ކ. މާލެ
|
11 އޭޕްރިލް 2021 | އާދީއްތަ 11:37
ފައިޒަރ ވެކްސިން
ފައިޒަރ ވެކްސިން
ރޮއިޓަރސް
ފައިޒަރ ވެކްސިން ޖެހުން
ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭގައި ފައިޒަރ ވެކްސިން ޖަހަން ފަށައިފި
ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެޕޮއިންޓްމެންޓް ހަމަޖައްސައި އެކަން އަންގާނެ
ރާއްޖެއަށް ލިބިފައިވަނީ ފައިޒަރގެ 5500 ޑޯޒް ވެކްސިން
މި ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާއީ ނިޒާމު ދަށްވެފައިވާ މީހުންނަށް

ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގައި ފައިޒަރ ވެކްސިން ޖަހަން ފަށައިފިއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި މި ދެ ހޮސްޕިޓަލުގައި ވެކްސިން ޖަހަން ފަށާފައިވައިރު، ރާއްޖޭގައި ފައިޒަރ ވެކްސިން ޖެހެނީ ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށެވެ. ފައިޒަރ ވެކްސިން ޖަހަން ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެޕޮއިންޓްމެންޓް ހަމަޖައްސައި އެކަން އަންގާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ. ރާއްޖެއަށް ލިބިފައިވަނީ ފައިޒަރ ވެކްސިންގެ މަދު ސްޓޮކެއް ކަމަށާއި ވެކްސިން ޖެހުމަށްޓަކައި ކަނޑައެޅިފައިވާ ކެޓަގަރީތަކުގައި ހިމެނޭ މީހުން އަވަހަށް ރަޖިސްޓަރީ ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން ދިވެހިރާއްޖެއަށް ލިބިފައިވަނީ ފައިޒަރގެ 5500 ޑޯޒް ވެކްސިނެވެ.

މި ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ ވެކްސިން ޖަހާނީ މާލޭގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މި ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ މީހުންނަށެވެ.

އެގޮތުން މިވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ :

- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ(އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުން

- ޑަޔަލިސިސް ގަވައިދުން ހަދަމުންދާ މީހުން

- ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުން

- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން

- ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށް ވުރެ އިތުރަށް)

މީގެއިތުރުން ފައިޒަރ ވެކްސިނަކީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށް ވާތީ، އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ވަކި ބާވަތްތަކުގެ ބަލި ހުންނަ ކުދިންނަށް މި ވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެކުދިންނަކީ:

- ހަށިގަނޑުގައި ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) ކުދިން

- ޑަޔަލިސިސް ގަވައިދުން ހަދަމުންދާ ކުދިން

- ކެންސަރު ބަލީގެ ކުދިންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ ކުދިން

- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ ކުދިން

- ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ކުދިން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)

- ހަކުރުބަލީގެ ކުދިން

- ތެލަސީމިޔާ މޭޖަރ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން

- ޑައުންސިންޑްރޯމް ހުންނަ ކުދިން

- ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން

- އުފެދުމުގައި ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާރޓް ޑިޒީޒް) ހުންނަ ކުދިން

ވެކްސިން މިވަގުތު ދޭނީ މާލެ ސަރަހައްދުގައި ކަމަށާއި ވެކްސިން ދެވޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ކަމަށްވެސް ބުނެއެވެ. މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ މީހުންނަށް އިސްކަންދެވޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

- ކޮމެންޓް