އައްޑޫ ސިޓީ މީދު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހޮނިހިރު ދުވަހު އައްޑޫ ސިޓީ މީދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވާ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، މީދޫއަކީ ކުރީ ސަރުކާރުގައި ވަރަށް ބާކީކޮށްފައި އޮތް ރަށެއް ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގައި މީދޫ ރައްޔިތުންގެ ކަން ބޮޑުވުންތައް އަޑުއަހައި، އެކަންކަން ހައްލު ކޮށްދިނުމަށް މަސައްކަތްކުރާ ކަމަށެވެ. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ މީދޫއަށް ވަރަށް ބޭނުން ޖެހިފައިއޮތް މަސައްކަތެއް ކަން ރޮޒައިނާ ފަހަގަ ކުރެއްވިއެވެ.
ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން މަޝްރޫއެއް ކުރިއަށް ރޭވިފައި އޮތްކަމަށާއި، މިއީ މިހާރަށް ބޭނުންވާ ވަގުތީ ހައްލެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެކަމުގެ ސާރވޭތައް މިހާރު ކުރިއަށްދާކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެހެންކަމުން އެ މަސައްކަތް ފެށުމާ ހަމައަށްވެސް އެސަރަހައްދު އޮންނާނީ މިހާރުން މިހާރަށްވެސް މިކަން ކުރެވިގެން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ގިރާލެއް އަވަސްކަމުން އަލުގަނޑުމެންނަށް މި ދާއިމީ ހައްލުގެ މަސައްކަތް އެންމެ ރަނަގަޅަށް ކުރަން ބޭނުންވާ ވަގުތުވެސް ހުއްޓާލައިގެން ތިބެވެން ނެތުމާއެކީގައި، ރައީސް އަރިހުގައި މިހާރު މިތަން މިއޮތް ހާލަތު ދަންނަވައިދިނީމަ، އަޅުގަނޑުމެންނަށް ވަރަށް އިސްކަމެއް ދެއްވައިގެން، ޚަރަދު ބޮޑުވިކަމުގައިވީ ނަމަވެސް ހަމަ ވަގުތުން ވަގުތަށް މިތަނުގައި ކުރަންޖެހޭ ކަންކަން ކުރުމަށް އެ ފުރުސަު ދެއްވި ކަމަށްޓަކައި ރައީސަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަންރޮޒައިނާ އާދަމް، މީދޫ ދާއިރާ މެމްބަރު
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މީދޫ ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ހަލުވިމިނުގައި ކުރިއަށް ގެންގޮސް 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެ ކަމަށެވެ.
އެމްޓީސީސީން ކުރިއަށްގެންދާ ހުރިހާ މަސައްކަތެއްވެސް ކަނޑައެޅިފައި އޮންނަ ދުވަހަށް ނިންމާނެ ކަމުގެ ޔަގީންކަން އާޒިމް ދެއްވިއެވެ. އާޒިމް ވިދާޅުވީ، އެތައް ޒަމާނެއް ވަންދެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ނުކުރެވި ހުރި ކަންކަން ކުރުމުގެ ޒިންމާ އުފުލަމް މިއަދު ޖެހިފައި މިއޮތީ މި ސަރުކާރަށް ކަމަށެވެ. އެހެންކަމުން ރައީސް ބޭނުންވާ ހަލުވި މިނުގައި މަސައްކަތް ކުރިއަށްގެންދިޔުން އެއީ އެމްޓީސީސީން އެންމެ އިސްކަންދޭ ކަންތައް ކަމުގައި އާޒިމް ވިދާޅުވިއެވެ.