Advertisement
ކ. މާލެ
|
28 މާރޗް 2021 | އާދީއްތަ 23:17
އޭސީސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ޝިއުނާ ވިދާޅުވީ، މި މައްސަލައަކީ ދައުވާ ކުރެވޭނެ މައްސަލައެއްކަން ކޮމިޝަނުން އަދިވެސް ގަބޫލު ކުރާކަމަށް
އޭސީސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ޝިއުނާ ވިދާޅުވީ، މި މައްސަލައަކީ ދައުވާ ކުރެވޭނެ މައްސަލައެއްކަން ކޮމިޝަނުން އަދިވެސް ގަބޫލު ކުރާކަމަށް
އަބްދުﷲ އިރުފާން
ވެންޓިލޭޓަރުތައް ގެނައުމުގައި އޮޅުވާލުން
މީހަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ދައުވާ އުފުލާއިރު، އޭނާއަށް މަންފާއެއް ލިބުނުތޯ ބަލާކަށް ނުޖެހޭ: އޭސީސީ
އެ ފައިސާ ޖަމާވެފައި ވަނީ ކޮންކޮން އެކައުންޓްތަކަކަށް ކަން އެނގިފައިނުވާކަމަށް ޕީޖީ ވިދާޅުވި
އެގްޒެކިއުޓަރ ޖެނެރަލް ޓްރޭޑިން އަށް 31 މިލިއަން ރުފިޔާ ހެލްތް މިނިސްޓްރީން ވަނީ ދޫކޮށްފައި

އެހެން މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީގެން މީހެއްގެ މައްޗަށް ދައުވާ އުފުލާނަމަ، އޭނާއަށް ނާޖާއިޒު މަންފާއެއް ލިބިފައިވޭތޯ ނުވަތަ ނޫންތޯ ބެލުން މުހިއްމު ނޫންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވަނީ ވެންޓިލޭޓަރުތައް ގެނައުމުގެ ވެފައިވާ ޚިޔާނާތާއި ގުޅިގެން އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގާ ގުޅޭ ބައެއް ވާހަކަތައް ހިއްސާ ކުރައްވާފައެވެ. ޝިއުނާ ވިދާޅުވީ، މި މައްސަލައިގައި އޭސީސީން ތުހުމަތު ކުރަނީ އެހެން މީހެއްގެ މައްޗަށް ނާޖާއިޒް މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއަށް ކަމަށްވާއިރު، އެހެން މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީގެން މީހެއްގެ މައްޗަށް ދައުވާ އުފުލާނަމަ، އޭނާއަށް ނާޖާއިޒު މަންފާއެއް ލިބިފައިވޭތޯ ނުވަތަ ނޫންތޯ ބެލުން މުހިއްމު ނޫން ކަމަށެވެ. އެގޮތުން ދުބާއީގެ ކުންފުންޏަކަށް ފައިސާ ދޫކޮށްފައިވާއިރު، އެ ފައިސާ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ އެކައުންޓަށް ޖަމާވެފައިވުމާއި ނުވުމަކީ ދައުވާ ކުރުމަށް އެޅިގެންދާނެ ހުރަހެއްކަމަށް ގަބޫލު ނުކުރާކަމަށް އޭސީސީން ބުނެއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރ ޖެނެރަލް ޓްރޭޑިން އަށް 31 މިލިއަން ރުފިޔާ ހެލްތް މިނިސްޓްރީން ވަނީ ދޫކޮށްފައެވެ. ޝިއުނާ ވިދާޅުވީ، މި މައްސަލައަކީ ދައުވާ ކުރެވޭނެ މައްސަލައެއްކަން ކޮމިޝަނުން އަދިވެސް ގަބޫލު ކުރާ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ ހުރިހާ މީހުންނާވެސް ސުވާލުކޮށްފައިވާނެކަން ފާހަގަ ކުރައްވައި ޝިއުނާ ވިދާޅުވީ، މައްސަލައިގެ ތަހުގީގުގެ ތެރެއިން އެއްވެސް މީހެއްގެ ނުފޫޒު ފޯރާފައި ނުވާ ކަމަށާއި، އެފަދަ ކަމަކަށް ޖާގަވެސް ދީފައިނުވާނެ ކަމަށެވެ.

ޝިއުނާ އެހެން ވިދާޅުވެފައިވާއިރު، ރާއްޖެޓީވީގެ ފަށާއިރު ޕޮރްގުރާމުގައި މީގެ ކުރިން ވާހަކަ ދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވަނީ، އޭސީސީއާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގުގައި، މިހާތަނަށް، އެ ފައިސާ ޖަމާވެފައި ވަނީ ކޮންކޮން އެކައުންޓްތަކަކަށް ކަމެއް، ނުވަތަ އެފައިސާ ލިބިފައިވަނީ ކާކަށް ކަމެއް އެނގިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭސީސީން ފަހުން ފޮނުވި ރިޕޯޓުގައި، އެކައުންޓުތަކެއްގެ މައުލޫމާތު ހިމަނާފައިވާކަމަށާއި، އެހެން ނަމަވެސް، ތުހުމަތު ކުރާ މިންވަރަށް، އެ އެކައުންޓުތަކަށް ފައިސާ ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައި ނުވާކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ކޮރަޕްޝަނުގެ ފައިސާއާއި އެކައުންޓުތަކަށް ވަދެފައިހުރި ފައިސާއާ ގުޅުމެއް ހުރިކަން ތަހުގީގަށް އެނގިފައި ނުވާކަން، އޭސީސީން ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވާކަމަށް ޝަމީމް ވިދާޅުވިއެވެ.

Advertisement

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ނާއިބުރައީސް ފާތިމަތު އަނޫލާ ވިދާޅުވީ، ޕީޖީ އޮފީހުން މި މައްސަލަ އަނބުރާ ފޮނުވާލެއްވިއިރު ފާހަގަކޮށްފައިވާ 6 ނުކުތާއަށްވެސް ތަފްސީލީ ގޮތެއްގައި ރައްދު ދެއްވައި، ޕީޖީގެ ނިންމުން އަލުން ރިވިއުކޮށްދޭން އޭރު އެދިފައިވާނެ ކަމަށެވެ. އޭރުވެސް ޕީޖީ އޮފީހުގެ ވިސްނުން ހުރީ ދައުވާ ކުރެވިދާނެ ގޮތެއް އޮތްތޯ ބެލުމަށްވުރެ، މައްސަލަ އަނބުރާ ފޮނުވާލުމަށް ކަމަށް އަނޫލާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރި ވެންޓިލޭޓަރުތަކާ ބެހޭ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ހުށަހެޅި އިތުރު މައުލޫމާތުތަކާ ގުޅިގެން، ޕީޖީ އޮފީހުން ވަނީ މައްސަލަ އަލުން ރިވިއުކޮށް ބަލާފައެވެ. އަދި އައު މައުލޫމާތާއި، މައްސަލައިގައި ކުރިން ހޯދިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި، ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތު ކޮށްދެވިދާނެކަމަށް ނުފެންނަކަމަށް ޕީޖީ އޮފީހުން ދާދި ފަހުންވެސް ވަނީ ބުނެފައެވެ. އެއާއެކު، މި މައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބުތައް އެގޮތުގައި ދެމިއޮތްކަމަށް ފެންނަކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، އެ ނިންމުމަށް ބަދަލު ނުގެންނަށް ނިންމާފައިވާ ކަމަށެވެ.

ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން އޭސީސީ އާއި ޕީޖީ އޮފީހާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިއެވެ. އެހެންނަމަވެސް ޕީޖީން ނިންމާފައިވަނީ އެކަމުގައި ޖިނާއީ ދައުވާއެއް ކުރެވޭވަރަށް ހެކި ނެތްކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް