ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 108،000ށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން އެންމެ ފަހުން އާންމު ކުރި މައުލޫމާތުތައް ދައްކާ ގޮތުން، ހޯމަ ދުވަހު މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންނަށްވުރެ އަތޮޅު ތެރެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ގިނައެވެ. އެގޮތުން މާލެ ސަރަހައްދުން 2221 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ އިރު، އަތޮޅު ތެރެއިން ވަނީ 3684 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފައެވެ.
ހޯމަ ދުވަހު ވެކްސިން ފުރިހަމަ ކުރި 5905 މީހުންނާއެކު ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 108،494ށް އަރާފައެވެ.
ހޯމަ ދުވަހު ފުރަތަމަ ޑޯޒް ޖަހާފައިވަނީ 678 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 383 މީހުންނާއި، އަތޮޅު ތެރެއިން ވެކްސިން ޖެހި 295 މީހުންނެވެ. މިއާއެކު މުޅި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދު ވަނީ 297،639ށް އަރާފައެވެ.
އަންގާރަ ދުވަހު މާލެ ސަރަހައްދުގައި ވެކްސިންގެ ދެވަނަ ޑޯޒްގެ ތެރެއިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ހަމަޖެހިފައިވާ ގޮތަށް ބަލާ އިރު، މާލެ ސަރަހައްދުގެ 2 ސެންޓަރަކުން ވަނީ ވެކްސިން ޖަހަން ކަނޑައަޅާފައެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ވެކްސިނޭޝަން ސެންޓަރުން 250 މީހުންނަށް ވެކްސިން ޖަހަން ކިއުނަންބަރު ދޫކުރާއިރު، ސޯޝަލް ސެންޓަރުން 1000 ޓޯކަން ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ވެކްސިން ޖަހަން އިސްކަންދޭނީ ފެބްރުއަރީ މަހުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އޮންލައިންކޮށް ޓޯކަން ނެގުން މެދުކަނޑާލާފައިވާ އިރު، ސެންޓަރުތަކުން ޓޯކަން ދޫކުރުމަށް ހަމަޖެހިފައިވަނީ ފުރަތަމަ އަންނަ ފަރާތަކަށް ފުރަތަމަ ނަންބަރު ދޫކުރާ އުސޫލުން ރޭގަނޑު 9:00ން ފެށިގެންނެވެ.