ކ. މާލެ
|
4 އޭޕްރިލް 2021 | އާދީއްތަ 20:15
މަޤާމުގެ ކުރިއެރުން ލިބުނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތުމަތު ނަޝްވާ
މަޤާމުގެ ކުރިއެރުން ލިބުނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތުމަތު ނަޝްވާ
ޕޮލިސް
ދިވެހި ފުލުހުންގެ ޚިދުމަތް
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ފުރަތަމަ ފަހަރަށް ތިން އަންހެން ފުލުހުން
 
ތިން ފުލުހުންނަކީވެސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި 3 އޮފިސަރުން
 
މަގާމުގެ ކުރިއެރުން ލިބިފައިވަނީ ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރަށް

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ފުރަތަމަ ފަހަރަށް ތިން އަންހެން ފުލުހުން ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، އަޕަރ ނޯތު ޕޮލިސް ޑިވިޝަން ގެ ކޮމާންޑަރުގެ މަޤާމުގައި ހުންނެވި ފާތުމަތު ނަޝްވާއާއި، ހެޑް އޮފް އޯގަނައިޒޭޝަނަލް ރީފޯރމް ޑިޕާރޓްމަންޓްގެ މަޤާމުގައި ހުންނެވި އިޒްމިއާ ޒާހިރާއި، ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ޑިވިޜަން ކޮމާންޑަރުގެ މަގާމުގައި ހުންނެވި މަރިޔަމް އަޒުމާ ފުލުހުންގެ ފުރަތަމަ އަންހެން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކޮށްފައިވާކަން ހާމަކޮށްފައެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ތިބި 3 އޮފިސަރުންނަށެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތުމަތު ނަޝްވާ

 ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު ލިބުނުއިރު ފާތިމަތު ނަޝްވާ ހުންނެވީ އަޕަރ ނޯތު ޕޮލިސް ޑިވިޝަން ގެ ކޮމާންޑަރުގެ މަޤާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ހޭދަކޮށްފައިވާއިރު މިމުއްދަތުގެ ތެރޭގައި އެޑްމިން އޮފިސަރެއްގެ މަޤާމުން ފެށިގެން  ޔުނިޓް ލެވެލްގައާއި ޑެޕިއުޓީ ހެޑްގެ މަގާމާއި ހެޑް އޮފް ޑިޕާރޓްމަންޓްގެ މަޤާމު ފުރުއްވައި އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްކޮށްދެއްވާފައިވެއެވެ.

ފާތިމަތު ނަޝްވާ ފަސްޓް ޑިގްރީ ހާޞިލުކުރައްވާފައިވަނީ މާސް ކޮމިއުނޭކޭޝަންއިންނެވެ. އަދި މާސްޓަރސް ޑިގްރީ ފުރިހަމަކޮށްފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިންނެވެ. އޭނާ ގެންދަވަނީ ޕޮލިސް އެކެޑެމީން ހިންގާ ތަފާތު އެކި ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުގައިވެސް ސެޝަން ނަންގަވައިދެއްވަމުންނެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު

މަގާމު ލިބުނުއިރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު ހުންނެވީ ހެޑް އޮފް އޯގަނައިޒޭޝަނަލް ރީފޯރމް ޑިޕާރޓްމަންޓްގެ މަގާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި 16 އަހަރު ހޭދަކޮށްފައިވާއިރު ފުލުހުންގެ ތެރެއަށް ކޮމިޝަންޑް ކުރެވުނު މަދު އަންހެން އޮފިސަރުންގެ ތެރޭ ހިމެނިފައިވެއެވެ. ރާއްޖޭގެ ޑިވިޜަނެއްގައި ފުރަތަމަ ފަހަރަށް ޑިވިޜަން ކޮމާންޑަރުކަން ކުރެއްވި އަންހެން އޮފިސަރަކީވެސް އިޒްމިއާ ޒާހިރުއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕޯކްސް ޕާސަންގެ މަޤާމާއި ވިކްޓިމް ސަޕޯޓްގެ ހެޑްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާ

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާއަކީ ފުލުހުންގެ ޚިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އެއް އަންހެން އޮފިސަރެވެ. އެގޮތުން 25 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތްކޮށްފައިވެއެވެ. ސްޕްރިންޓެންޑެންޓްގެ މަގާމު ލިބުނުއިރު އަޒުމާ ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ޑިވިޜަން ކޮމާންޑަރުގެ މަގާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވަނީ އިންވެސްޓިގޭޝަން ދާއިރާގައެވެ. ޔުނިޓް ލެވެލްގައާއި ޑިޕާރޓްމަންޓްލެވެލްގެ އިސް މަގާމުތައް ފުރުއްވާފައިވެއެވެ. އެގޮތުން ހެޑް އޮފް ވިކްޓިމް ސަޕޯރޓްގެ މަޤާމާއި  ފެމެލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާރޓްމަންޓްގެ ހެޑްކަންވެސް ކުރައްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
67%
33%
0%
ކޮމެންޓް
5 އޭޕްރިލް 2021 | ހޯމަ 08:00
އަހްމަދު
ރާއްޖެ އެމް.ވީ އިން ވެސް ތިފަދަ ޙަބަރުތަކުގައި ނުވަތަ އެހެން ޚަބަރެއްގައި ނަމަވެސް އެހެން މުއައްސަސާތަކަށް މަޤާމުގެ ކުރިއެރުން ނުދޭ ސަބަބާއި ބެހޭގޮތުން އަލިއަޅުވާލަ ދެއްވުން އެދެން.