ކ. މާލެ
|
24 އޭޕްރިލް 2021 | ހޮނިހިރު 04:43
ވޭލްސްގެ ކޯޗު ރަޔާން ގިގްސް
ވޭލްސްގެ ކޯޗު ރަޔާން ގިގްސް
ގެޓީ އިމޭޖަސް
ރަޔާން ގިގްސްއަށް ދައުވާކުރުން
ގެވެށި އަނިޔާގެ މައްސަލައިގައި ގިގްސްއަށް ތިން ދައުވާއެއް
ޔޫރޯގައި ވޭލްސްއަށް އިރުޝާދުދޭނީ ރޮބާޓް ޕޭޖް
ގިގްސްއަށް ހުކުންކުރާނީ މި މަހުގެ 28 ވަަނަ ދުވަހު

ފުލުހުން ތަހުގީގުކުރަމުން އައި ގެވެށި އަނިޔާގެ މައްސަލައިގައި ވޭލްސްގެ ކޯޗު ރަޔާން ގިގްސްއަށް ދައުވާކޮށްފިއެވެ.

ލޯބިވެރިޔާއަށް ހަމަލާ ދިނުމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފުލުހުން ވަނީ އުމުރުން 47 އަހަރުގެ ގިގްސް ހައްޔަރުކޮށްފައެވެ. އެކަމަކު ފަހުން ކަފާލާތުގެ ދަށުން ފުލުހުން ވަނީ ގިގްސް ދޫކޮށްލާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ގިގްސް އޭނާގެ ލޯބިވެރިޔާ ކޭޓް ގްރެވިލަށް އަނިޔާ ކުރަމުންދާތީ، މެންޗެސްޓާގެ ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކުރީ ކޭޓް އަމިއްލައަށެވެ.

މި މައްސަލައިގެ ތަހުގީގު ނިންމާލުމަށްފަހު ހުކުރު ދުވަހު ގިގްސްގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލާފައެވެ. އޭގެ ތެރޭގައި މާރަމާރީ ހިންގުންވެސް ހިމެނޭއިރު، މި މައްސަލައިގައި ގިގްސްއަށް ހުކުންކުރުން އޮތީ މި މަހުގެ 28 ވަަނަ ދުވަހު ސެލްފޯޑް މެޖިސްޓްރޭޓް ކޯޓުގައެވެ.

މި ތުހުމަތުތަކާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް ވޭލްސް (އެފްއޭޑަބްލިއު) އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ވޭލްސްގެ ކޯޗުގެ މަސައްކަތްތަކުން ގިގްސް ވަގުތީ ގޮތުން އެކަހެރި ކޮށްފައެވެ. އަދި އޭނާގެ ބަދަލުގައި ވޭލްސް ޓީމަށް މިހާތަނަށް އިރުޝާދުދެމުން އައީ އެސިސްޓަންޓް ކޯޗު ރޮބާޓް ޕޭޖެވެ. ހުކުރު ދުވަހުގެރޭ އެފްއޭޑަބްލިއުއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގިގްސްގެ މައްޗަށް ދައުވާކުރަން ނިންމުމާއެކު މި އަހަރުގެ ހޫނު މޫސުމަށް ތާވަލުކޮށްފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވޭލްސްގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނީ މިހާރުވެސް އެ ޒިންމާ އަދާކުރަމުން އަންނަ ޕޭޖް ކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލައިގައި ގިގްސްއަށް ދައުވާކުރިއިރު، މި މައްސަލަ ގިގްސްގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާއަށް ވޭލްސްގެ ކޯޗުކަން ގެއްލޭނެއެވެ. އެކަމަކު އެއީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެ ގިގްސް ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ވޭލްސްގެ ކޯޗުކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް ގިގްސް ހަމަޖައްސާފައިވަނީ 2018 ވަނަ އަހަރުއެވެ. ޔުނައިޓެޑަށް 700 އަށްވުރެން ގިނަ މެޗު ކުޅެދީފައިވާ ގިގްސް މީގެ ކުރިން އެ ޓީމަށްވެސް އިރުޝާދުދީފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ވޭލްސްއިން މިހާތަނަށް ވަނީ 24 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 12 މެޗުން ވޭލްސް މޮޅުވެފައިވާއިރު، އަށް މެޗުން ވަނީ ބަލިވެފައެވެ. އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް