މި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު މައްކާގައި ހުންނަ މަސްޖިދުލް ހަރަމަށް 1.5 މިލިއަން މީހުން އަޅުކަންކުރަން ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އަރަބް ނިއުސްގައި ރިޕޯޓްކޮށްފައިވާ ގޮތުން ނަމާދުކުރުމަށާއި އުމްރާގެ އަޅުކަމަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ގިނަ އަދަދެއްގެ ބަޔަކު ވަނީ މަސްޖިދުލް ހަރަމަށް ގޮސްފައެވެ.
ކޮވިޑް-19 އާއި އެކު މަސްޖިދުލް ހަރަމް ބަންދުކޮށްފައި އަޮތުމަށް ފަހު އަލުން ހުޅުވާލާފައި ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު ގައެވެ. އަދި ސައުދީ ރައްޔިތުންގެ އިތުރުން އެހެނިހެން ގައުމުތަކުގެ ރައްޔިތުންނަށް މަސްޖިދުލް ހަރަމަށް ގޮސް އަޅުކަންކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ސައުދީ ސަރުކާރުން ވަނީ މިސްކިތަށް ގޮސް އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައެވެ.
ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ގައިދުރުކަން ބެހެއްޓުން ހިމެނެއެވެ. މިސްކިތަށް އެއްފަހަރާ ވަދެވެނީ ވަކި އަދަދެއްގެ ބަޔަކަށެވެ. އަދި އުމްރާ ވާން އަންނަ މީހުންނަށް ފަސޭހައި އެކަން ކުރެވޭނެ ގޮތަށް ކައުބާ ވަށައިގެންވާ ސަރަހައްދު ޚާއްސަކޮށްފައިވާއިރު، އުމުރުން ދުވަސްވީ މީހުންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަވާނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މައްކާ މަދީނާއަށް މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމުން އެދެ ސިޓީގައިވާ މިސްކިތްތަކަށް ކުޑަ ބެހުމުގެ ކަންކަން ސައުދީގެ ޖެނެރަލް ޕްރެސިޑެންސީ ފޮރ ދަ އެފެއަރޒް އޮފް ދަ ޓޫ ހޮލީ މޮސްކްސް އިން ދަނީ ކުރަމުންނެވެ.