ކޮވިޑް-19ގެ އަސްލު ދެނެގަނެ ވައިރަސް ފެތުރެން ދިމާވި ސަބަބުތައް ހޯދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ކުރިޔަށްގެންދިޔަ ތަހުގީގުން އަދިވެސް ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް ހުރުމާއެކު އެކަންކަން ބެލުމަށް އިތުރު ތަހުގީގެއް ކުރިޔަށް ގެންދިޔުމަށް ބައިނަލްއަގްވާމީ ސައިންސްވެރިންނާއި ދިރާސާކުރާ މީހުން ހިމެނޭ ގްރޫޕަކުން ގޮވާލައިފިއެވެ.
މިގްރޫޕުން ބުނެފައިވަނީ ވައިރަސްގެ އަސްލު ދެނެގަތުމަށް ކުރިން ކުރިޔަށްގެންދިޔަ ތަހުގީގާއި ދިރާސާއަށްވުރެ ފުޅާކޮށް ތަހުގީގެއް ކުރިޔަށް ގެންދަން ޖެހޭކަމަށެވެ. ޗައިނާގެ ބައިވެރިވުމާއި ލައިގެން ވިޔަސް ނުވިޔަސް އަލުން ތަހުގީގެއް ކުރިޔަށްގެންދަން ޖެހޭކަމަށް މި ގްރޫޕުން ވަނީ ބުނެފައެވެ.
ވައިރަސްގެ އަސްލު ދެނެގަތުމަށް ކުރިޔަށް ގެންދިޔަ ތަހުގީގަށްފަހު ޑަބްލިޔުއެޗްއޯގެ ޓީމުން އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ ކޮވިޑް-19ގެ އަސްލަކީ ވާލުކަމަށެވެ. އަދި ވާލާ ގުޅިފައިވާ ޗައިނާ އާއި ދެކުނު އިރުމަތީ އެޝިޔާގެ ގައުމުތަކުގައި ދިރިއުޅޭ އެހެނިހެން ޖަނުވާރުތައްކަމަށް މިރިޕޯޓްގައި ވަނީ ބުނެފައެވެ. އަދި މިވައިރަސް އަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވެފައިވާ ވައިރަސް އެއްކަމަށް ދެކެވޭ ވާހަކަ ރިޕޯޓްގައި ވަނީ ދޮގުކޮށްފައެވެ. އެއީ ވުން ވަރަށް ނާދިރުކަމެއްކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ޔޫރަޕާއި އެމެރިކާ، އޮސްޓްރޭލިއާ އަދި ޖަޕާނުގެ ދިރާސާކުރާ ފަރާތްތަކަކާއި 24 ސައިންސްވެރިން ސޮއިކޮށް ނެރެފައިވާ ހުޅުވާލެވިފައިވާ ސިޓީއެއްގައި ބުނެފައިވަނީ ޑަބްލިޔުއެޗްއޯގެ ޓީމުން ކުރިޔަށް ގެންދިޔަ ތަހުގީގަށް ވަނީ ސިޔާސީ ގޮތުން ހިޔަނިއެޅިފައިކަމަށެވެ.
ޓީމުން އެންމެ ފުރަތަމަވެސް މަސައްކަތްކޮށްފައިވަނީ ތަހުގީގަށް ޗައިނާގެ ފަރާތުން ލިބޭނެ އެންމެ ކުޑަމިންވަރަކަށް އެއްބާރުލުން ހޯދުމަށް ކަމަށް މިސިޓީ ލިޔުމުގައި އިސްކޮށް ހަރަކާތްތެރިވި ޖެމީ މެޓްޒަލް ވިދާޅުވިއެވެ.
ސިޓީގައި ބުނެފައިވަނީ ޑަބްލިޔުއެޗްއޯގެ ޓީމުން ކުރިޔަށްގެންދިޔަ ތަހުގީގު ނިންމާލާފައިވަނީ ޗައިނާއިން ޝާއިއުކޮށްފައިނުވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށްކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ މުހިންމު ސާމްޕަލްތަކާ ހަމައަށް ޓީމަށް ވާސިލްވެވިފައިނުވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
މިދިޔަ ހަފްތާގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސްވެސް ވިދާޅުވެފައިވަނީ ޑާޓާތަކާ ހަމައަށް ޓީމަށް ވާސިލްވުމަށް ޗައިނާއިން އެއްބާރުލުން ދީފައިނުވާކަމަށެވެ.
ޗައިނާއިން ބުނަމުން އަންނަނީ ތަހުގީގަށް ޗައިނާއިން ފުރިހަމަ އެއްބާރުލުން ދީފައިވާކަމަށެވެ. ނަމަވެސް ޑަބްލިޔުއެޗްއޯވެސް ހިމެނޭ ގޮތުން ގިނަ ގައުމުތަކުން އެކަން ދޮގުކުރެއެވެ.
އެހެންކަމުން މި ގްރޫޕުން ބުނެފައިވަނީ ޗައިނާގެ ބައިވެރިވުމެއްނެތި މި ތަހުގީގުކުރިޔަށް ގެންދަންޖެހޭކަމަށެވެ.
ކޮވިޑް-19 އަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވި ވައިރަސް އެއްކަމަށް ގައުމުތަކުން ދައްކަމުން އަންނަ ވާހަކަތައް ޗައިނާއިން ވަނީ ދޮގުކޮށްފައެވެ.
އެކަމާއި ގުޅިގެން ޓީމުން ބުނެފައިވަނީ ވައިރަސް ލެބޯޓްރީގައި ގެންގުޅުނުކަމުގެ ޑާޓާބޭސްތައް އެބަހުރިކަމަށެވެ. އަދި އެކަމުގެ ލެބް ނޯޓްސްތައްވެސް އެބަހުރިކަމަށެވެ. އެހުރިހާ ކަމެއް ލެބޯޓްރީގައި ކުރަމުން އައި ނަމަވެސް އެމައުލޫމާތާ ހަމައަށް ޑަބްލިޔުއެޗްއޯގެ ޓީމަށް ވާސިލްވެވިފައިނުވާކަމަށް ގްރޫޕުން ބުނެއެވެ.