ކުރީގެ ރައީސް އަބްދުﷲ ޔާމީން ފައިޒަރ ވެކްސިން ޖައްސަވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން މައުލޫމާތު ދޭ ގޮތުގައި ރައީސް ޔާމީން ވެކްސިން ޖައްސަވާފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ވެކްސިން ޖައްސަވާފައިވަނީ އޭޑީކޭއިންނެވެ. އަދި ރައީސް ޔާމީން ޖައްސަވާފައިވަނީ ފައިޒަރ ވެކްސިން ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބެއެވެ.
ވެކްސިން ޖެއްސެވުމަށްފަހު މިހާރު ރައީސް ޔާމީން ވަނީ އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައެވެ.
ރިޕޯޓުތައް ބުނާގޮތުން ފައިޒަރ ވެކްސިނަކީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުންވެސް އެންމެ އަގުބޮޑުކަމަށް ފާހަގަކުރާ އެއް ވެކްސިނެވެ. ފައިޒަރ ކުންފުނިން ވަނީ އެ ކުންފުނީގެ ވެކްސިން ޖެހުމުން ކޮވިޑް ޖެހުން 91 އިންސައްތައަށް ދުރުކޮށްދޭ ކަމަށް ބުނެފައެވެ. އަދި ބަލި ޖެހިގެން ހާލަތު ބޮޑުވާ މިންވަރުވެސް 95 އިންސައްތައަށް ދަށް ކޮށްދޭކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ ވެކްސިން ޖަހާނީ މާލޭގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ފައިޒަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ޚާއްސަ ހާލަތްތަކެއްގައިވާ މީހުންނަށް އެކަނި ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. މި ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ މީހުންނަށެވެ.
ފައިޒަރ ވެކްސިން ޖެހުމަށްޓަކައި މީގެ ކުރިންވެސް ރައީސް ޔާމީން މާލެ ގެނައެވެ. ނަމަވެސް އޭރު ވެކްސިން ނުޖަހައި އަނބުރާ ގެންގޮސްފައިވަނީ ރައީސް ޔާމީން ވެކްސިން ޖެއްސެވުމަށް ގަބޫލު ނުވުމުން ކަމަށް ޚަބަރު ފެތުރިފައިވެއެވެ. އެކަމާ ގުޅޭގޮތުން ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބަޔާނެއްވެސް ނެރެފައިވެއެވެ. އެ ޓީމުން ވަނީ އެކަން ދޮގުކޮށް، ވެކްސިން ޖެހުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތައް އޭރު ހަމަޖައްސާފައި ނެތްކަމަށް ބުނެފައެވެ.