މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޯދަ އަށް ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ކޯލިޝަން އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހުން އެދެފިއެވެ.
އެކަމާ ގުޅިގެން އިދިކޮޅުން "ރާއްޖެ އެމްވީ"އަށް ބުނީ ރައީސް ޔާމީންގެ ހާލުކޮޅު ހުރިގޮތުން ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން އޮންނަވަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންވެ އެންމެ ކުޑަ ވަރުގެ ލުޔެއްގެ ގޮތުން އަންނަ ރޯދަ މަހު އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ރައީސް އަރިހުގައި އެދިފައިވާ ކަމަށެވެ. އެކަމުގައި ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެއް އޮތްތޯ ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.
މީގެ އިތުރަށް ރައީސް ޔާމީންގެ އާއިލާއިން ވެސް އެމަނިކުފާނުގެ ސިއްހީ ހާލުކޮޅަށް ރިއާޔަތްކޮށް ކުރިއަށް އޮތް ރޯދަމަހު އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ރައީސް އަރިހުގައި އެދިފައިވާ ކަމަށް ރައީސް އޮފީހުން "ރާއްޖެ އެމްވީ"އަށް މައުލޫމާތުދީފައިވެއެވެ. އަދި އެކަމުގައި ކުރެވޭނެ ކަމެއް އޮތްތޯ ބަލަމުން އަންނަ ކަމަށް ވެސް ބުނެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕިއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާ ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމާނާކޮށްފައެވެ. ޖަލުހުކުމް ތަންފިޒުކުރައްވަމުން ގެންދަވާތާ މިހާރު އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އަދިވެސް އެމްއެމްޕިއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ އެކި މައްސަލަތައް ބަލަމުން އެބަދެއެވެ. އަދި އޭގެ ތެރެއިން ބައެއް ކަންކަމުގައި އެމަނިކުފާނުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް އުފުލަން ވަނީ ތައްޔާރުވެފައެވެ.