މި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
މި މަހު ރާއްޖޭގައި އޭއެފްސީ ކަޕް ބާއްވަން ތާވަލުކޮށްފައިވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހޯމަ ދުވަހު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ވަކި ހާއްސަ ހުއްދައެއްގެ ދަށުން ފިޔަވައި ކުޅިވަރު މުބާރާތްތައް ބޭއްވުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި އަވައްޓެރި އިންޑިއާއިން އަންނަ މީހުން 14 ދުވަހުގެ މުއްދަތައް ކަރަންޓީނުވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗު މި މަހު 11 ވަނަ ދުވަހު މާލޭގައި ތާވަލުކޮށްފައިވާއިރު، މި މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް އެޗްޕީއޭއިން ހާއްސަ ހުއްދައެއް ދީފައިވީ ނަމަވެސް، ބުދަ ދުވަހުގެރޭ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑުގެ ނަންބަރުތައް އިތުރުވަމުން އަންނާތީއާއެކު، ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރުމަށް އޭއެފްސީއާއެކު އެފްއޭއެމުން މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އެކަމަކު ރާއްޖޭގެ އޮންލައިން ނޫސް "އަދަދު" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތައް ފަސްކުރަން އެފްއޭއެމުން އޭއެފްސީއާއެކު މަޝްވަރާކުރި ނަމަވެސް، އޭއެފްސީގެ ނިންމުމަކީ މިހާރު އޮތް ތާވަލާ އެއްގޮތަށް މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވެފައެވެ.
މި މަހު ރާއްޖޭގައި އޭއެފްސީ ކަޕުގެ މެޗުތައް ބާއްވާއިރު، ބުދަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވަނީ އޭއެފްސީ ކަޕް ވެގެންދާނީ ކޮވިޑުން ރައްކާތެރިވުމަށް އެހެނިހެން ދާއިރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށްވުރެ، މާ ރަނގަޅު ފިޔަވަޅުތަކެއް އެޅިގެން ބޭއްވިގެންދާނެ މުބާރާތެއް ކަމަށް ވިދާޅުވެފައެވެ.
މިހާރު އޮތް ގޮތުންނަމަ އޭއެފްސީ ކަޕުގެ މެޗުތަކަށް އިންޑިއާގެ ބެންގަލޫރުގެ އިތުރުން އެ ގައުމުގެ މޯހަން ބަގާން ރާއްޖެ އަންނާނެއެވެ. އަދި ގްރޫޕް ސްޓޭޖު މެޗުތަކަށް ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްވެސް ރާއްޖެ އަންނާނެއެވެ.
މި އަހަރުގެ އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށްގެން ރާއްޖޭގައި ބާއްވަން ތާވަލުކޮށްފައިވާއިރު، ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ރާއްޖޭގައި ބާއްވަން ނިންމިއެވެ. އެކަމަކު ފަހުން އެ މުބާރާތް ވަނީ ކެންސަލް ކޮށްފައެވެ.