އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑުގެ މަރުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ފުލުސް އޮފިސަރު އެ މައްސަލައިގެ ޝަރީއަތް އަލުން ކުރިއަށް ގެންގޮސްދިނުމަށް އެދިއްޖެއެވެ.
ފްލޮއިޑުގެ މަރާއި ގުޅިގެން ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޑެރެކް ޝޯވިންގެ މައްޗަށެޗެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. ޕްރޮސެކިއުޓަރުން ވަނީ ފުލުސް މީހާގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެދިފައެވެ. އަންނަ މަހު އޭނާގެ މައްޗަށް ޙުކުމް ކުރުމަށް ނިންމާފައިވާއިރު، ޑެރެކްގެ ވަކީލު ވަަނީ އޭނާގެ މައްޗަށް ޝަރީއަތް ހިންގާފައިވަނީ އިންސާފުން ނޫން ކަމަށް ބުނެފައެވެ. ނަމަވެސް މި މައްސަލައިގައި ހުށައަޅާފައިވާ ހެކިތަކަށް ބަލާއިރު، އަލުން ޝަރީއަތް ހިންގުމަށް ޖޫރީން އެއްބަސްވާނެ ކަމަށް ނުބެލެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖޯޖް ފްލޮއިޑްގެ މަރުގެ ހާދިސާ ހިނގައިދިޔައީ އެމެރިކާގެ މިނިއާޕޮލިސް ގައެވެ. މަންޒަރު ބަލަން ހުރި މީހަކު ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯއަކުން ދޮން ނަސްލުގެ ފުލުހަކު ފްލޮއިޑްގެ ކަނދުރާއަށް ކަކުލުން އަރާފައިވާ މަންޒަރު ފެނެއެވެ. އޭނާ ބިންމަތީގައި އޮވެގެން ނޭވާ ނުލެވިގެން އަހަަންނަކަށް ނޭވާވެސް ނުލެވެޔޭ ބުނާ އަޑު ދެތިން ފަހަރަކު އިިވެއެވެ. ފްލޮއިޑް މަރުވެފައިވަނީ ފުލުސް މީހާގެ މި އަމަލުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ.
މަންޒަރު ބަލަން ތިބި މީހުން ފްލޮއިޑަށް ނޭވާ ނުލެވޭ ކަމަށް ބުނުމުންވެސް ފުލުސް މީހާ އަޅާ ނުލައެވެ. ނޭވާ ހާސްވެގެން އާދޭސް ކުރިއިރު އޮތީ އަނގަވަތަށް ވައްޓާލައި ފަހަތަށް ބިޑިވެސް އަޅުވައިފައެވެ. އެތަނުން އެމްބިއުލާންސެއްގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ފްލޮއިޑް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.