ޗައިނާއިން އެގައުމުގެ އަލިބާބާ ކުންފުނި 18 ބިލިއަން ޔުއާން (2.75 ބިލިއަން ޑޮލަރު)ން ޖޫރިމަނާ ކޮށްފިއެވެ.
ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯރ މާކެޓް ރެގިއުލޭޝަން (އެސްއޭއެމްއާރް)ން ބުނީ އަލީބާބާ ކުންފުނި ޖޫރިމަނާ ކުރީ އެ ކުންފުނިން އެންޓި – މޮނޮފޮލީ ގާނޫނާ ހިލާފުވެފައިވާތީ ކަމަށެވެ. އެސްއޭއެމްއާރް އިން އިތުރަށް ބުނީ އަލީބާބާގައި މުދާ ވިއްކާ ވިޔަފާރިތަކުން ވާދަވެރި ވެބްސައިޓުތަކުގައި މުދާ ވިއްކަން އެ ކުންފުނިން ހުރަސް އަޅާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މި ޖޫރިމަނާއާއެކު އަލިބާބާ ވެގެން ގޮސްފައިވަނީ ޗައިނާގެ އެންޓި – މޮނޮފޮލީ ގާނޫނުގެ ދަށުން ކުރި އެންމެ ބޮޑު ޖޫރިމަނާއެއް ކުރި ކުންފުންޏަށެވެ. މިއީ އެކުންފުނީގެ 2019 ވަނަ އަހަރުގެ ރެވެނިއުގެ ހަތަރެއް އިންސައްތައިގެ އަދަދެކެވެ.
މި ޖޫރިމަނާއާ ގުޅިގެން އަލިބާބާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެސްއޭއެމްއާރުގެ ނިންމުން ބަލައިގަންނަ ކަމަށެވެ. އަދި އެ ކުންފުނިން ގާނޫނުތަކާއި އެއްގޮތަށް އަމަލުކުރުން އިތުރަށް ހަރުދަނާ ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޗައިނާގެ އެސްއޭއެމްއާރުން އަލިބާބާ ޖޫރިމަނާ ކުރިއިރު، އެކުންފުނީގެ ބާނީ ޖެކް މާ ވަނީ ޗައިނާގެ ފައިނޭންޝަލް ރެގިއުލޭޓަރީ ސިސްޓަމުން އީޖާދީ އުފެއްދުންތެރިކަމަށް ހުރަސްއަޅާ ކަމަށް ބުނެ އެ ސިސްޓަމަށް ފާޑު ކިޔައިފައެވެ. އަދި އެއާއިއެކު މާގެ އެހެން ކުންފުނިތަކަށްވެސް ޗައިނާގެ ރެގިއުލޭޓަރުން ދޭ ސަމާލުކަން ބޮޑު ކަމަށް ރިޕޯޓްތައް ބުނެއެވެ.