ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފައިވާކަމަށް ޔުނިސެފުން ބުނެފިއެވެ.
ޔަމަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ލިބިފައި މިވަނީ ކޮވިޑް-19ގެ ހާލަތު އެގައުމުގައި ގޯސްވެފައިވާކަމުގެ އިންޒާރު އެގައުމުގެ ކޮރޯނާވައިރަސް ކޮމިޓީން މިދިޔަ ހަފުތާގައި ދީފައިވަނިކޮށެވެ.
މިކަމާ ގުޅިގެން ޔުނިސެފުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެސްޓްރަޒެނިކާ ވެކްސިން އެގައުމަށް ލިބިފައިވާކަމަށާއި ސިއްހީ މަސައްކަތްތެރިންނާއި ބައްޔަށް ފަސޭހައިން ހުށަހެޅޭ މީހުންނަށް ވެކްސިން ޚާއްސަކޮށްފައިވާ ކަމަށެވެ.
ޔަމަންގެ ދެކުނުގައި އޮންނަ ސިޓީއެއް ކަމުގައިވާ އަދަން ގައި ތިބި އދ އާއި ސަރުކާރުގެ އޮފިޝަލުންނަށް މިހާރު ވެކްސިން ވަނީ ލިބިފައެވެ.
ޔަމަނަށް މިއަހަރު ތެރޭގައި 1.9 މިލިއަން ވެކްސިން ޑޯޒް ލިބޭނެކަމަށް ޔުނިސެފުން ބުނެއެވެ.
މިދިޔަ ހަފުތާގައި ޔަމަންގެ ކޮރޯނާވައިރަސް ކޮމިޓީން ވަނީ އެގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
އެގޮތުން ގިނަ މީހުން އެއްވެ އުޅޭ ތަންތަން ބަންދުކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ. އޭގެތެރޭގައި ކައިވެނި ހަފްލާތައް ބާއްވާ ތަންތަނާއި ފިހާރަތަކާއި ނަމާދު ވަގުތުގެ ފަހުން މިސްކިތްތައް ބަންދުކުރުމަށް ވަނީ ހުށަހަޅާފައެވެ.
އަނެއްކޮޅުން ޑޮކްޓާރސް ވިތައުޓް ބޯރޑަރސް އިންވެސް ވަނީ ޔަމަނުގައި ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނަކަމަށާއި އެހެން ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ. އެގޮތުން މިހާރުވެސް ޔަމަނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުން ވެދޭ އެހީތެރިކަން އިތުރުކުރުމަށް ވަނީ ގޮވާލާފައެވެ.
30 މިލިއަން މީހުން ދިރިއުޅެމުން އަންނަ ޔަމަނުގައި މިހާތަނަށް 4000ށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 863 މީހުން ވަނީ މިބަލީފައި މަރުވެފައެވެ. އެހެންނަމަވެސް މާހިރުން ގަބޫލުކުރާ ގޮތުގައި އަދަދުތައް މިއަށްވުރެ މަތިވާނެއެވެ.
ހަނގުރާމައިގެ ސަބަބުން ޔަމަން ސުންނާފަތި ވެފައިވާއިރު މިހާލަތުގައި ކޮވިޑް ވެކްސިން އެގައުމަށް ލިބިގެންދިޔުމަކީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު މީހުން ބަލިން ރައްކާތެރިކޮށްދިނުމަށް އެޅިގެންދާ ވަރުގަދަ ފިޔަވަޅެއްކަމަށް މާހިރުން ދެކެއެވެ.