ކ. މާލެ
|
24 އޭޕްރިލް 2021 | ހޮނިހިރު 05:00
ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)
ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)
އެފްއޭއެމް
ޓީސީ އާއި އީގަލްސްގެ މެޗު
މާޒިޔާގައި ހުރެ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާއަށް ނުބަލަން: ނިޒާމްބެ
 
ލީގު ތާވަލުގައި ދެ ޓީމަށްވެސް ލިބިފައިވަނީ 13 ޕޮއިންޓް
 
ޓީސީ އާއި އީގަލްސްގެ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 22:00 ގައި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗަކަށްހުރެ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާއަށް ބަލައިގެން އެ ޓީމާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުނުވާނެ ކަމަށް މިހާރު ޓީސީ ސްޕޯޓްސް ކުލަބަށް އިރުޝާދުދެމުން އަންނަ މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މި ސީޒަން ފެށިއިރު ނިޒާމްބެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރީ މާޒިޔާގައެވެ. މާޒިޔާއާއެކު ނިޒާމްބެ އެންމެ ފުރަތަމަ ނުކުތީ ސީޒަން ހުޅުވުމަށް ކުޅުނު ޗެރެޓީ ޝީލްޑް މެޗަށް އީގަލްސްއާ ދެކޮޅަށެވެ. އެ މެޗުގައި ފަހަތުން އަރާ 3-2 ގެ ނަތީޖާއަކުން އީގަލްސް ވަނީ މާޒިޔާ ބަލިކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ލީގުގައި ހޮނިހިރު ދުވަހުގެރޭ އީގަލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިޒާމްބެ ބުނީ އެއްވެސް އިރެއްގައި ކުރީގެ ނަތީޖާއަށް ބަލައިގެން، އެއްވެސް ބަޔަކާ ޗެލެންޖުކޮށް، ކުރިއަށް އޮތް މެޗަށް ނުނިކުންނާނެ ކަމަށާއި، އެގޮތުން ކުރިއަށް އޮތް މެޗަށް ނުކުންނާނީ ޓީސީގެ މިހާރުގެ ހާލަތަށް ބަލައި، ޓީސީއަށް އެންމެ ބޭނުންވާ މަސައްކަތްކުރަން ކަމަށެވެ. އަދި އިދިކޮޅުގައި ކޮންމެ ޓީމެއް އޮތް ކަމުގައި ވިޔަސް، އޭނާ ނުކުންނާނީ މޮޅުވުމުގެ އަޒުމުގައި އެ މަސައްކަތްކުރަން ކަމަށާއި، އަދި މި ވަގުތު ކުރަމުން އަންނަ މަސައްކަތަކީ ޓީސީގެ ކަންކަން ރަނގަޅު ކުރުން ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ އޭއެފްސީ ކަޕަށް އީގަލްސް ނުކުތް ފަހުން އެ ޓީމުގެ ކުޅުމުން ބޮޑު ބަދަލެއް ފެނުނު ކަމަށާއި، އެގޮތުން އީގަލްސްގެ މޯޓިވޭޝަން މިހާރު މަތިވެފައިވާ ކަމަށެވެ. އަދި އީގަލްސްގައި މިހާރު ތިބި ކުޅުންތެރިންނަކީ އެއްކޮށް ގިނަ ދުވަސްތަކެއްވަންދެން ކުޅެފައި ތިބި ކުޅުންތެރިންތަކެއް ކަމަށާއި، އީގަލްސްގެ ސްކޮޑަކީ ހުނަރުން ފުރިގެންވާ ސްކޮޑެއް ކަމަށްވެސް ނިޒާމްބެ ވަނީ ބުނެފައެވެ.

ޓީސީ މެޗުގެ ކުރިން އީގަލްސްގެ ކޯޗު އަދި މި ސީޒަން ފެށިއިރު ޓީސީގެ ކޯޗެއްގެ ގޮތުގައި ހުރި މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ މި މެޗަށް ނުކުންނައިރު އީގަލްސް އޮތީ މެޗަށް ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވެފައި ކަމަށެވެ. ޓީސީއާ ބެހޭ ގޮތުންް ޝާޒްލީ ބުނީ އެ ޓީމުގެ ކުޅުމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، މިހާރުގެ ޓީސީއަކީ ކުރީގެ ޓީސީއެއް ނޫން ކަމަށެވެ.

ޝާޒްލީ ބުނީ އޭއެފްސީ ކަޕާ އެއްވަރަށް އީގަލްސްއަށް ލީގުވެސް މުހިންމު ކަމަށާއި، ދެވަނަ ބުރު ގަދަ ހައެއްގައި އޮވެގެން ނިންމާލުމަކީ އީގަލްސްގެ އަމާޒެއް ކަމަށެވެ. އަދި އޭއެފްސީ ކަޕް ކުޅުނަސް އެއީ ދައްކަންވީ ބަހަނާއެއް ނޫން ކަމަށާއި، ލިބޭ ގެއްލުންތަކާ އެއްވަރަށް އެކަމުން ފައިދާތަކެއް ލިބޭ ކަމަށްވެސް ޝާޒްލީ ބުންޏެވެ.

ލީގުގައި ޓީސީ އާއި އީގަލްސް ބައްދަލުކުރާއިރު، ތާވަލުގައި ދެ ޓީމަށްވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. އެކަމަކު ޓީސީން 13 ޕޮއިންޓް ހަމަކޮށްފައިވަނީ އީގަލްސްއަށްވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ. އެގޮތުން ތާވަލުގެ ހަވަނައިގައި ޓީސީ އޮތްއިރު، އީގަލްސް އޮތީ ތާވަލުގެ ހަތްވަނައިގައެވެ. އެހެންކަމުން މި މެޗުން މޮޅުވާ ޓީމަކަށް ލީގު ތާވަލުގެ ފަސްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 22:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
100%
0%
0%
0%
0%
ކޮމެންޓް