ކުށެއްގެ ތުހުމަތުގައި މާފުށީ ޖަލުގައި ހައްޔަރުކޮށްފައިވާ ހ.ކުއްޅަވައްމާގެ އަޒްހަރު އިބްރާހީމަށް މާފުށި ޕޮލިސް ސްޓޭޝަނުގައި ހަރަކާތްތެރިވި ފުލުހުންނާއި ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރި އޮފިސަރުން އަނިޔާކުރި މައްސަލައިގައި ވަކިވަކި އޮފިސަރުންނަށް ޖިނާއީ ދައުވާކުރެވޭނެ ހެކިނެތްކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން އެދިއްޖެއެވެ.
އަޒްހަރު އިބްރާހީމަށް 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ ބަލާފައެވެ. މައްސަލަ ބެލުމަށްފަހު އެކުލަވާލި ކޮމިޓީ ރިޕޯޓް ބުދަ ދުވަހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ރިޕޯޓުގައި ބުނެފައިވަނީ އަޒްހަރަށް ލިބުނު އަނިޔާ އާއި ކަންހިނގާދިޔަ ގޮތުގެ ތަފްސީލު ވަކީލު ޔާމީން އިބްރާހީމްގެ ފަރާތުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ސާފުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި އަޒްހަރު އިބްރާހީމަށް އަނިޔާކޮށްފައިވާކަމަށް ހިއުމަން ރައިޓްސްގެ ތަހުގީގަށް ސާބިތުވެފައިވީނަމަވެސް އެންޓި ޓޯޗަރ ގާނޫނުގައި ބަޔާންކުރާ ފަދަ ނަފްސާނީ އަދި ޖިސްމާނީ އަނިޔާއެއް އަޒްހަރަށް ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ގަސްތުގައި ކުރިކަމަށް ސާބިތުނުވާކަމަށް ވަނީ ނިންމާފައެވެ. އެހެންކަމުން ކޮމިޓީން ވަނީ މި މައްސަލަ އިތުރަށް ދިރާސާކޮށްފައެވެ.
މިކަން ކޮމިޓީން ދިރާސާ ކުރަމުން ދިޔައިރު 8 ކަމެއް ވަނީ ފާހަގަކޮށްފައެވެ. އަޒްހަރު ހައްޔަރުކުރެވުނު 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ރޭ 1:25ން ފެށިގެން އިރު އަރަންދެން ބޮޑެތި އަނިޔާތަކެއް އަޒްހަރަށް ކޮށްފައިވަކަމަށް ހިޔުމަން ރައިޓްސް ކޮމިޝަނަށް ދީފައިވާ ބަޔާނުގައި އަޒްހަރު ބުނެފައިވާކަން ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.
އަދި މިކަމާއި ގުޅިގެން ކޮމިޝަނުން ކުރިޔަށް ގެންދިޔަ ތަހުގީގުގައި އަޒްހަރަށް އަނިޔާކުރާތަން އޮފިސަރުންނަށް ފެނިފައިވާކަމަށާއި އޭނާއަށް ލިބިފައިވާ ޒަޚަމްތައް ލޮލަށް ފެނިފައިވާކަމަށާއި އަނިޔާކުރަމުންދިޔަ ވަގުތު އަޒްހަރު ރުއިމުގެ އަޑު އިވިފައިވާކަމަށް ބުނެފައިވެއެވެ.
ޑޮކްޓަރުން ދީފައިވާ ބަޔާންތަކުގައިވެސް އަޒްހަރު ބުނެފައިވާފަދަ އަނިޔާތައް ލިބިފައިވާކަން ޑޮކްޓަރު ފާހަގަކޮށްފައިވެއެވެ. އަދި އެއީ ފުލުހުން ބޭނުންކުރުން ހުއްދަދެވިފައިވާ ހަތިޔާރަކުން ލިބިފައިވާ އަނިޔާތަކެއްކަމަށް ފާހަގަކުރެވޭ ނުވަތަ ލަފާކުރެވޭ ކަމަށާއި ހަށިގަނޑުގައި ހުރި އަނިޔާގެ ބައެއް ނިޝާންތަކަކީ މީހަކު ޖަހައިގެން ލިބޭފަދަ އަނިޔާތަކެއް ކަމަށް ޑޮކްޓަރު ބުނެފައިވެއެވެ.
އަދި އޮފިސަރުން ކޮމިޝަނަށް ދީފައިވާ ބަޔާންތަކުގައި ބައެއް އޮފިސަރުންނަށް ކޮމިޝަނުން ދެއްކި ފޮޓޯތަކުގައިވާފަދަ އަނިޔާ އަޒްހަރު ފުލުހުންގެ ލޯންޗަށް ނެގުމުގެ ކުރިން އޭނާއަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިނުވާކަމާއި އަޒްހަރަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަން ބައެއް އޮފިސަރުންނަށް ފާހަގަކުރެވިފައިނުވާކަމަށް ބުނެފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެއެވެ.
މި މައްސަލަ އަލުން އެކުލަވާލެވުނު އެޗްއާރުސީއެމަށް އަޒްހަރުގެ ވަކީލު މުރާޖާކޮށްދިނުމަށް އެދި ހުށަހެޅުމުން އެކޮމިޝަނުން ބޭއްވި ޖަލްސާއިން ނިންމާފައިވަނީ އެންޓި ޓޯޗަރ ގާނޫނުގައި ބަޔާންކުރާ މާއްދީ ނަފްސާނީ އަދި ލާއިންސާނީ އަނިޔާ ލިބިފައިވާކަން ތަހުގީގަށް ސާބިތުވާކަމަށެވެ. އެހެންކަމުން އެޗްއާރުސީމުން ނިންމާފައިވަނީ އެމައްސަލަ އަލުން ޕީޖީ އޮފީހަށް ފޮނުވުމަށެވެ.
މި މައްސަލާގައި ކޮމިޓީން ވަނީ 4 ހުށަހެޅުމެއް ހުށަހަޅާފައެވެ. އޭގެތެރޭގައި މި މައްސަލައާ ގުޅިގެން މަދަނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް ހިޔުމަން ރައިޓްސް ކޮމިޝަނުން އެޅުމަށް ކޮމިޓީން ވަނީ ހުށަހަޅާފާއެވެ. އަދި މަދަނީ ބަދަލު ހޯދައިދިނުމަށް އެޗްއާރުސީއެމުން އިސްވެ މަސައްކަތްކުރުމަށް ވަނީ ހުށަހަޅާފައެވެ.
އަދި މިމައްސަލައަކީ ހިޔުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 23 ވަނަ މާއްދާގެ ހ ގައި ބަޔާންކުރާ ބާވަތުގެ މައްސަލައެއްކަމުގައިވާނަމަ، އެމާއްދާގެ ށ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެޗްއާރުސީއެމުން ފިޔަވަޅު އެޅުމަށް ވަނީ ހުށަހަޅާފައެވެ.
ހިޔުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 23 ވަނަ މާއްދާ އަކީ ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ކޯޓަށް އެހީތެރިވެދިނުމާއި ގުޅުންހުރި މާއްދާއެވެ. އެމާއްދާގެ ހ ގައި ބުނެފައިވަނީ ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި މީހެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިފައިވާކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިއްޖެނަމަ، އެމައުލޫމާތު ކޯޓުގެ ފަނޑިޔާރުގެ އިޒުނަޔާއެކު އެ ފަނޑިޔާރުގެ މައުލޫމާތަށްޓަކައި ކޯޓަށް ހުށަހެޅިދާނެއެވެ.
އެމާއްދާގެ ށ ގައި ބުނެފައިވަނީ ހ ގައިވާ ގޮތަށް މައްސަލައެއްގައި މައުލޫމާތު ހިއްސާކުރަން ކޮމިޝަނުން އެދެމުން އެ މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަ ނުލިބޭ ހާލަތްތަކުގައި ޝަރީއަތުގައި މައްސަލަ ހިންގުމަށް އަސަރުފޯރާނެފަދަ އެއްވެސް އަމަލެއް ކޮމިޝަނުން ކޮށްގެން ނުވާނެއެވެ.