މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ބިދޭސީން މަސައްކަތްކުރުމުގެ ހުއްދަދީފިއެވެ.
ބިދޭސީން މަސައްކަތްކުރުމުގެ ހުއްދަދީފައިވަނީ ސީދާ މަސްވެރިކަންކުރުމުގައި ބިދޭސީންގެ ބައިވެރިވުން ނުހިމެނޭ ގޮތަށެވެ. ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ، މަސްވެރިކަންކުރުމުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ޙަރަކާތްތެރިވުމާ ގުޅޭ މައްސަލަތަކަށް އެކިފަހަރު މަތިން ދަޢުލަތުގެ ކަމާގުޅޭ އެކި މުއައްސަސާތަކާއި އޮޑިވެރިންނާއި މަސްވެރިން، އަދި މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށްފައިވާކަމަށެވެ.
މަސް ދޯނިފަހަރުގައި ކުރާބައެއް މަސައްކަތްތަކަށް ދިވެހިން ނުލިބުމުގެ ދަތިކަން އޮޑިވެރިން ފާހަގަކޮށްފައިވާކަމަށާއި، ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ޙަރަކާތްތެރިވަމުންދިއުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމަކީ ޤާނޫނާއި ގަވާއިދާ ޚިލާފު ޙަރަކާތްތައް ހިންގަމުންދާ މަސްވެރިކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ ބޮޑެތި ބައެއް ރީޓެއިލަރުން ފާޅުކުރަމުން އަންނާތީވެ، ބިދޭސީން ޙަރަކާތްތެރިވުމުގެ ހުއްދަދިނުމަށް ނިންމީކަމަށެވެ.
މި ހުއްދައިގެ ދަށުން އެ އުޅަނދެއްގައި މަސައްކަތްކުރުމަށް ހޯދާ ވޯކްޕާމިޓެއްގެ ދަށުން ދެ ބިދޭސީންނަށް ޙަރަކާތްތެރިވުމުގެ ފުރުޞަތުލިބޭނެއެވެ. އަދި މަސްވެރިކަމުގެ އާންމު ގަވާއިދަށާއި ވަކިވަކި މަސްވެރިކަމާ ގުޅޭގޮތުން އާންމުކޮށްފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުގެ ދަށުންނާއި، އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ގަވާއިދުގެ ދަށުން މަސްވެރި ކޮންމެ އުޅަނދެއްގައި ދެ ބިދޭސީންނަށް ޙަރަކާތްތެރިވެވޭނެއެވެ.
މަސްވެރިއުޅަނދުތަކުގައި ބިދޭސީންނަށް މަސައްކަތްކުރެވޭނީ، ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކުރާ ނުވަތަ ބަލަހައްޓާ މީހެއްގެ ގޮތުގައެވެ. އަދި ބިދޭސީން ޙަރަކާތްތެރިވުމަށް ހުއްދަދިނުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމުގެ ލައިސަންސް ނަގައިގެން ދޮށީގެ ނުވަތަ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުތަކަށެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޚާއްސަ ސިފަތައް އޭގެ އަސްލު ނުގެއްލި ހިފެހެއްޓުމަކީ މުޙިއްމުކަމެއްކަމަށާއި، މަސްވެރިކަމުގެ ގަވާއިދުތަކަށް ގެނެވޭ މިފަދަ ކޮންމެ ބަދަލަކީ، މަސްވެރިންނާއި އޮޑިވެރިންނާ މަޝްވަރާކުރެވި މުޅި ޞިނާޢަތުގެ މަންފާއަށްޓަކައި އަޅާ ފިޔަވަޅެއްކަމަށް މިނިސްޓްރީން ބުނެއެވެ. ގަވާއިދުތަކަށް ގެނެވުނު ބަދަލާއެކު މަސްވެރި އުޅަނދުފަހަރުގައި ޙަރަކާތްތެރިވާ ބިދޭސީންނަކީ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ސައްޙަ ހުއްދައެއް އޮވެގެން ޙަރަކާތްތެރިވާ މީހުންކަން ޔަޤީންކުރުމަށް އެ މިނިސްޓްރީގެ ފަރާތުން އޮޑިވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.