މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗުކަމުން އިސްތިއުފާދިނުމަކީ ޕްރޮފެޝަނަލް ނިންމުމެއް ކަމަށާއި، އެކަމާ ހެދި މާޒިޔާއާ ޒާތީ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
މާޒިޔާގެ ކޯޗުގެ މަޤާމާ ނިޒާމްބެ ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ނިޒާމްބެ ވަނީ ކުއްލި ގޮތަކަށް އެ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާދީފައެވެ. މާޒިޔާގެ ކޯޗުގެ މަޤާމުން ނިޒާމްބެ އިސްތިއުފާދިންއިރު، މި ސީޒަން ފެށުމަށް ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ ވަނީ ނިޒާމްބެގެ އިރުޝާދުގެ ދަށުން ބަލިވެފައެވެ. އެކަމަކު ނިޒާމްބެ އިރުޝާދުގެ ދަށުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން ކުޅުނު ތިން މެޗުންވެސް އެ ޓީމު ބަލިވެފައެއް ނުވެއެވެ.
މާޒިޔާއާ ވަކިވުމަށްފަހު ނިޒާމްބެ އަލުން އަނބުރާ ޓީސީއާ ހަވާލުވީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. މާޒިޔާގެ ކޯޗުކަމުން ވަކިވުމަށްފަހު ނިޒާމްބެ ފުރަތަމަ ފަހަރަށް އެ ޓީމާ ދެކޮޅަށް ހުކުރު ދުވަހުގެރޭ ނުކުންނާނެއެވެ. އެ މެޗުގެ ކުރިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިޒާމްބެ ބުނީ ކެރިއަރުގައި މިދިޔަ 20 އަހަރު މަސައްކަތް ކޮށްފައިވާނީ ޕްރޮފެޝަނަލް ރަނގަޅު އުސޫލުން ކަމަށެވެ. އެގޮތުން ކެރިއަރުގައި ނަގަންޖެހޭ ނިންމުމަކީ ޕްރޮފެޝަނަލް ނިންމުމެއް ކަމަށާއި، އެކަމުގެ ސަބަބުން އެ ޓީމުގެ އޮފިޝަލުންނާއި، ނޫނީ މެނޭޖުމަންޓާއި އަދި ކުލަބަކާވެސް ޒާތީ އެއްވެސް ކަމެއް ނުބާއްވާ ކަމަށް ނިޒާމްބެ ބުންޏެވެ.
މާޒިޔާ މެޗާ ބެހޭ ގޮތުން ނިޒާމްބެ ބުނީ އެ ޓީމުގައި ތިބި ކުޅުންތެރިންނާއެކު މީގެ ކުރިން މަސައްކަތްކޮށްފައިވުމަކީ ކުރިއަށް މެޗަށް ނުކުންނައިރު، ޓީސީއަށް އޮތް ފައިދާއެއްގެ ގޮތުގައި އެހާ ބޮޑަށް ނުދެކޭ ކަމަށެވެ. އެކަމަކު މާޒިޔާގައި މިހާރު ތިބި ސީނިއާ ކުޅުންތެރިންނަކީ ވަކި ސްޓައިލެއް ގާއިމުކޮށްފައި ތިބި ކުޅުންތެރިން ކަމަށާއި، ނަމަވެސް އެ ކުޅުންތެރިންނަކީ ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލެވޭނެ ފެންވަރުގެ ކުޅުންތެރިން ކަމަށްވެސް ބުންޏެވެ.
ޓީސީ މެޗުގެ ކުރިން މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މީގެ ކުރިން މާޒިޔާއަށް ކޯޗުކަން ކޮށްދިން ކޯޗެއް، އެ ޓީމު ބަލިކުރަން ބޭނުންވުމަކީ އާންމު ކަމެއް ކަމަށެވެ. އަދި މާޒިޔާ ބަލިކުރަން ކޮންމެ ޓީމެއްވެސް ބޭނުންވާނެ ކަމަށާއި، އެހެންކަމުން ޓީސީންވެސް މި މެޗަށް ތައްޔާރުވާނީ 100 އިންސައްތަ ދީގެން ކަމަށްވެސް ބުންޏެވެ. އަދި އެއީ މާޒިޔާއަށް އައު ކަމެއް ނޫން ކަމަށްވެސް ވިޑަކޮވިޗް ވަނީ ބުނެފައެވެ.
ވިޑަކޮވިޗް ބުނީ މާޒިޔާއާ ދެކޮޅަށް ކުޅޭއިރު ޓީމުތަކުން ވަރަށް ރަނގަޅަށް ޑިފެންސްކުރާ ކަމަށާއި، އެކަން އެންމެ ފަހުން ކުޅުނު ދެ މެޗުން ފެނިގެންދިޔަ ކަމަށެވެ. އަދި އެއީ މާޒިޔާއަށް ކުރިމަތިވާ ގޮންޖެހުމެއް ކަމަށާއި، އެގޮތުން ލަނޑު ޖެހުމަށް ފުރުޞަތުތަކެއް ތަނަވަސްކުރަން އުނދަގޫވާ ކަމަށްވެސް ބުންޏެވެ. އަދި ޓީސީއާ ކުރިމަތިލާއިރު، އެ ޓީމުންވެސް ކުޅޭނީ އެފަދަ ގޮތަކަށް ކަމަށާއި، އެކަމަކު އެކަމަށް މާޒިޔާއިން ފުރިހަމައަށް ތައްޔާރުވާނެ ކަމަށްވެސް ވިޑަކޮވިޗް ވަނީ ބުނެފައެވެ.
ލީގުގައި ޓީސީއާ ދެކޮޅަށް މާޒިޔާ ނުކުންނައިރު، އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު 11 މެޗުން ލިބުނު 25 ޕޮއިންޓާއެކުއެވެ. އަދި ޓީސީ އޮތީ ތާވަލުގެ ފަސްވަނައިގައި 12 މެޗުން 13 ޕޮއިންޓާއެކުއެވެ. ދެވަނަ ބުރުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރާއިރު، ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން މާޒިޔާ ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ 22:00 ގައެވެ.