ކޮވިޑް-19 އާއި ދެކޮޅަށް 10،000ށް ވުރެ ގިނަ މީހުން ދެވަނަ ޑޯޒް ވެކްސިން ޖަހައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން، ބުދަ ދުވަހުގެ ހަވީރު 6:00 އާއި ހަމައަށް 10،569 މީހަކު ވަނީ ކޮވިޑް-19ގެ ދެވަނަ ޑޯޒް ޖަހާފައެވެ. އަންގާރަ ދުވަހުގެ ހަވީރު 6:00ން ބުދަ ދުވަހުގެ ހަވީރު 6:00އާ ހަމައަށް 2618 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރެގައި ހިމެނެނީ މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހި 2471 މީހުންނާއި، އަތޮޅު ތެރެއިން ވެކްސިން ޖެހި 147 މީހުންނެވެ.
ބުދަ ދުވަހުގެ ހަވީރު 6:00 އާއި ހަމައަށް 260،285 މީހަކު ވަނީ ކޮވިޑް-19 ވެކްސިންގެ ފުރަމަ ޑޯޒް ޖަހާފައެވެ. އަދި އަންގާރަ ދުވަހުގެ ހަވީރު 6:00ން ފެށިގެން ބުދަ ދުވަހުގެ ހަވީރު 6:00 އާއި ހަމައަށް 4404 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 380 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 4024 މީހުންނެވެ.
ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖޭގައި ޖަހަމުން އަންނަނީ އެސްޓްރަޒެނިކާ-އޮކްސްފޯޑް ޔުނިވަރސިޓީގެ ފޯމިއުލާއަކަށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑްގެ ވެކްސިނާއި، ޗައިނާގެ ސިނޮފާމްގެ ވެކްސިންގެ އިތުރުން ހާއްސަ ހާލަތްތަކުގައި ބޭނުންކުރަމުންދާ ފައިޒާ ވެކްސިނެވެ. މީގެ ތެރެއިން ދެވަނަ ޑޯޒް ދެމުން އަންނަނީ ކޮވިޝީލްޑްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާ ވެފައިވާ މީހުންނަށެވެ. އެޗްޕީއޭއިން ވަނީ ރޯދަ މަސް ފެށުމުގެ ކުރިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭ ފަރާތްތައް ނުވަތަ ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާ ވެފައިވާ ފަރާތްތަކުން ވެކްސިންގެ ޑޯޒް ފުރިހަމަ ކުރުމަށް އެދިފައެވެ.