ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު ވެކްސިން ކާޑު ލެމިނޭޓްކުރަން މަޑުކުރުމަށް ގޮވާލައިފިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، ކޮވިޑް-19ން ދިފާޢުވުމަށް ދެވަނަ ޑޯޒްޖެހުމުގެ ކަންކަން ހޮނިހިރު ދުވަހު ފަށާފައިވާއިރު، ވެކްސިން ޖެހުމަށް އެންމެ ބޭނުންވާ ވަރަށް ތަރުޙީބު ލިބެމުން ނުދާކަމަށެވެ. ރާއްޖޭގައި މިވަގުތު ދެވަނަ ޑޯޒްޖަހަމުންދަނީ ކޮވިޝިލްޑް ވެކްސިންކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވަނީ، މި ވެކްސިންގެ ބާރު އެންމެ އެކަށޭނަގޮތެއްގައި ފެންނާނީ ވެކްސިން ޖަހާތާ 8 ހަފުތާގެ ތެރޭގައި ވެކްސިން ޖެހުމުންކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް، ޒަރޫރީ ޙާލަތްތަކުގެ ގޮތުގައި ބަލާ ކޮންމެހެން ސިއްޙީ ބޭނުމަކަށް ނުވަތަ ތަޢުލީމު ޙާސިލުކުރުމަށް ޤައުމުން ބޭރަށް ދާންޖެހޭނަމަ ވެކްސިން އޭގެ ކުރިން ޖަހާދޭނެކަމަށް ވިދާޅިއެވެ. މި ސަބަބައްޓަކައި ވެކްސިން ޖެހިތާ 8 ހަފުތާ ފުރިހަމަ ވާއިރަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އަވަސްވެގަތުމަށް ޑރ. ނަޒްލާ ގޮވާލެއްވިއެވެ. އަދި ދެވަނަ ޑޯޒް ޖަހަން ވަޑައިގަންނަވާއިރު، ވެކްސިން ކާޑާއެކު، ކާކުކަން އަންގާދޭ ލިޔުމެއް ގެނައުމަށް ޑރ. ނަޒްލާ ހަނދާންކޮށްދެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑރ. ނަޒްލާ ވަނީ ވެކްސިން ޖެހުން ހޮނިހިރު ދުވަހު ފެށިއިރު، ވެކްސިންކާޑު ލެމިނޭޓްކޮށްގެން ބައެއް މީހުން އަންނަކަމަށް ވިދާޅުވެފައެވެ. މިގޮތައް ކަންތައް ކުރުމުން ވެކްސިންކާޑުގައި ދެވަނަ ޑޯޒް ފުރިަހަމަކުރިކަން އަންގައިދީ މަޢުލޫމާތު ލިޔުމަށް ދަތިވާކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވަނީ ދެވަނަ ޑޯޒް ޖެހުމަށް ފަހު ވެކްސިން ކާޑު ލެމިނޭޓްކުރަން މަޑުކުރުމަށް ގޮވާލައްވާފައެވެ. ރާއްޖޭގައި މިހާތަނައް އައިރު 3000ށް ވުރެ ގިނަ މީހުން ކޮވިޝިލްގެ ދެވަނަ ޑޯޒް ވަނީ ފުރިހަމަކޮށްފައެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ލުއިތަކެއް ދޭން ނިންމާފައި ވިޔަސް، އަދި މި ލުއިތަކަކީ ކޮބާކަން ފައިނަލް ކުރެވިފައި ނުވާކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. އަދި ވެކްސިން ޕާސްޕޯޓެއް ދިނުމަށްވެސް ނިންމާފައި ނުވާކަމަށް ވިދާޅުވިއެވެ.