ގެވެށި އަނިޔާގެ މައްސަލައިގައި ކުރާ ދައުވާއަށް ވޭލްސްގެ ކޯޗު ރަޔާން ގިގްސް އިންކާރުކޮށްފިއެވެ.
ލޯބިވެރިޔާއަށް ހަމަލާ ދިނުމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފުލުހުން ވަނީ އުމުރުން 47 އަހަރުގެ ގިގްސް ހައްޔަރުކޮށްފައެވެ. އެކަމަކު ފަހުން ކަފާލާތުގެ ދަށުން ފުލުހުން ވަނީ ގިގްސް ދޫކޮށްލާފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ގިގްސް ވަނީ އޭނާގެ ލޯބިވެރިޔާ ކޭޓް ގްރެވިލްއަށް 2017 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އަނިޔާކޮށްފައެވެ. އެހެންކަމުން އެ މައްސަލަ މެންޗެސްޓާގެ ފުލުހުންނަށް ރިޕޯޓުކުރީވެސް ކޭޓް އަމިއްލައަށެވެ.
މި މައްސަލައިގެ ތަހުގީގު ނިންމާލުމަށްފަހު އޭޕްރީލް މަހުގެ ތެރޭގައި ގިގްސްގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލާފައެވެ. އޭގެ ތެރޭގައި މާރަމާރީ ހިންގުންވެސް ހިމެނެއެވެ. މައްސަލައިގެ އަޑުއެހުމެއް ހުކުރު ދުވަހު މެންޗެސްޓާ ކްރައުން ކޯޓުގައި ބޭއްވިއިރު، އެ އަޑުއެހުމުގައި ގިގްސް ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. މީގެ އިތުރުން ގިގްސްގެ ލޯބިވެރިޔާގެ ދައްތަ އެމާ ގްރެވިލްއަށްވެސް ގިގްސް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭއިރު، އެކަމަށްވެސް ގިގްސް ވަނީ އިންކާރުކޮށްފައެވެ.
މި މައްސަލައިގެ އަޑުއެހުމެއް ހުކުރު ދުވަހު ބޭއްވިއިރު، އިތުރު އަޑުއެހުމެއް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ބާއްވަން މެންޗެސްޓާ ކްރައުން ކޯޓުން ވަނީ ނިންމާފައެވެ.
ގިގްސްގެ މައްސަލަ ބަލަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް ވޭލްސް (އެފްއޭޑަބްލިއު) އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ވޭލްސްގެ ކޯޗުގެ މަސައްކަތްތަކުން ގިގްސް ވަގުތީ ގޮތުން އެކަހެރި ކޮށްފައެވެ. އެއާއެކި މި ފަހަރުގެ ޔޫރޯގައި ވޭލްސް ޓީމަށް އިރުޝާދުދީފައިވަނީ އެސިސްޓަންޓް ކޯޗު ރޮބާޓް ޕޭޖެވެ. ރިޕޯޓުތައް ބުނާ ގޮތުން މި މައްސަލަ ގިގްސްގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާއަށް ވޭލްސްގެ ކޯޗުކަން ގެއްލޭނެއެވެ.
ވޭލްސްގެ ކޯޗުކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް ގިގްސް ހަމަޖައްސާފައިވަނީ 2018 ވަނަ އަހަރުއެވެ. ޔުނައިޓެޑަށް 700 ށްވުރެން ގިނަ މެޗު ކުޅެދީފައިވާ ގިގްސް މީގެ ކުރިން އެ ޓީމަށްވެސް އިރުޝާދުދީފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ވޭލްސްއިން މިހާތަނަށް ވަނީ 24 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 12 މެޗުން ވޭލްސް މޮޅުވެފައިވާއިރު، އަށް މެޗުން ވަނީ ބަލިވެފައެވެ. އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.