ތަހުޤީޤު ކުރަމުންދާ މައްސަލަތަކުގެ ނަތީޖާ އަންނަ ގޮތަކުން މަޤާމުން ދުރުކުރަން މަސައްކަތް ކުރުމަކީ މިނިވަންކަމާއެކު މަސައްކަތް ކުރުމަށް އެޅޭ ހުރަހެއްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އާދިއްތަ ދުވަހު އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، މަޤާމާ ޙަވާލުވެވަޑައިގެން ފަހުން މިވީ ދޮޅު އަހަރުގެ ތެރޭގައިވެސް ބައެއް މައްސަލަތަކާއި ގުޅިގެން މަޤާމުން ދުރުކުރުމުގެ މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ހިތާމަ ކުރައްވާ ކަމެއްކަން ފާހަގަ ކުރައްވައި ޝިއުނާ ވިދާޅުވީ، ނުހަނު އުނދަގޫވާ ކަމަށާއި މިއީ އޭސީސީ މިނިވަންކަމާއެކު މަސައްކަތް ކުރުމަށްވެސް އެޅިގެންދާ ހުރަހެއް ކަމަށެވެ.
އަޅުގަނޑު މަޤާމާ ހަވާލުވިތާ މިހާރު ގާތްގަނޑަކަށް ދޮޅު އަހަރު މިވީ، މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ޚާއްސަކޮށް މައްސަލައިގެ އައުޓްކަމްއާ ގުޅިގެން އަޅުގަނޑުމެން މަޤާމުން ދުރުކުރާނެ ވާހަކަ މަޝްވަރާ ކުރެވިފައިވޭ، އަދި ނޯ ކޮންފިޑެންސް ވޯޓު ނަގަންވެސް މަޝްވަރާ ކުރެވިފައިވޭ، މިއީ އަސްލު އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމެއް، ޚާއްސަކޮށް މައްސަލައެއްގެ އައުޓްކަމް އަންނަ ގޮތަކުން ކޮންމެ ފަހަރަކު އަޅުގަނޑުމެން މަޤާމުން ދުރުކުރަންޖެހޭކަމަށް ވެއްޖެނަމަ މިގޮތަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމެއް، އަދި އޭސީސީ މިނިވަންކަމާއެކު މަސައްކަތް ކުރުމަށް އެޅޭ ހުރަހެއްކަމަށްވެސް އަޅުގަނޑުމެން ޤަބޫލު ކުރަން،އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ
ޝިއުނާ އެހެން ވިދާޅުވެފައިވާއިރު، އޭސީސީން އާންމުކޮށްފައިވާ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި، 2020 ވަނަ އަހަރު 961 މައްސަލައެއް ބަލައި، 15 މައްސަލައެއް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވެއެވެ. އޭގެ ތެރެއިންވެސް ދައުވާ އުފުލާފައިވަނީ 3 މައްސަލައެއްގައިކަން ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެއާއެކު، އޭސީސީން ނިންމާ މައްސަލަތަކުގައި ދައުވާ އުފުލުމުގެ މަރުޙަލާއަށް ދާ މައްސަލަތައް ނިސްބަތުން ދައްވުމުގެ ސަބަބުން އޭސީސީގެ ތަޙުޤީޤުތަކާމެދު ގިނަ ބަޔަކު ސުވާލުވެސް އުފައްދައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިއުނާ އިތުރަށް ވިދާޅުވީ، ހުރިހާ މައްސަލައެއް އެންމެ ފުރިހަމަ ގޮތެއްގައި ނުގެންދެވިދާނެ ކަމަށެވެ. އެގޮތުން އޭސީސީން ތަހުޤީޤުކޮށް، ޕީޖީ އޮފީހުން ހެކިތައް ވަޒަން ކުރުމަށްފަހު، ކޯޓުތަކުގައި ޝަރީއަތްތައް ކުރިއަށްދާއިރު، އޭސީސީން ކުރާ ތަހުޤީޤު ޕީޖީން އިތުރަށް ރިވިއު ކުރަން ޖެހުމަކީވެސް ވެދާނެ ކަމެއްކަން ޝިއުނާ ފާހަގަ ކުރެއްވިއެވެ. އަދި މިގޮތަށް މައްސަލަތައް ކުރިއަށްދާއިރު، އޭސީސީއާއި ޕީޖީ އޮފީހާދެމެދު ދެބަސްވުން އުފެދޭ ޙާލަތްތައްވެސް އަންނާނެކަމަށް ޝިއުނާ ވިދާޅުވިއެވެ.