އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރުވީ ފުލުހެއްގެ އަނިޔާއިންކަން އެނގި ފުލުސްމީހާގެ ކުށް ސާބިތުވެއްޖެއެވެ.
ކޯޓުގެ އަޑުއެހުން 10 ގަޑިއިރަށް ދެމިގެންދިޔައިރު ފުލުސް މީހާގެ މައްޗަށް ކޮށްފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. ޕްރޮސެކިއުޓަރުން ވަނީ ފުލުސް މީހާގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެދިފައެވެ.
ސަރިޔަތް ކުރިޔަށްދިޔަ ކޯޓު ދޮށުގައި ފްލޮއިޑްގެ މަރަށް އިންސާފް ހޯދުމަށް އެތައް ސަތޭކަ ބަޔަކު އެއްވެ އަޑުއުފުލާފައިވެއެވެ.
މައްސަލައިގެ ހުކުމާ ހަމަޔަށް އާދެވުމާއެކު ޖޯޖް ފްލޮއިޑްގެ އާއިލާއަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވައިފައެވެ. ފްލޮއިޑް މަރުވެދިޔުން ބަދަލުކުރެވެން ނެތް ކަމަށާއި އެކަމަކު މިހާރު އިންސާފް ހޯދިއްޖެކަން ގަބޫލުކުރައްވާ ކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކަޅު ނަސްލުގެ މީހުންގެ ހައްގުތައް ހިމާޔަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ އާއިލާއަށް ރައީސް ބައިޑެން ވަނީ ދެއްވައިފައެވެ.
ޖޯޖް ފްލޮއިޑްގެ މަރުގެ ހާދިސާ ހިނގައިދިޔައީ އެމެރިކާގެ މިނިއާޕޮލިސް ގައެވެ. މަންޒަރު ބަލަން ހުރި މީހަކު ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯއަކުން ދޮން ނަސްލުގެ ފުލުހަކު ފްލޮއިޑްގެ ކަނދުރާއަށް ކަކުލުން އަރާފައިވާ މަންޒަރު ފެނެއެވެ. އޭނާ ބިންމަތީގައި އޮވެގެން ނޭވާ ނުލެވިގެން އަހަަންނަކަށް ނޭވާވެސް ނުލެވެޔޭ ބުނާ އަޑު ދެތިން ފަހަރަކު އިިވެއެވެ. ފްލޮއިޑް މަރުވެފައިވަނީ ފުލުސް މީހާގެ މި އަމަލުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ.
މަންޒަރު ބަލަން ތިބި މީހުން ފްލޮއިޑަށް ނޭވާ ނުލެވޭ ކަމަށް ބުނުމުންވެސް ފުލުސް މީހާ އަޅާ ނުލައެވެ. ނޭވާ ހާސްވެގެން އާދޭސް ކުރިއިރު އޭނާ އޮތީ އަނގަވަތަށް ވައްޓާލައި ފަހަތަށް ބިޑިވެސް އަޅުވައިފައެވެ. އެތަނުން އެމްބިއުލާންސެއްގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ފްލޮއިޑް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.