ސީރިއާގެ ރިޔާސީ އިންތިޚާބު އަންނަ މޭމަހު 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި އިންތިޚާބުގައި އެގައުމުގައި މިހާރު ވެސް ބާރުތައް އޮންނަ ބައްޝާރުލް އަސަދު އަތުން ބާރުތައް ބީވެގެން ނުދާނެ ކަމަށްވަނީ ބެލެވެން ފަށާފައެވެ. މިއީ ހަނގުރާމައިގެ ފަހުން އެގައުމުގައި ބާއްވާ ދެވަނަ އިންތިޚާބެވެ. ސީރިއާގެ ގާނޫނު ހަދާ މަޖިލީހުން، މެއި މަހުގެ 26 ވަނަ ދުވަހު ރިޔާސީ އިންތިޚާބު އޮންނާނެކަން އިއުލާން ކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ.
ގާނޫނު ހަދާ މަޖިލީހުގެ ރައީސް ހައްމޫދާ ސައްބާގް އާންމު ކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް، އިންތިޚާބުގައި ވާދަކުރުމަށްޓަކައި، މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އެޕްލިކޭޝަން ހުށަހެޅޭނެކަމަށާއި، ގައުމުން ބޭރުގައި ދިރިއުޅެމުންދާ ސީރިއާގެ ރައްޔިތުންނަށް އެގައުމެއްގައި ހުންނަ އެމްބަސީތަކުގައި، މޭ މަހުގެ 20 ވަނަ ދުވަހު މި އިންތިޚާބުގައި ވޯޓު ލެވޭނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.
ބައްޕާފުޅު، ހާފިޒުލް އަސަދު 2000 ވަނަ އަހަރު އަވަހާރަ ވުމާގުޅިގެން ސީރިއާގެ ވެރިކަމާ ހަވާލު ވެވަޑައިގެންނެވި، ބައްޝާރުލް އަސަދު، މި އިންތިޚާބުގައި ވާދަކުރައްވާނެކަން އަދި އިއުލާން ކުރައްވާފައެއް ނުވެއެވެ. ސީރިއާގައި އެންމެ ފަހުން ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ. އެއީ، އޭރުގެ ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ކުރެވެން ފެށި މުޒާހަރާތައް މައިތިރިކުރުމަށް ބާރުގެ ބޭނުން ކުރެވުނުތާ 3 އަހަރު ވީތަނާ ބޭއްވުނު ރިޔާސީ އިންތިޚާބެކެވެ. އެ އިންތިޚާބު ވެސް %90 އަށްވުރެ މަތިން ކާމިޔާބު ކޮށްފައިވަނީ ބައްޝާރުލް އަސަދެވެ.
އެއަށްފަހު، ސީރިޔާގައި ހިނގަމުންދާ އަހުލީ ހަގުރާމައިގެ ތެރެއަށް ރަޝިއާއިން ވަދެ، ބައްޝާރުގެ އަސްކަރިއްޔާއަށް ފޯރުކޮށްދިން އެހީތެރިކަމާއެކު، އޭރު އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވި ގިނަ ސަރަހައްދުތައް ބައްޝާރުގެ ސިފައިން އަލުން ވަނީ ހިފާފައެވެ. ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި މިހާރުވަނީ އެގައުމުގެ ހުޅަނގު އުތުރުގެ މަދު ސަރަހައްދު ތަކެކެވެ.
ސީރިއާގެ ގާނޫނު އަސާސީގައިވާ ގޮތުން، އެގައުމުގައި ރައީސްކަމުގައި އެއްބޭފުޅަކަށް ދެމިހުރެވޭނީ ގިނަވެގެން 7 އަހަރުގެ ދެ ދައުރުގައެވެ. އެހެންނަމެވެސް، މީގެތެރޭގައި 2014 ވަނަ އަހަރުގެ އިންތިޚާބީ ދައުރު ހިމަނާފައެއް ނުވެއެވެ.
އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހުންނަންޖެހޭ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، އިންތިޚާބުގެ ކުރިން ފާއިތުވެދިޔަ 10 އަހަރު މެދުނުކެނޑި ސީރިއާގައި ދިރިއުޅެފައިވުމެވެ. އެހެންކަމުން 51 އަހަރުވަންދެން ސީރިއާގައި ހިނގަމުންދާ އަސަދުގެ އާއިލާގެ ވެރިކަން ނިމުމަކަށް ގެނައުމަށް، އެ ގައުމުން ބޭރުގައި ތިއްބަވައިގެން މަސައްކަތް ކުރަމުންދާ އިދިކޮޅު ގިނަ ފަރާތްތަކަށް މިއިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެން ދާނެއެވެ. މީގެއިތުރުން، އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓެއްނަމަ، އިންތިޚާބަށް އެޕްލިކޭޝަން ހުށަހެޅުއްވޭނީ، ސީރިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަދުވެގެން 35 މެންބަރުންގެ ތާއީދާއެކުއެވެ.
ސީރިއާގެ ގާނޫނު ހަދާ މަޖިލީހަކީ ބައްޝާރުލް އަސަދުގެ ބާތު ޕާޓީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހެކެވެ.