ކ. މާލެ
|
27 މާރޗް 2021 | ހޮނިހިރު 06:57
ފުލުހުން- ފުލުހުންގެ އައު ގާނޫނާއެކު ބޮޑެތި ބަދަލުތަކެއް އަންނާނެ
ފުލުހުން- ފުލުހުންގެ އައު ގާނޫނާއެކު ބޮޑެތި ބަދަލުތަކެއް އަންނާނެ
ރައީސް އޮފީސް
ފުލުހުންގެ އައު ގާނޫނަށް އަމަލުކުރަން ފެށުން
ފުލުހުންގެ އައު ގާނޫނަށް އަމަލުކުރަން ފަށައިފި
 
އުވިދިއަ ގާނޫނުގެ ދަށުން މިއަދާ ހަމައަށް ވަޒީފާގައި ތިބި ހުރިހާ ފުލުހުން އައު ގާނޫނުގައި ކަނޑައެޅިފައިވާ ފުލުހުންގެ ހުވާ ކުރާނެ
 
މި ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި ޕޮލިސް ބޯޑެއް އެކުލަވާލަންޖެހޭ
 
ފުލުހުންގެ ޚިދުމަތުގެ ހާއްސަ ސިފަތަކުގެ ތެރެއިން މިހާރު ފުލުހުންނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ބަޔެއް

ދިވެހި ފުލުހުންގެ ޚިދުމަތުގެ އައު ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ.

މިގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މާޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. މިގާނޫނު ތަސްދީގުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު އެވެ. މިގާނޫނު ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މިއީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ތިން ވަނަ ދައުރު ނިންމި އެންމެ މުހިންމު އެއް ގާނޫނެވެ. މިގާނޫނުގެ ދަށުން ބޮޑެތި ބަދަލުތަކެއް ފުލުހުންގެ މުއައްސަސާއަށް އަންނާނެއެވެ. މިގާނޫނަށް އަމަލުކުރަން ޖެހެނީ ގާނޫނު ތަސްދީގުކުރާތާ ތިން މަސްފަހުންނެވެ.

މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ޤާނޫނުއަސާސީ އާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހުތިރާމުކުރުމާއެކު، ޤާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމަންއާންމާއި، ދާޚިލީ ސަލާމަތާއި، ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ޤާނޫނީ ބާރާއި އިޚުތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.

ފުލުހުންގެ ޚިދުމަތުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާ ބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ޚިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުވިދިއަ ގާނޫނުގެ ދަށުން މިއަދާ ހަމައަށް ވަޒީފާގައި ތިބި ހުރިހާ ފުލުހުން އައު ގާނޫނުގައި ކަނޑައެޅިފައިވާ ފުލުހުންގެ ހުވާ މިއަދު ކުރާނެ ކަމަށެވެ. އަދި ރައްޔިތުން އުންމީދު ކުރާފަދަ މުއައްސަސާއަކަަށް ފުލުހުންގެ މުއައްސަސާ ވެގެންދާނެ ކަމަށެވެ.

ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު މިހާރު ބޭނުންކުރާ ބައެއް ރޭންކުތައް އުވިގެންދާނެތީ އާ ގާނޫނުގައި ބަޔާންކުރާ ރޭންކުތަކަށް މުވައްޒަފުން ކަނޑައެޅުމުގެ އިދާރީ މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހާރު ބޭނުންކުރާ 15 ރޭންކުގެ ބަދަލުގައި އާ ގާނޫނުގައި ކަނޑައެޅިފައިވަނީ 11 ރޭންކެވެ. މިބަދަލާއި އެކު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން ދަށުގެ ރޭންކުތަކަށް ގްރޭޑް ކަނޑައެޅުމަށްވެސް ގާނޫނު ލާޒިމުކުރެއެވެ.

ރައްޔިތުންނާ ގުޅިގެން ޚިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި، ފުލުހުންގެ ޚިދުމަތުގެ އަމާޒާއި، މަގުސަދާއި، މަސްއޫލިއްޔަތާއި، ޚިދުމަތާއި، ބާރާއި އިޚުތިޔާރުތައް ޤާނޫނުއަސާސީ އާއި އިންސާނީ ހައްގުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުމާއި، ދިވެހި ފުލުހުންގެ ޚިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުން މިބިލުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި ފުލުހުންގެ ބޯޑެއް އެކުލަވާލަންޖެހެއެވެ. ޕޮލިސް ބޯޑް އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. ރައީސް އައްޔަން ކުރައްވަން ޖެހޭގޮތަށް ޕޮލިސް ބޯޑް އޮތްއިރު ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުންނެވެ.

އާންމު ދެ މެންބަރުން ބޯޑަށް ހޮވަނީ މަޖިލީހުން އިއުލާންކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ނަންތައް ދިރާސާކޮށް މަޖިލީހުން ފާސްކުރާ ދެ ނަމެކެވެ.

އައު ގާނޫނު ބުނާ ގޮތުން ގާނޫނަށް އަަމަލު ކުރާއިރު ތިބި ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް އެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުން ބަލައި އެ މީހުން މަގާމުގައި ބޭތިއްބުމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ޤާނޫނު ގެ ދަށުން ގާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ޤާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް" ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
40%
40%
20%
0%
0%
0%
ކޮމެންޓް