އއ. މަތިވެރިން ހުކުރު ދުވަހު އެކަނިވެސް 67 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެރަށު ހެލްތު ސެންޓަރުން ބުނެފިއެވެ.
އެރަށު ހެލްތު ސެންޓަރުން ބުނީ 22 އޭޕްރީލްގައި ނެގި 150 ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބިފައިވަނީ 138 ސާމްޕަލެއްގައެވެ. އޭގެތެރެއިން 67 ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު ނަތީޖާ ނުލިބޭ 12 ސާމްޕަލެއްވާ ކަމަށް ހެލްތު ސެންޓަރުން ބުނެއެވެ. މިއާއެކު މިވަގުތު އެރަށުގައި 86 ކޭހެއް އަންނަނީ އެކްޓިވް ކޭސްތަކުގެ ގޮތުގައި ރިޕޯޓްކުރަމުންނެވެ.
މަތިވެރިންް ހދ. ހަނިމާދޫ އަށް ދަތުރުކުރި ތިން މައިންގެ ތެރެއިން މަންމަ އަކާއި ދަރިއަކު ޕޮޒިޓިވްވެ ހަނިމާދޫ ވެސް އޮތީ މޮނީޓަރިންގަ އެވެ.
މަތިވެރިން ގިނަ އަދަދެއްގެ ކޮވިޑް ކޭސްތަކެއް ފެންނަމުންދާތީ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ހެލްތު ސެންޓަރުން ބުނެއެވެ.
މަތިވެރިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ރަށް މޮނީޓަރިން އަށް ލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.