ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެއަރޕޯޓަށް ދަތުރުކުރާ ވެހިކަލްތައް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވޭތޯ ބެލުމުގެ ޚާއްސަ މަސައްކަތްތަކެއް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ މި މަސައްކަތް ފަށާފައިވަނީ ކޮވިޑް ކޭސްތައް ފެންނަ މިންވަރު އަނެއްކާވެސް އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. އަދި ހުޅުލެއަށް ދިއުމަށް ހުއްދަދެވޭނީ ހަމައެކަނި އެޗްޕީއޭގެ މިންގަނޑަށް ފެތޭ އުޅަނދުތަކަށް އެކަނިކަމަށެވެ. ފުލުހުން ވަނީ މާލެއާއި ހުޅުމާލޭގައި ދުއްވާ ޓެކްސީ އާއި އުޅަނދުތައް ވެސް ޗެކް ކުރަން ވެސް ނިންމަވާފައެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޓެކްސީތަކުގެ ޑްރައިވަރު އިންނަ ސީޓާއި ފަސިންޖަރުން ތިބޭ ފަހަތު ސީޓާ ދެމެދު ޕާޓިޝަނެއް ޖަހައި ވަކިކުރަން ވަނީ އަންގާފައެވެ. މީގެ އިތުރަށް ފަސިންޖަރުންނާއި ޑްރައިވަރު ވެސް މާސްކް އެޅުމަށާއި ފަސިންޖަރުންނަށް ހަމައެކަނި ފަހަތު ސީޓުގައި ތިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ނަގުދު ފައިސާގެ ބަދަލުގައި އޮންލައިންކޮށް ލާރި ދެއްކޭގޮތަށް ހަމަޖެއްސުމާއި ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ވަނީ އަންގާފައެވެ. އަދި މަގުމަތިން ޓެކްސީ ނުނެގުމަށާއި ދެ ދަތުރު އެއްކޮށްލައިގެން ނުކުރުމަށް ވަނީ އަންގާފައިވެއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އޭޕްރީލް މަހުގެ 26 ވަނަ ދުވަހަކީ މިހާތަނަށް އައިރު ރާއްޖޭގައި އެންމެ ގިނައިން ކޮވިޑްގެ ކޭސްތައް ރިކޯޑްކުރެވުނު ދުވަހެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހު އިރު އޮއްސި ހަޔަކާއި ހޯމަ ދުވަހު އިރު އޮއްސި ހަޔަކާ ދެމެދު ނެގި 3252 ސާމްޕަލްގެ ތެރެއިން 328 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 167 ކޭސް ރިޕޯޓުކޮށްފައިވާއިރު 127 ކޭހަކީ އަތޮޅުތެރެއިން ރިޕޯޓްކޮށްފައިވާ ކޭސްތަކެކެވެ. ރިސޯޓުތަކުން 10 ކޭސް ރިޕޯޓުކޮށްފައިވާއިރު، އިންޑަސްޓްރިއަލް ރަށްރަށުން 24 ކޭސް ރިޕޯޓުކޮށްފައިވެއެވެ.
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 28،202ށް އަރާފައިވާއިރު، 126 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓް ކޮށްގެންނެވެ. އަދި 24،421 މީހުން ވަނީ ބަލިން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭހުގެ އަދަދު ވަނީ 3701ށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 71 މީހަކު ވަނީ ނިޔާވެފައެވެ.
ފާއިތުވި ހަފުތާ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވާން ފަށާފައި މިވަނީ ޖެނުއަރީ މަހުން ފެށިގެން އަދަދުތައް ހިފެހެއްޓި 100ން ދަށުގައި އުޅޭތާ ދެތިން ހަފުތާ ފަހުންނެވެ.