ކ. މާލެ
|
3 މެއި 2021 | ހޯމަ 21:43
ސޮއިކުރުމުގެ ރަސްމިއްޔާތު
ސޮއިކުރުމުގެ ރަސްމިއްޔާތު
ކަސްޓަމްސް
ދެނެގަތުމެއްގައި ސޮއިކުރުން
މައުލޫމާތު ހިއްސާކުރުމުގެ ދެނެގަތުމެއްގައި ސޮއިކޮށްފި
ސޮއިކޮށްފައިވަނީ ގްލޯބަލް ޓްރެވަލް އެސެސްމަންޓް ސިސްޓަމް (GTAS) މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމަށް

މޯލްޑިވްސް އިމިގްރޭޝަނުން މޯލްޑިވްސް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ކަސްޓަމްސް ސަރވިސްއާއެކު ގްލޯބަލް ޓްރެވަލް އެސެސްމަންޓް ސިސްޓަމް (GTAS) މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރުމަށްޓަކައި އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

ހޯމަ ދުވަހުގެ މެންދުރު ކަސްޓަމްސް ބިލްޑިންގްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސެއިނެވެ.

GTAS އަކީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާ އާއި ޔޫ.އެސް ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން ގުޅިގެން ޔޫ.އެން ސެކިއުރިޓީ ކައުންސިލްގެ ރިޒޮލިއުޝަން 2178 އާއި 2396 އަށް ރިއާޔަތްކޮށް އެޑްވާންސް ޕެސެންޖަރ އިންފޯމޭޝަން (API) އަދި ޕެސެންޖަރ ނޭމް ރެކޯޑްސް (PNR) އެސެސްކޮށް އެނެލައިޒްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. ސޮއިކުރެވުނު މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ގާއިމްކުރެވިފައިވާ ސިސްޓަމް މެދުވެރިކޮށް API / PNR މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަނާއި ޙިއްސާކުރުމެވެ. މީގެ ސަބަަބުން ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ބޯޑަރު ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަނާއި ކަސްޓަމްސްއާއި ދެމެދު ފަސޭހަކަމާއިއެކު މައުލޫމާތު ބަދަަލުކުރެވޭނެއެވެ.

މި ނިޒާމް ގާއިމްކުރުމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިންގް އަދި ހިއުމަން ޓްރެފިކިންގް ފަދަ ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވައި އަދި އެނޫނަސް ގާނޫނާއި ގަވާޢިދާއި ޚިލާފު ހަރަކާތްތަކަށް ފާރަވެރިވެ ދިވެހިރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަރުދަނާވުމަށް މަގުފަހިވެގެން ދާނެއެވެ. އަދި މި ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ކަމާ ގުޅުންހުރި ސަރުކާރުގެ އިތުރު އިދާރާތަކާއިއެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ ކަމަށް ވެސް ކަސްޓަމުން ބުނެއެވެ.

- ކޮމެންޓް