ކ. މާލެ
|
25 އޭޕްރިލް 2021 | އާދީއްތަ 00:29
ޓީސީ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އީގަލްސް މޮޅުވީ 0-3 ން
ޓީސީ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އީގަލްސް މޮޅުވީ 0-3 ން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ޓީސީ ބަލިކޮށް އީގަލްސް ހަތަރަކަށް
 
ޓީސީ އަތުން އީގަލްސް މޮޅުވީ 3-0 ގެ ނަތީޖާއަކުން
 
ތާވަލުގެ ހަތަރުވަނައަށް އީގަލްސް ޖެހިލީ 16 ޕޮއިންޓާއެކު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް، ތާވަލުގެ ހަތަރުވަނައަށް ކުލަބު އީގަލްސް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އީގަލްސް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ވަރަށް ކުރީކޮޅު އީގަލްސްއިން ވަނީ ލީޑު ނަގާފައެވެ. އަސްހަދު އަލީ (އަޑުބަރޭ) ގެ އެހީއާއެކު މެޗުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަޙްމަދު (ހަންނަ) އެވެ. އަދި އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައި ހައިޝަމް ހަސަން ހުރަސްކޮށްދިން ބޯޅައަކުން އަޑުބަރޭ ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ހަމަލާ ޓީސީގެ ގޯލްކީޕަރު އާޒާދު މަމަދޯފް ވަނީ ދިފާއުކޮށްފައެވެ.

އެއަށްފަހު ފުރަތަމަ ހާފު ޓީސީއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން މުޙައްމަދު އައްޒާމް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އީގަލްސްގެ ގޯލްކީޕަރު މުޙައްމަދު ތޯހާ ވަނީ ހުއްޓުވާފައެވެ. އަދި ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް އީގަލްސްގެ އަޙްމަދު ނޫމާން (ހެލްމެޓް) އަށް ހެދުނު ގޯހަކުން އައްޒާމަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ޓީސީން ކުޅުން ރަނގަޅުކުރިއިރު، މި ހާފުގެ ކުރީކޮޅު އެ ޓީމުގެ ސަމުއެލް ކޯޑެލް އާއި މުޙައްމަދު އަޖުފާން ބޮލުން ފޮނުވާލި ހަމަލަތާއް އީގަލްސްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. އެކަމަކު މެޗުގެ 62 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިން ޒައިން ޒަފަރު ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިމްރާން ނަޝީދު (އިންމަ) އެވެ.

އޭގެ ފަހުން މެޗުގެ 78 ވަނަ މިނެޓުގައި ފަރަގު ކުޑަކުރަން ޓީސީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ކޯޑެލް ފޮނުވާލި ޕެނަލްޓީ އީގަލްސްގެ ގޯލްކީޕަރު ތޯހާ ވަނީ ދިފާއުކޮށްފައެވެ. މިއީ އޭރިއާ ތެރެއިން ޓީސީގެ އިބްރާހީމް ސާވީއަށް އީގަލްސްގެ ގޯލްކީޕަރު ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި އީގަލްސްގެ ޒައިންއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ރޮނގުމަތިން ސަލާމަތްކުރީ ޓީސީގެ ސާދު ނިޒާރެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި މުޙައްމަދު ނާއިމް ވަނީ އީގަލްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗަށްފަހު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ އޭނާ އެ ޓީމާ ހަވާލުވުމަށްފަހު ކަނޑައެޅި ފުރަތަމަ ޓާގެޓް ކަމަށްވާ ގަދަ ހައެއްގެ ތެރޭގައި ހިމެނުމުގެ ޓާގެޓް ފުރިހަމަވީ ކަމަށެވެ. އަދި ބިދޭސީ ދެ ފޯވާޑުން ނުލައި އީގަލްސްއިން ދެއްކި ކުޅުން ފާހަގަކުރަންޖެހޭ ކަމަށްވެސް ޝާޒްލީ ބުންޏެވެ.

ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޓީސީ ކޮޅަށް މި މެޗުގައި ވަނީ އަސްލު ހަގީގަތުގައި އެ ޓީމު ކޮޅަށް ވަންނަން ޖެހޭ ވަރުގެ ލަނޑުތަކެއް ނޫން ކަމަށެވެ. އެގޮތުން މި މެޗުގައި ޓީސީގެ ފަރާތުން ވަރަށް އާދައިގެ ގިނަ ގޯސްތަކެއް ފެނިގެންދިޔަ ކަމަށާއި، މިއީ ޓީސީއަށް ލިބުނު ފިލާވަޅެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މި މޮޅާއެކު ތާވަލުގެ ހަތަރުވަނައަށް އީގަލްސް އެރީ ފަސްވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސްއަށް ކުޅުނު 12 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ދަ ގްރާންޑޭއަށް 16 ޕޮއިންޓް ހަމަކުރެވިފައިވަނީ 14 މެޗުންނެވެ. އަދި އީގަލްސް އަތުން ބަލިވި ޓީސީން ލީގުގެ ދެވަނަ ބުރުގެ ކުޅުން ނިންމާލީ 14 މެޗުން 13 ޕޮއިންޓާއެކު ތާވަލުގެ ފުލުން ދެވަނައިގައި އޮވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް