ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ތަރި ޖޫޑް ބެލިންހަމް ހޯދަން ޗެލްސީން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން އެންމެ 17 އަހަރުގެ ބެލިންހަމަށް ޗެލްސީން ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނިއިރު، އޭނާ ވިދާލީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޖެހި ލަނޑާއެކުއެވެ. އެގޮތުން ސިޓީއާ ދެކޮޅަށް ކުޅުނު ދެ ލެގުގައިވެސް ބެލިންހަމް މޮޅު ކުޅުމެއް ދެއްކިއިރު، ދެވަނަ ލެގުގައި ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ލަނޑު ޖެހި ދެވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން އަންނަނީ ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ބެލިންހަމް ގަތުމަށް ތައްޔާރުވަމުންނެވެ. އެކަމަކު ބެލިންހަމް ވިދާލުމާއެކު، ޑޯޓްމުންޑުން ކުޑަ އަގެއްގައި އޭނާ ނުވިއްކާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ނޯވޭގެ ތަރި އާލިން ބްރައުންޓް ހާލަންޑާއި، އިންގްލެންޑުގެ ޒުވާން ތަރި ޖޭޑަން ސަންޗޯއެކޭ އެއްފަދައިން، ޑޯޓްމުންޑުން ބެލިންހަމް ވިއްކާނީ 100 މިލިޔަން ޕައުންޑަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިންގްލެންޑުގެ ސީނިއާ ޤައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް ދެ މެޗު ކުޅެފައިވާ ބެލިންހަމް ޑޯޓްމުންޑާ ގުޅުނީ މިދިޔަ އަހަރުގެ ޖުލައި މަހު 25 މިލިޔަން ޕައުންޑްގެ ފީއަކަށެވެ. އެކަމަކު ޑޯޓްމުންޑަށް ބަދަލުވުމުގެ ކުރިން އިނގިރޭސި ދެވަނަ ޑިވިޝަނުގެ ބާމިންހަމް ސިޓީއަށް ކުޅެމުން އައިރު ބެލިންހަމް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ވަނީ މަސައްކަތްކޮށްފައެވެ.
މިހާތަނަށް ޑޯޓްމުންޑުގައި ބެލިންހަމް ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ އެ ޓީމަށް 39 މެޗު ކުޅެދީ ތިން ލަނޑު ޖަހާފައެވެ. އަދި ވަނީ ޖަރުމަން ކަޕުގެ ތާރީޚުގައި، އެ މުބާރާތުގައި ލަނޑު ޖެހި އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ޑޯޓްމަންޑަށް ވާދަވެރި މެޗެއްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑު ހަދާފައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ މެޗެއްގައި ކުޅުނު އިންގްލެންޑަށް ނިސްބަތްވާ އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފުވެސް ބެލިންހަމް ވަނީ ހޯދާފައެވެ.