މި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މި މަހު ރާއްޖޭގައި އޭއެފްސީ ކަޕް ބާއްވަން ތާވަލުކޮށްފައިވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހޯމަ ދުވަހު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ވަކި ހާއްސަ ހުއްދައެއްގެ ދަށުން ފިޔަވައި ކުޅިވަރު މުބާރާތްތައް ބޭއްވުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި އަވައްޓެރި އިންޑިއާއިން އަންނަ މީހުން 14 ދުވަހުގެ މުއްދަތައް ކަރަންޓީނުވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗު މި މަހު 11 ވަނަ ދުވަހު މާލޭގައި ތާވަލުކޮށްފައިވާއިރު، މި މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
ބުދަ ދުވަހުގެރޭ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑުގެ ނަންބަރުތައް އިތުރުވަމުން އަންނާތީއާއެކު، ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރުމަށް އޭއެފްސީއާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އޭއެފްސީ ކަޕް ފަސްކުރަން މަޝްވަރާކުރަމުން އަންނައިރު، ދާދި ފަހުން އެޗްޕީއޭއިން ވަނީ މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހާއްސަ ހުއްދައެއް ދީފައެވެ. ނަމަވެސް މި މުބާރާތުގައި އިންޑިއާގެ ޓީމުތައް ވާދަކުރުމަށް ހަމަޖެހިފައިވާތީ، އެކަމާ ކަންބޮޑުވެ ބައެއް އާންމުން ވަނީ ނުރުހުންފާޅުކޮށްފައެވެ.
އެކަމަކު ބުދަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވަނީ އޭއެފްސީ ކަޕަށް ރާއްޖެ އަންނަ ހުރިހާ ޓީމަކުންވެސް ދަނޑަށް ވަންނާނީ ފުރިހަމަ ކުރަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ފަހުގައި ކަމަށާއި، އެހެންކަމުން އޭއެފްސީ ކަޕް ވެގެންދާނީ ކޮވިޑުން ރައްކާތެރިވުމަށް އެހެނިހެން ދާއިރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށްވުރެ، މާ ރަނގަޅު ފިޔަވަޅުތަކެއް އެޅިގެން ބޭއްވިގެންދާނެ މުބާރާތެއް ކަމަށް ވިދާޅުވެފައެވެ.
މިހާރު އޮތް ގޮތުންނަމަ އޭއެފްސީ ކަޕުގެ މެޗުތަކަށް އިންޑިއާގެ ބެންގަލޫރުގެ އިތުރުން އެ ގައުމުގެ މޯހަން ބަގާން ރާއްޖެ އަންނާނެއެވެ. އަދި ގްރޫޕް ސްޓޭޖު މެޗުތަކަށް ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްވެސް ރާއްޖެ އަންނާނެއެވެ.
މި އަހަރުގެ އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށްގެން ރާއްޖޭގައި ބާއްވަން ތާވަލުކޮށްފައިވާއިރު، ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ރާއްޖޭގައި ބާއްވަން ނިންމިއެވެ. އެކަމަކު ފަހުން އެ މުބާރާތް ވަނީ ކެންސަލް ކޮށްފައެވެ.