ވެކްސިން ޖަހަން ކިއުގައި ޖެހޭ މީހުންގެ އަދަދު އިތުރުވެ ރަމަޟާން މަހު ވެކްސިން ޖަހާ ގަޑި އިތުރު ކުރި ނަމަވެސް ކިއުތަކަށް ބަދަލު އައިސްފައި ނުވާތީ އާންމުންގެ ޝަކުވާ އިތުރުވެއްޖެއެވެ.
ކޮވިޑް-19 ވެކްސިންގެ އެއް ވަނަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހާ މީހުންގެ އަދަދު އިތުރުވެ މާލެ ސަރަހައްދުން ވެކްސިން ޖެހުމަށް ކިއުގައި ޖެހެން ޖެހޭ މީހުންގެ އަދަދު އިތުރުވުން ރޯދަ މަހު ވެކްސިން ޖަހައިދޭ ގަޑި ވަނީ ރޭގަނޑު 09:00ން 11:45ށް އިތުރުކޮށްދީފައެވެ. ނަމަވެސް މިގޮތަށް ގަޑި އިތުރުކުރުމުން ވެސް ގިނަ އިރު ކިއުގައި ހުންނަން ޖެހުމާއި، ވެކްސިން ޖެހުމަށްޓަކައި ކިއު ދިގުވުމުގެ ސަބަބުން ކިއުގައި ހުރެ، ބައެއް ފަރާތްތަކަށް ވެކްސިންޖެހުމުގެ ފުރުސަތު ވަނީ ނުލިބިފައެވެ.
އެގޮތުން ގިނަ އިރުތަކެއް ވަންދެން ކޮޅަށް ހުންނަން ޖެހުމުން އެކި ފަހަރުމަތިން ވެކްސިން ޖަހަން ދިއުމަށް ފަހު އަނބުރާދާ މީހުން ވެސް އިތުރުވެފައިިވެއެވެ. މިކަމުގެ ސަބަބުން މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ ގަޑި އިތުރުކުރުމުގެ އިތުުރުން، ވެކްސިން ޖެހުން ފަސޭހާވާނެ ގޮތްތައް ހަދައިދިނުމަށް އާންމުން އަންނަނީ އެޗްޕީއޭއަށް ގޮވާލަމުންނެވެ.
ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މިހާރު އަންނަނީ ދެވަނަ ޑޯޒް ދެމުންނެވެ. މާލެ ސަރަހައްދުގައި ދެވަނަ ޑޯޒް ދެމުން އަންނަނީ، ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ، ރައްޔިތުންގެ މަޖިލީހާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުންނެވެ.
ފުރަތަމަ ޑޯޒް ޓްރީޓޮޕް ހޮސްޕިޓަލުން ޖަހައިދެމުން އަންނައިރު ފުރަތަމަ ޑޯޒްގެ ގޮތުގައި މިހާރު ދެމުން އަންނަނީ ޗައިނާގެ ސިނޮފާރމް ވެކްސިނެވެ. މި ވެކްސިން ޖަހަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ. ޚާއްސަ ހާލަތުގައި ފައިޒަރ ވެކްސިން ދޭން ވެސް ވަނީ ފަށާފައެވެ. ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގައި ފައިޒަރ ވެކްސިން ޖަހަން ފަށާފައިވާއިރު ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެޕޮއިންޓްމެންޓް ހަމަޖައްސައި އެކަން އަންގާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ. ރާއްޖެއަށް ލިބިފައިވަނީ ފައިޒަރ ވެކްސިންގެ މަދު ސްޓޮކެއް ކަމުން ވެކްސިން ޖެހުމަށްޓަކައި ކަނޑައެޅިފައިވާ ކެޓަގަރީތަކުގައި ހިމެނޭ މީހުން އަވަހަށް ރަޖިސްޓަރީ ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.