމެވެ. އެއީ ފަނާކުރުމުގެ ނުރައްކާތެރި ވިސްނުމެވެ. އެޒާތުގެ ވިސްނުން ނައްތާލައި ނިރުބަވެރިކަމުގެ މޫތައް މި ގައުމުން ދެން އުފުރައިލެވޭނީ އެންމެ މަތީ ދަރަޖައިގެ ސަމާލުކަން ދީގެން ހަރުކަށި ފިކުރަށް ޒީރޯ ޓޮލަރެންސް ބަހައްޓައިގެންނެވެ. އެކަން މިހާރު ކަށަވަރެވެ. ލަސްކުރެވޭކަށް ވެސް ނެތެވެ.
ނިރުބަވެރިކަމުގެ ސަބަބުން ވީރާނާވެފައިވާ ގައުމުތަކުގައި ވެސް އެކަން އެންމެ ފުރަތަމަ ފެށެނީ މީހުންގެ ފުރާނަ ނެރެލުމުގެ ކުދިކުދި އަމަލުތަކުންނެވެ. ދެން އިތުރަށް ފުޅާވަމުން ފުޅާވަމުން ގޮސް ގައުމުވެސް ވީރާނާވެ ހަފުސްވެ ނިމިގެންދަނީއެވެ. މިސާލުތައް ބަލަން ބޭނުމިއްޔާ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެފަދަ މިސާލުތައް އެ ފެންނަނީ އެވެ. އަފްޣާނިސްތާނާއި ސޮމާލިޔާވެސް އެއޮތީއެވެ. އެހިސާބަށް ނުގޮސް ދިވެހިރާއްޖެއާއި ދިވެހިން ސަލާމަތް ވާނީ ނިރުބަވެރިކަމަށް ނޫނެކޭ ބުނެ ނިރުބަވެރިކަމުގެ އެންމެހައި ސިފަތަކަށް ޒީރޯ ޓޮލަރެންސް ބަހައްޓައިގެންނެވެ. އޭރުން ޚިޔާލު ތަފާތުވާ މީހާ ދުނިޔެއިން ނައްތައިލަން ވިސްނާ ބަޔަކު ނުތިބޭނެއެވެ. ވިސްނާކަށް ފުރުސަތެއް ވެސް ނޯންނާނެއެވެ.