ކ. މާލެ
|
21 އޭޕްރިލް 2021 | ބުދަ 22:30
އެސްޓީއޯ އެގްރިސެންޓަރ
އެސްޓީއޯ އެގްރިސެންޓަރ
ރާއްޖެ އެމްވީ
އެސްޓީއޯ އެގްރިސެންޓަރ
އެގްރިސެންޓަރުން ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދޭނެ ކަމުގެ ޔަގީންކަން
އެގްރިސެންޓަރުގެ މަސައްކަތަކީ ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރުގައި ވިއްކުމަށް ހުރި ގޮންޖެހުންތައް ނައްތާލުން
ދަނޑުވެރިން ފޮނުވާ ތަކެތި ކިރުމަށްފަހު ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އެ ތަކެއްޗަށް ޖެހޭ ވަރު ދަނޑުވެރިއާއަށް އަންގާނެ
އެގްރިސެންޓަރުން ގަންނަ ތަކެތީގެ ފައިސާ ދެ ދުވަހުގެ ތެރޭގައި ދަނޑުވެރިޔާގެ އެކައުންޓަށް ޖަމާކުރެވޭނެ

އެގްރިސެންޓަރުން ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމަ އަގު ހޯދައިދޭނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ރާއްޖެއެމްވީއާ ވާހަކަދަކަވަމުން އެސްޓީއޯ އެގްރިސެންޓަރުގެ އޮޕަރޭޝަންސް މެނޭޖަރ މުހައްމަދު ޝަހާދު ވަނީ ބާޒާރުގައި މޭވާއާއި ތަރުކާރީ ކިތަންމެ އަގުބޮޑުކޮށް ވިއްކަމުންދިޔަ ނަމަވެސް، އޭގެ ނަފާ މިހާރު ލިބެނީ ދަނޑުވެރިންނަށް ނޫންކަމަށާއި، އެސްޓީއޯ އެގްރިސެންޓަރުގެ މަސައްކަތަކީ ދަނޑުވެރިޔާގެ އުފެއްދުން ބާޒާރުގައި ވިއްކުމާއި ދެމެދުގައި ހުރި ގޮންޖެހުންތައް ނައްތާލައި ދަނޑުވެރިން ކުރާ މަސައްކަތުގެ އަގު ސީދާ އެދަނޑުވެރިންނަށް ދިނުން ކަމަށް ވިދާޅުވެފައެވެ.

ދިވެހި ދަނޑުވެރިން ހައްދާ ހުރިހާ ބާވަތެއް ގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އެގްރިސެންޓަރަށް ދަނޑުވެރިން ފޮނުވާ ތަކެތި ކިރުމަށްފަހު ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އެ ތަކެއްޗަށް ޖެހޭ ވަރު ދަނޑުވެރިއާއަށް މެސެޖެއް މެދުވެރިކޮށް އަންގާނެ ކަމަށް ޝަހާދު ވިދާޅުވިއެވެ. އަދި ދެ ދުވަހުގެ ތެރޭގައި އެއަށްވާ ފައިސާ ދަނޑުވެރިޔާގެ އެކައުންޓަށް ޖަމާކުރެވޭނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

މީގެ އިތުރުން އެގްރިސެންޓަރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގައި އުފައްދާ ބާވަތްތައް އިތުރުކޮށް އިމްޕޯޓްކުރާވަރު މަދުކުރުމެވެ. އެގްރިސެންޓަރުން ގަންނަ ތަކެތި ރިސޯޓުތަކަށް ހޯލްސޭލްކުރުމަށްވެސް ވަނީ އަމާޒު ހިފާފައެވެ.

އެގްރިސެންޓަރުގެ މަސައްކަތް މިހާރު ރަސްމީކޮށް ފަށާފައިވާއިރު، އެސެންޓަރުގައި 200ށް ވުރެ ގިނަދަނޑުވެރިން މިހާރުވެސް ރަޖިސްޓްރީ ކޮށްފައިވާކަމަށް ޝަހާދު ވިދާޅުވިއެވެ. ރަޖިސްޓްރީވާން ބޭނުންވާ ދަނޑުވެރިންނަށް އަދިވެސް އެ ފުރުސަތު ހުޅުވާލާފައިވާއިރު، އެގްރި ސެންޓަރަށް ތަކެތި ގަންނަ އަގުތައް ކަނޑައަޅައި ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.

އެގްރިސެންޓަރާއެކު ދަނޑުވެރިން ހައްދާ ތަކެތި ވިއްކޭނެ މަގުފަހިވެގެން ދިއުމާއިއެކު، ސީސަނަލްކޮށް ކުރަމުން އައި ދަނޑުވެރިކަމުގެ ސަގާފަތަށް ބަދަލު އަންނާނެ ކަމަށާއި އެގްރިސެންޓަރުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސް ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް ޝަހާދު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް