ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.
އެކަމާ ގުޅިގެން ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ށް ޕޮޒިޓިވްވުމާ ގުޅިގެން މިވަގުތު ހުރީ ހޯމް އައިސޮލޭޝަންގައި ކަމަށެވެ. އެހެންކަމުން ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލެވުނު ޕޮލިސް ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވާކަމަށް ސީޕީ ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވާ 7 މެމްބަރުންނަށް މަރުހަބާ ވިދާޅުވާކަމަށެވެ.
އަދި ބޯޑުގެ މަސައްކަތްތަކާއެކު ފުލުހުންގެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ، އެ އިދާރާ ޒިންމާދާރު ތަނަކަށްވެގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ގާނޫނު ތަސްދީގުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ އެ ގާނޫނު ތަސްދީގުކުރިތާ ތިން މަސްފަހުން މަރޗް މަހުގެ 27 ވަނަ ދުވަހުއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި ފުލުހުންގެ ބޯޑެއް އެކުލަވާލަންޖެހެއެވެ. މިއީ 7 މެންބަރުންގެ މައްޗަށް އެކުލަވާލެވޭ ބޯޑެކެވެ. ރައީސް އައްޔަން ކުރައްވަން ޖެހޭގޮތަށް ޕޮލިސް ބޯޑް އޮތްއިރު ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުންނެވެ.
އާންމު ދެ މެންބަރުން ބޯޑަށް ހޮވަނީ މަޖިލީހުން އިއުލާންކުރުމުން އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ނަންތައް ދިރާސާކޮށް މަޖިލީހުން ފާސްކުރާ ދެ ނަމެކެވެ.