ދިވެހިރާއްޖެއާއި ކުވޭތާ ދެމެދު 2 މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫ ތަކުގައި ސޮއިކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ ކުވޭތު ސިޓީގައި ހުންނަ ކުވޭތުގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި 2 އެމްއޯޔޫ އަކީ "މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިން އޮން ކޯޕަރޭޝަން ބިޓްވީން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ސްޓޭޓް އޮފް ކުވޭތު" އާއި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ސްޓޭޓް އޮފް ކުވޭތު އިން ދަ ފީލްޑް އޮފް ޓޫރިޒަމް" އެވެ. މި އެމްއޯޔޫ ތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދެވެ. ކުވޭތުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއަރޒް ޑރ. އަހުމަދު ނާސިރް އަލް މުހައްމަދު އަލް އަހުމަދު އަލް ޖާބިރް އަލް ސަބާހެވެ.
މި އެމްއޯޔޫ ތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމުގެ ދާއިރާގައި އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވި އަދި ކުރިއަށް އޮތްތަނުގައި ދެގައުމުގެ ސަރުކާރުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތައް ތަންފީޒު ކުރުމަށް އިތުރަށް ފަސޭހަ ވެގެންދާނެއެވެ.
ކުވޭތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކުވައިތުގެ ބޮޑުވަޒީރު ޝައިޚް ސަބާހު ޚާލިދު އަލް ހަމަދު އަލް ސަބާހުއާ ވެސް ބައްދަލުކުރައްވާފައެވެ.