އެއް ދުހު މަ ދިނީ ޕަރހެއް ދޮންނަން، ދިނުމުން ބުންޏޭ ދޮވެލާ ދޭނަން، އަވަހަށް މަދިނީ ރީއްޗަށް ދޮވެލަން، އުފަލުން ހެވިފާ ބުންޏޭ އާނ ދޮންނާނަން، އެކަމަކު، ޕަރސް ދޮންނަން މާދަން ޢާދޭ، ޕަރސް ދޮންނަން މާދަން ޢާދޭ"ޕަރސް ދޮންނަން" މި ލަވައިގެ ކަޑިއެއް
"ޕަރސް ދޮންނަން މާދަން ޢާދޭ" މި ލަވައަކީ ޤައިމުވެސް ގިނަ ބައެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދީފައިވާ ލަވައެކެވެ. މީގެ 8 ވަރަކަށް އަހަރު ކުރިން ހަދާފައިވާ މި ލަވަ އަދިވެސް މީސްމީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި ދައުރުވާއިރު، މި ލަވައިގެ ޅެމުގެ ފަހަތުގައިވާ މާނަ އެނގެން ގިނަ ބަޔަކު ބޭނުންވެއެވެ. "ޕަރސްއެއް ދޮންނަން" ލަވައެއް ހަދަން މީހެއްގެ ޚިޔާލަށް އައީ ކިހިނެއްތޯވެސް ގިނަ ބަޔަކު ބަލާލަން ބޭނުންވެއެވެ.
މިލަވަ އަކީ، 2013 ވަނަ އަހަރު ހިސާބުގައި ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ޙާސިލު ކުރަމުން ދިޔަ އެކުވެރިންތަކެއް އުފެއްދި ލަވައެކެވެ. ސްކޫލް ދުވަސްވަރު ސަމާސާއަކަށް ހެދި މި ލަވަ މިހާބޮޑަށް ވައިރަލްވެގެން ދާނެކަމަށް އެމީހުން ހިއެއްވެސް ނުކުރެއެވެ. އެ ލަވަ އުފައްދާފައިވަނީ އޭރު ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ޙާސިލު ކުރަމުން ދިޔަ މޫސާ ކަލީމް، އިސްމާއިލް ސާއިދު، މުޙައްމަދު މާހިދު (މާޓު) އަދި ޝަފްރާޒްއެވެ. މިއީ އެ 4 އެކުވެރިންވެސް އަމިއްލަ މިއުޒިކް ސްޓޯޑިއޯއެއް ހަދައިގެން މިއުޒިކް ކޮމްޕޯސްކޮށް، އަމިއްލަ އޮރިޖިނަލް ލަވަ ހަދަން މަސައްކަތް ފެށި ދުވަސްވަރު ހަދާފައިވާ ލަވައެކެވެ.
މި ލަވައިގެ ޅެމުގެ ފަހަތުގައިވާ ސިއްރު ގޮސް ގުޅެނީ މި ހަތަރު އެކުވެރިންގެ ރަޙުމަތްތެރިއެއްގެ ޕަރސްއަކާއެކެވެ. އެ ރަޙްމަތެރިޔާ މި 4 އެކުވެރިންނަށް ކިޔާދިން ވާހަކައެއްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒުގެ ފިހާރައަށް ގޮސްގެން ދިމާވި ކަމެއް ހިއްސާ ކުރިއެވެ. މިނަރަލް ވޯޓަރ ފުޅިއެއް ގަންނަން ދިޔަ މި ކުއްޖާ ގާތުގައި އަލީ ރަމީޒަށް ބުނެވުނީ، " މިވަގުތު ފެނެއް ނެތް، މާދަން ޢާދޭ" މިހެންނެވެ. އެހެން ޢަލީ ރަމީޒަށް ބުނެވުނު ގޮތް އެ ކުއްޖާއަށް މަޖާވެގެން އެވާހަކަ އައިސް އެކުވެރިންނާ ހިއްސާކުރީއެވެ. އޭގެ ފަހުން އެދުވަސްވަރު، މީހަކު އެއްޗެއް ދޭން ބުނާ ވަގުތު އަތުގައި އެ އެއްޗެއް ނެތިއްޔާ އެ ރާގަށް އެ އެކުވެރިންގެ ތެރޭގައި އެހެން ކިޔާ އުޅުނެވެ. އެގޮތުން އެންމެފަހުން "މާދަން ޢާދެ" އާދައަކަށްވީއެވެ.
އެ ދުވަސްވަރަކީ އިމްތިޙާނު ދުވަސްވަރުކަމުން މި އެކުވެރިންތައްވެސް ކްލާހުގެ ކުދިންނާއެކު އަވަދިނެތި ގްރޫޕް ސްޓަޑީޒް ހެދުމާއި، އެކުގައި ފިލާވަޅުތައް ދަސްކޮށް ހެދުމަކީ އާދައިގެ މަތިން ކޮށް އުޅުނު ކަމެކެވެ. އެގޮތުގެ މަތިން މާޓުއަށް އޭނަގެ ރައްޓެހި ކުއްޖަކު އެއްދުވަހު ޕަރސްއެއް ދިނެވެ. އަދި ގްރޫޕް ސްޓަޑީސް ހަދަން ދިޔަ ދުވަހެއްގައި އެ ޕަރސް ހަޑިވެފައި އޮތުމުން އެ ޕަރސް ދިން އަންހެން ކުއްޖާ އަތަށް ޕަރސް ދޮންނަން ޙަވާލުކުރިއެވެ. ނަމަވެސް ޕަރސް ދޮވުން ދުވަހެއް ދުވަހަކަށް ލަސްވެ، ޕާސް ދޮންނަންވެސް "މާދަން ޢާދޭ" ކިޔާ ހިސާބަށް ދިޔައީއެވެ.
ދެން މިހެން ކިޔަން ފެށުނީ ކްލާސް ތެރޭގައެވެ. އެގޮތުން އެއްދުވަހު ކްލާސް ނިމުނުއިރު ލަވައިގެ އެއް ކަޑީގެ އިތުރުން، މެލޮޑީވެސް ހަދާ ނިންމާލިއެވެ. އޭރު އެ ގުރޫޕުގައި މިއުޒިކް ސޮފްޓްވެއަރއާ ކުޅެނީ ހަމައެކަނި ސާއިދުއެވެ. ވުމާއެކު މިއުޒިކު ހަދަން ހަވާލުކުރީ ސާއިދުއާއެވެ. އަދި ލަވައިގެ ޅެން ހަދާފައިވަނީ މާޓުއެވެ. ވީޑިއޯގައި މޫސައާއި ޝަފްރާޒްވެސް ފެނިގެންދާއިރު، ލަވަ ކިޔާފައިވަނީ މި 4 އެކުވެރިންނެވެ.
މާދަން ޢާދެ އޭ ކިޔާފަ ޕަރސް ދޮންނަން ނަގައިފި. އަނެއް ދުވަހު ނުލިބުނީމަ ޕަރސް ކޮބާހޭ އެހީމަވެސް ބުނީ މާދަން ޢާދެ އޭ. ދެން މިގޮތަށް ދެތިން ދުވަސް ދިޔައީމަ އެއްދުވަހު ކްލާހުގަ ތިބެފަ "މާދަން ޢާދެ، ޕަރސް ދޮންނަން މާދަން ޢާދެ" މިހެން އެކި ރާގަށް ކިޔަމުން ގޮސް އެންމެނަށް ވެސް އެންމެ މަޖާވި ރާގަށް ކިޔަންފެށީ. އެދުވަހު ކްލާސް ނިމުނުއިރު ލަވައިގެ އެއްކަޑިޔާ މެލޮޑީ ހަދާ ނިންމާލެވިއްޖެ. އޭރު މި ގުރޫޕުގައި މިއުޒިކް ސޮފްޓްވެއަރ އާ ކުޅެނީ ސާއިދު އެކަނިވީމަ މިއުޒިކު ހަދަން ހަވާލުކުރީ ސާއިދުއާ. ޅެން ހަދާމީހަކަށް ހުރީ މާހިދު ވީމަ މާހިދުއަށް ޅެން ހަދަން ދިނީ. މާހިދުގެ ސްޓޯރީ އަކަށްވީމަ ލިޔަން ފަސޭހަވެސް ވާނެތީ.އޭރު މި ލަވަ ތައްޔާރުކުރުމުގައި ޙަރަކާތްތެރިވި މީހެއް
އޭގެ ގާތް ގަނޑަކަށް 3 ދުވަސްވީއިރު ލަވައިގެ މިއުޒިކާއި ލިރިކްސްވެސް އޮތީ އެއްކޮށް ނިމިފައެވެ. އަދި ހަމަ އެ ހަފްތާގެ ހަފްތާބަންދުގައި އެ 4 އެކުވެރިން ސްޓޫޑިއޯއަށް ގޮސް ލަވަ ރިކޯރޑްކޮށް ނިންމާލިއެވެ. ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި ނިންމާލި މި ލަވައަށް ވީޑިއޯ ހެދުމުގެ ޚިޔާލަކީ މާޓުގެ ބޭބެއަކު ދިން ޚިޔާލެކެވެ. އެގޮތުން ވީޑިއޯ ހަދައި ޔޫޓިއުބްއަށް އަޕްލޯޑް ކޮށްފައިވާއިރު، މިހާތަނަށް 3 ލައްކައަށްވުރެ ގިނަ މީހުން އެ ވީޑިއޯ ބަލާފައިވެއެވެ.
ކޮންމެއަކަސް، މި ލަވަ ރާއްޖޭގައި މަޖާކޮއްލަން ނުވަތަ ކުޑަކުދިން ހިތްހަމަޖައްސަން އަދި ޕާޓީތަކާއި، ޑީޖޭތަކުގައިވެސް ވަނީ ވައިރަލްވެފައެވެ. މި ލަވައަކީ ސަމާސާއަކަށް އުފެއްދި ލަވައެއް ނަމަވެސް، މި ލަވަ ހެދި ގްރޫޕް (އެމް.އެސް.އެމް) އި ޤަބޫލު ކުރަނީ މި ލަވަ އޭގެ ގޮތުގައި ހަމަ ބަރާބަރު ކަމަށެވެ.