ކ. މާލެ
|
29 އޭޕްރިލް 2021 | ބުރާސްފަތި 13:48
ވެކްސިން އެކްސްޕޯޓް ކުރުން މަޑުޖައްސާލުމަށްފަހު އިންޑިއާއިން އިސްކަންދެނީ އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް
ވެކްސިން އެކްސްޕޯޓް ކުރުން މަޑުޖައްސާލުމަށްފަހު އިންޑިއާއިން އިސްކަންދެނީ އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް
ބީބީސީ
އިންޑިއާގެ ކޮވިޑުގެ ހާލަތު
އިންޑިއާގެ ހާލަތާމެދު އެހެން ގައުމުތަކުން ކަންބޮޑުވާންވީ ކީއްވެ؟
 
އިންޑިއާއިން ވެކްސިން އެކްސްޕޯޓް ކުރާނެ ވަގުތެއްގެ އިންތިޒާރުގައި
 
ޕެންޑަމިކުން އަރައިގަނެވޭނެ ކަމުގެ ފެހި ސިގްނަލެއް މިހާތަކަފެންނަން ނެތް
 
މި ބަލިމަޑުކަން ދަސްކޮށްދިން އެއްކަމަކީ އެއްގައުމު އަނެއްގައުމާ ގުޅިފައިން އޮންނަ މިންވަރު
 
އެކި ގައުމުތަކުން އިންޑިއާއަށް އަންނަނީ އެހީތެރިވަމުން

އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް ތިން ލައްކަ ފަންސާސް ހާހުން މަތިން ކޭސްތައް ރިޕޯޓުކުރަމުން އަންނައިރު މިއީ ހަމަ އެކަނި އިންޑިއާއަށް ދިމާވެފައި އޮތްކަމެކޭ ހިތުލައިގެން ތިބެވޭކަށެއް ނެތެވެ.

މި ބަލިމަޑުކަން ދަސްކޮށްދިން އެއްކަމަކީ އެއްގައުމު އަނެއްގައުމާ ގުޅިފައިން އޮންނަ މިންވަރެވެ. ކޮވިޑް 19 ގެ ވައިރަސް، ގައުމުގެ ބޯޑަރު ހުރަސްކުރަނީ ކޮންއިރަކު ކިހިނެތްކަމެއް ނޭނގެއެވެ. އެއް ގައުމުން އަނެއް ގައުމަށް ބަލި ފެތުރެމުން ގޮސް މުޅިދުނިޔެއަށް ފެތުރިގަތީއެވެ. ދަތުރުފަތުރުކުރުމުގައި އެޅި ފިޔަވަޅުތަކާއެކުގައެވެ. އެއްތަނުން އަނެއްތަނަށް ދިޔުމުގެ ކުރިން އެތައް ޓެސްޓެއް ހެދިއެވެ. ކަރަންޓީންގައި ދުވަސްތައް ގުނިއެވެ. އެކަމަކުވެސް ވައިރަސް ދަތުރުކުރުން ނުހުއްޓުނެވެ. ވައިރަސް އޮންނަ ތަނަކުން އެހެން ތަނަކަށް މީހަކު ދަތުރުކުރާނަމަ އޭނައާއެކު ވައިރަސް ދަތުރުކުރުމުގެ ޗާންސް ބޮޑެވެ. ދާދިފަހުން އިންޑިއާއިން ހޮންކޮންގަށް ދަތުރުކުރި ފަސިންޖަރުންގެ ތެރެއިން 50 ފަސިންޖަރަކު ޕޮޒިޓިވްވުން މިކަމުގެ ހެއްކަކަށް ފުދެއެވެ.

އިންޑިއާއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑްގެ ދެވަނަ ރާޅުން އަރައިގަތުމަށް އެއްމެ ބޮޑު ހުރަހަކަށް ވެފައިއޮތީ އިންޑިއާގައި ފެތުރެމުން އަންނަ ކޮވިޑް ވައިރަހުގެ ވޭރިއަންޓް ކަމަށް މިވަނީ ބެލެވެން ފަށާފައެވެ. ކޮވިޑްގެ އާ ވޭރިއަންޓް "ޑަބަލް މިއުޓެންޓް"އަކީ ދިފާއުވުމަށް އުދަނގޫ ވޭރިއަންޓެއް ކަމަށް ސައިންސްވެރިންގެ ތަހުލީލުތަކުންވަނީ ދައްކާފައެވެ. އަދި ހަމައެއާއެކު އެ ވޭރިއަންޓް ފެތުރިގެންދާލެއް ވެސް ފަސޭހައެވެ.

ދެ ޑޯޒް ފުރިހަމަ ކުރެވުނީ ގާތްގަނޑަކަށް އާބާދީގެ 2 އިންސައްތަ މީހުންނަށް

ލޮކްޑައުންކޮށް ގައިދުރުކަން ބަހައްޓައިގެން ހައްލު ހޯދިދާނެ - އެކަމަކު ވެކްސިން ދިނުންވެސް އެހާ މުހިއްމު

މިއީ މިހާރު އިންޑިއާއިން އަމަލުކުރަމުން އަންނަ ފޯމިއުލާއެވެ. މަޑުމަޑުން މިކަންކަން ތަންފީޒުކުރަމުން އަންނާތީ ފެނެއެވެ. ބޮޑެތި ސިޓީތައް ފުރަބަންދުކޮށް ވެކްސިން ދިނުން އިތުރުކުރުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި ވެކްސިންގެ ފުރތަމަ ޑޯޒް ފުރިހަމަކުރީ، 10 އިންސައްތައެވެ. ދެ ޑޯޒް ފުރިހަމަ ކުރެވުނީ ގާތްގަނޑަކަށް އާބާދީގެ 2 އިންސައްތައެވެ. ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ކާރުޚާނާ، ސެރަމް އިންސްޓިޓިއުޓް ވެސް ހުރީ އިންޑިއާގައެވެ. ދުނިޔޭގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ އެންމެ ކުރީގައި އުޅުނު ގައުމަކީ ވެސް އިންޑިއާއެވެ. ވެކްސިން ދީފައިވާ އާބާދީ މިހާ މަދުވުމަކީ މިހާރު އިންޑިއާގެ ހާލަތު މިހާ ގޯސްވުމުގެ ސަބަބަކަށްވުން އެކަށީގެންވެއެވެ.

އިންޑިއާގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށްދާން ފެށުމާއެކު ގައުމުން ބޭރުކުރަމުން އައި ވެކްސިން ޝިޕްމެންޓްތައް ބޭރުކުރުން ހުއްޓާލިއެވެ. މިއާއެކު މެދުފަންތީގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަން ޔޫއެންއިން އިއުލާންކުރިއެވެ. އަދި އިންޑިއާއިން ވެކްސިން އެކްސްޕޯޓް ކުރާނެ ވަގުތެއްގެ އިންތިޒާރުގައި ތިބިކަން ހާމަކުރިއެވެ. އިންޑިއާއިން ބޮޑު އިސްކަމެއް މިހާރު ދެނީ އެގައުމުގެ އާބާދީއަށް ވެކްސިން ދިނުމަށެވެ.

އިންޑިއާގެ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި، ފަރުވާ ނުދެވި މަރުވާމީހުންގެ އަދަދު އިތުރުވަނީ

އެހެން ގައުމުތަކުން އިންޑިއާއަށް ފޯރުކޮށްދެމުން އަންނަ އެހީ

ރެކޯޑު އަދަދަކަށް ކޭސްތައް ރިޕޯޓުކުރަން ފެށުމާއެކު އިންޑިއާގެ ބޮޑެތި ސްޓޭޓްތަކުގެ ހޮސްޕިޓަލްތައް ފުރިބާރުވެ، އޮކްސިޖަނަށް ޖެހި، ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ، މީހުންމަރުވާ ރޭޓް އިތުރުވާން ފެށިއެވެ.

މިއާއެކު އެކުވެރި ދައުލަތްތަކުގެ އެހީތެރިކަަމަށް އިންޑިއާއިން އެދުނެވެ. މި ހައްސާސް ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބި ގައުމުތަކުން އެހީގެ ތަކެތި ފޮނުވަންފެށިއެވެ. އެގޮތުން އިނގިރޭސިވިލާތް، އެމެރިކާ، ސައުދި އަރަބިއާ، އަދި އިންޑިއާގެ ސަރަހައްދީ ވާދަވެރި ގައުމުތަކުގެތެރޭގައި ހިމެނޭ ޗައިނާ އާއި ޕާކިސްތާނު ފަދަ ގައުމުތަކުން އެހީގެ ގޮތުގައި އޮކްސިޖަނާއި މާސްކާއި، ވެންޓިލޭޓަރުތައް ފޮނުވަން ފެށިއެވެ.

އެމެރިކާއިން ވަނީ، ވެކްސިން އުފައްދަން ބޭނުންވާ ރޯ މެޓީރިއަލް އެކްސްޕޯޓް ކުރުމަށް އޮތް ހުރަހަށް ލުއި ދީ، އިންޑިއާގައި ވެކްސިން އުފެއްދޭނެ މަގުފަހިކޮށްދީފައެވެ. އެމެރިކާއިން ރޯ މެޓީރިއަލް އެކްސްޕޯޓް ކުރުމަށް ހުރަސް އެޅުމުގެ ސަބަބުން، އިންޑިއާއިން ކުރިއަށް ގެންދިޔަ ވެކްސިން އުފެއްދުމުގެ މަޝްރޫއު ވެސް އޮތީ މަޑުޖެހިފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެމެރިކާއަށް އެންމެ ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނު ދަނޑިވަޅުގައި، އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިން ފަދައިން، އިންޑިއާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ދަތި އުނދަގޫ ވަގުތުގައި، އެ ގައުމަށް އެމެރިކާގެ އެހީ ފޯރުކޮށްދޭނެކަމަށެވެ. އެއާއެކު ވެކްސިން އުފައްދަން ބޭނުންވާ ރޯ މެޓީރިއަލް އެކްސްޕޯޓް ކުރުމުގެ ހުއްދަ ވަގުތުން ވަގުތަށްވަނީ ދީފައެވެ.

މި ޕެންޑަމިކުން އަރައިގަނެވޭނެ ކަމުގެ ފެހި ސިގްނަލެއް މިހާތަނަށް ފެންނާކަށް ނެތެވެ. ގައުމަކަށްފަހު ގައުމެއް ހަލާކުވެގެންދަނީއެވެ. އިންޑިއާގެ ހާލަތުން ފެންނަން އޮތް ހަގީގަތަކީ، މިކަމުން އަރައިގަނެވެން އޮތީ އެންމެން ރައްކާތެރިވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
11%
0%
79%
5%
0%
5%
ކޮމެންޓް