ކ. މާލެ
|
22 އޭޕްރިލް 2021 | ބުރާސްފަތި 17:35
އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް އިސްމާއިލް ހަބީބު ރާއްޖެއެމްވީއަށް އިންޓަވިއު ދެއްވަނީ
އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް އިސްމާއިލް ހަބީބު ރާއްޖެއެމްވީއަށް އިންޓަވިއު ދެއްވަނީ
ރާއްޖެއެމްވީ
އިންތިޚާބުގެ ދާއިމީ ނަތީޖާ
ހޮނިހިރު ދުވަހުގެ ނިޔަލަށް ދާއިމީ ނަތީޖާ އިއުލާންކޮށް ނިމޭނެ: އިލެކްޝަންސް
މައްސަލަ ޖެހުނު ފޮށީގެ ވޯޓުލުން ކުރިއަށް ގެންދާނެ ދުވަހެއް ކަނޑައަޅާނީ ދާއިމީ ނަތީޖާ އިއުލާންކޮށް ނިމުމަށްފަހު

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދާއިމީ ނަތީޖާ ހޮނިހިރު ދުވަހުގެ ނިޔަލަށް އިއުލާންކޮށް ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ބުރާސްފަތި ދުވަހުގެ އިތުރަށް ހުކުުރާއި ހޮނިހިރު ދުވަހު ވެސް ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ. ކުރިން ނިންމާފައިވާ ގޮތަށް ދާއިމީ ނަތީޖާ ހޮނިހިރު ދުވަހުގެ ނިޔަލަށް އިއުލާންކޮށް ނިމޭނެ ކަމަށެވެ.

ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާއިރު އިންތިޚާބާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކަށް ބެލުމަށްފަހު، ތިން ވޯޓުފޮއްޓެއްގެ ވޯޓުލުން އަލުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އެގޮތުން ތ. ގާދިއްފުށީ ވޯޓު ފޮއްޓާއި ލ. މާވަށު ދެ ފޮއްޓެއްގެ ވޯޓުލުން އަލުން ކުރިއަށްގެންދިޔުމަށް ނިންމާފައިވެއެވެ. މި ތިން ފޮށީގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދާއިރާއަށް ނިސްބަތްނުވާ މީހުން އެ ފޮށިތަކަށް ވޯޓުލީ މައްސަލައާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ދާއިމީ ނަތީޖާ އިއުލާންކޮށް ނިންމުމަށްފަހު މައްސަލަ ޖެހުނު ތިން ފޮއްޓެއްގެ ވޯޓުލުން އަލުން ކުރިއަށް ގެންދާނެ ދުވަހެއްގެ މަޝްވަރާތައް ފަށާނެ ކަމަށެވެ.

- ކޮމެންޓް