2030އާ ހަމައަށް ދާއިރު، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު %50އަށް ދަށް ކުރުމުގެ އަމާޒާއެކު، އެެމެރިކާގެ ރައީސް އެގައުމުގެ ތިމާވެއްޓާ ގުޅޭ މުހިންމު ސިޔާސަތުތަކެއް އިއުލާން ކުރައްވައިފިއެވެ.
ރިޔާސީ ދައުރުގެ އެޖެންޑާގެ އެންމެ ކުރިޔަށް ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުން ގެންނަވާނެ ކަމަށް، ރިޔާސީ ކެމްޕޭންގެ ތެރޭގައި ވެސް ބައިޑަންވަނީ ވައިދުވެވަޑައިގެންފައެވެ. އެހެންކަމުން ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް އަމާޒުކޮށް، ދުނިޔޭގެ 40 ގައުމެއްގެ ވެރިން ބައިވެރިވާ ގޮތަށް ވައިޓް ހައުސްގައި ސަމިޓެއް ބޭއްވުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ. ބައިޑަންގެ ރިޔާސަތުގެ ދަށުން ބޭއްވުމަށް ތައްޔާރުވަމުންދާ މި ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ވާރޗުއަލްކޮށެވެ.
މި ސަމިޓްގެ މަގުސަދަކީ، އެމެރިކާގެ ކުރީގެ ރައީސް، މަޝްހޫރު ޕެރިސް އެގްރީމަންޓުން އެމެރިކާ ވަކި ކޮށްފައިވަނިކޮށް، ތިމާވެއްޓާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެމެރިކާގެ ލީޑަރޝިޕް ދައްކަވާނެކަމަށް ބައިޑެން ވެވަޑައިގެންފައިވާ ވައުދުތައް އިތުރަށް ޔަގީން ކޮށްދިނުމުގެ މަގުސަދުގައި ބާއްވާ ސަމިޓެކެވެ. ބައިޑްން އެމެރިކާގެ ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު، ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތައް ވަނީ އޭނާގެ ސަރުކާރުގެ މުހިންމު އަމާޒަކަށް ހައްދަވާފައެވެ. އަދި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހު، ބައިޑަން ވަނީ ޕެރިސް މުއާހަދާއާ އަލުން ގުޅިވަޑައިގެންފައެވެ.
އެމެރިކާއިން ރިޔާސަތު ބެލެހެއްޓުމަށް ހަމަޖެހިފައިވާ މިސަމިޓްގެ ކުރިން، ވަކީން ޚާއްސަކޮށް ތިމާވެށީގެ ވައުދުތައް ފުއްދުމުގައި ފަހަތުގައި އުޅޭ ގައުމުތަކުން އުއްމީދީ ވައުދުތަކެއް ވުމަށް އޮފިޝަލުން ގެންދަވަނީ ބާރު އަޅުއްވަމުންނެވެ.
މި ސަމިޓުގައި ބައިވެރިވާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރޭގައި، ޗައިނާ، އިނގިރޭސިވިލާތް، އިންޑިއާ، ކެނެޑާ، ފްރާންސް، ޖާމަނީ، ސައުތު އެފްރިކާ، ބަންގްލާދޭޝް، އިންޑޮނޭޝިއާގެ އިތުރުން ރަޝިއާ ވެސް ހިމެނެއެވެ.
ސަމިޓްގެ ކުރިން އޮބްޒާވަރުންގެ އަމާޒު ހުއްޓިފައިވަނީ، ޖައްވަށް އެންމެ ގިނަ އަދަދަކަށް ވިހަ ގޭސް ދޫކުރަމުންދާ ގައުމު ކަމުގައި ޗައިނާއިން މި ސަމިޓްގައި ތިމާވެށި ރައްކާތެރި ކުރުމަށްޓަކާ ވާނެ ވައުދުތަކެއްގެ މައްޗަށެވެ. މި ސަމިޓުގައި ޗައިނާގެ ރައީސްގެ ޚާއްސަ ބަޔާނެއް އިއްވަވާނެކަން އެގައުމުންވަނީ ހާމަކޮށްފައެވެ.
ބުރާސްފަތި ދުވަހު، ތިމާވެށި ރައްކާތެރި ކުރުމުގެ ދުރު ރާސްތާ ޕްލޭން އިއުލާން ކުރައްވަމުން، ޖޯ ބައިޑަން ވަނީ އެގައުމުން ޖައްވަށް ދޫކުރާ ކާބަންގެ މާއްދާތަކުގެ މިންވަރު 2005 ވަނަ އަހަރުގައި ހުރި މިންވަރު 2030 ވަނަ އަހަރާ ހަމައަށް ދާއިރު %50އަށް ދަށްކުރުމަށް އަމާޒު ހިފާފައިވާކަން އިއުލާން ކުރައްވާފައެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ގެންގުޅުއްވި ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމު ސިޔާސަތުތައް އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އޮބާމާ ސޮއި ކުރައްވާފައިވާ ޕެރިސް އެގްރީމަންޓުން ޓްރަމްޕްވަނީ ވަކިވެފައެވެ.
އެހެންނަމަވެސް ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ބައިޑަން ވަނީ މި އެއްބަސްވުމާ ގުޅިވަޑައިގެންފައެވެ.