ކ. މާލެ
|
3 މެއި 2021 | ހޯމަ 09:13
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައި ކިއު
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައި ކިއު
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
ނަންބަރުތައް ފެނިފައި ހަގީގަތުގައި ވެސް ކަންބޮޑުވާން ވެއްޖެ
 
30،000ށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
 
5،000ށް ވުރެ ގިނަ މީހުން ދަނީ ކޮވިޑަށް ފަރުވާ ހޯދަމުން
 
ހޮނިހިރު ދުވަހު އެކަނިވެސް 508 މީހަކު ކޮވިޑަށް ޕޮޒިޓިވްވި

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ބަޔާންކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކުރަމުންދާ ނަންބަރުތައް ފެނިފައި ހަގީގަތުގައި ވެސް އަޅުގަނޑުމެން ކަންބޮޑުވާން ޖެހިއްޖެއެވެ. މިއޮތް ކުޑަކުޑަ އާބާދީން 30،000ށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިހާރުވެސް 5،000ށް ވުރެ ގިނަ މީހުން ބައްޔަށް ފަރުވާ ހޯދަމުންދާއިރު، ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 400 ފަހަނައަޅައި 500ށް އަރާފައެވެ. މިއީ ކުދި ނަންބަރުތަކެއް ނޫނެވެ. ހޮނިހިރު ދުވަހު އެކަނިވެސް 508 މީހުން ޕޮޒިޓިވްވިއެވެ.

މި ނަންބަރުތަކަކީ ކަންބޮޑުވާންޖެހޭ ނަންބަރުތަކެއް ކަމަށް ބައެއް މީހުންނަށް ގަބޫލުނުކުރެވުނު ނަމަވެސް، ސިއްހީ ޚިދުމަތްތެރިންނާއި ޑޮކްޓަރުން އަދި ކަމާގުޅޭ މާހިރުން ދަނީ މި ނަންބަރުތަކަކީ ކަންބޮޑުވާންޖެހޭ ނަންބަރުތަކެއް ކަމަށް ހަރުއަޑުން ބުނަމުންނެވެ. ކޮވިޑްގެ ކޭހެއް ރާއްޖެއިން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ޕޮޒިޓިވް ކޭސްތަކުގެ އަދަދު މިވަރަށް އުފުލުނަ ނުދިނުމަށް ޑޮކްޓަރުން ދިޔައީ އާދޭސްކުރަމުންނެވެ. މިގޮތުގައި އެ ޑޮކްޓަރުން އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފިއެވެ. ނަމަވެސް ކޭސްތަކުގެ އަދަދު ކޮންޓްރޯލެއް ނުކުރެވުނެވެ.

ކޮވިޑް-19 އާ އެކު އާންމުންގެ ތެރެެއިން އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ޑޮކްޓަރަކީ ޑރ. މުހައްމަދު އަލީ އެވެ. ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ މިޑޮކްޓަރުގެ ޓުވީޓްތައް ފެނިފައި ވެސް ބަލީގެ ނުރައްކާ އިހުސާސްވެއެވެ. ވައިރަހާ ގުޅޭގޮތުން ޑޮކްޓަރުގެ ވާހަކަކޮޅެއް އަޑުއަހައިފި ނަމަ މި ބިރުވެރިކަން އިހުސާސް ކުރެވޭނެއެވެ.

ފާއިތުވި ދެތިން ދުވަހު ޑރ. މުހައްމަދު އަލީގެ ޓުވީޓްތަކަށް ބަލައިލާއިރު، އޭޕްރިލް 29ގައި އެންމެ ފުރަތަމަ ކޮށްފައި ވަނީ އަނެއްކާވެސް އެންމެން ގުޅިގެން ކޮވިޑާ ކުރިމަތިލާން ހިތްވަރުު ދިނުމުގެ ޓުވީޓެކެވެ. މިއީ 28 ވަނަ ދުވަހު ބައްޔަށް ޕޮޒިޓިވްވި ކަމަށް ރިޕޯޓްކުރެވުނު 464 މީހުންނާއެކު ކުރި ޓްވީޓެކެވެ.

ހަމަ އެދުވަހު ޑރ. މުހައްމަދު އަލީ ވަނީ އެހެން ގައުމުތަކުގައި އިންޑިއާގެ އައު ވޭރިއަންޓް އުޅޭނަމަ އެ ވޭރިއަންޓް ރާއްޖޭގެ އުޅުމަކީ ގާތްކަމެއް ކަމަށް ބުނެ، އެ ވޭރިއަންޓާ ގުޅޭ މައުލޫމާތުތައް ޓްވީޓްކޮށްފައެވެ. އިންޑިއާގެ ހާލަތު ކިޔައިދީ ރައްޔިތުން ހޭލުންތެރިކުރަން މަސައްކަތްކޮށްފައެވެ. ވީހާވެސް ގިނަ ބަޔަކު ކޮވިޑަށް ޓެސްޓުކުރުމަށް ވަނީ އެދިފައެވެ.

އޭގެ އެއްދުވަސް ފަހުން މިހާރު ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިނާއި ސިނޮފަރމްގެ ކޮވިޑް-19 ވެކްސިނުން އަސަރުކުރާ ވަރާއި ވެކްސިނުން އަސަރު ނުކުރާ ވޭރިއަންޓެއް އުޅުން އެކަށީގެންވާ ކަމަށް ވަނީ ޓްވީޓްކޮށްފައެވެ. މިފަދަ ބަލިމަޑުކަމެއްގައި ހާރޑް އިމިއުނިޓީއަކީ ފަސޭހަކަމެއް ކަމަށް ނުވާއިރު، މިހާރު މިފެންނަ ނަންބަރުތަކާ މެދު ކަންބޮޑުވާ ކަމަށާއި ނަންބަރުތައް ދަށްކުރުމަށް އެކުގައި މަސައްކަތްކުރުމަށް ވަނީ އެދިފައެވެ.

ދެން ފެނިގެން ދިޔައީ ދުނިޔޭގެ އެހެން ގައުމުތަކުގެ ހާލަތަށް ބަލައި، މިހާރު ރާއްޖެއިން މިފެންނަ ނަންބަރު ތަކަކީ ހަގީގަތުގައި ވެސް ކަންބޮޑުވާންޖެހޭ ނަންބަރުތަކެއް ކަމަށް ބުނެ ރާއްޖެ މިއޮތީ ނުރައްކާތެރި ފައްތަރެއްގައިކަން ބުނެފައިވާ ތަނެވެ.

މިއީ އެންމެ ދެތިން ދުވަހުން އެންމެ ޑޮކްޓަރަކު ކޮށްފައިވާ މަދު ޓްވީޓްކޮޅެކެވެ. ނަމަވެސް މިޓްވީޓްކޮޅުން އަންގައިދޭން ބޭނުންވާ ކަންތައްތައް ވަރަށް ސާފެވެ. ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު މިދަނީ ގޯހުން ގޯހަށެވެ. ހާލަތު ބަދަލުކުރަން އެބަޖެހެއެވެ. މިކަން ކުރެވޭނީ ހުރިހާ އެންމެންގެ އެއްބާރުލުމާ އެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
33%
0%
67%
0%
ކޮމެންޓް