ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝަގްޖީ މަރާލުމުގެ ތަހުގީގުކުރަމުންދާ އދ ގެ ސްޕެޝަލް ރެޕަރޗުއަރއަށް ސައުދީގެ އިސްއޮފިޝަލުން ބިރުދައްކާ އިންޒާރުދީފައިވާކަމަށް އދ ން ބުނެފިއެވެ.
ޚާޝަގްޖީ މަރާލިގޮތް ތަހުގީގުކުރަމުންދަނީ އދ ގެ ސްޕެޝަލް ރެޕަރޗުއަރ އެގްނެސް ކަލާމަރޑް އިސްވެހުންނަވައެވެ. ކަލާމަރޑަށް ސައުދީގެ އިސް އޮފިޝަލަކު ބިރު ދައްކާ އިންޒާރުދީފައިވަކަމަށް ބުނެ ރިޕޯޓްކޮށްފައިވަނީ ގާޑިއަން ނިއުސްޕޭޕަރ އިންނެވެ. އެކަމާއި ގުޅިގެން ރޮއިޓަރސްއިން ކުރި ސުވާލަކަށް އީމެއިލްމެދުވެރިކޮށް ދެއްވި ޖަވާބުގައި އދގެ ހިޔުމަން ރައިޓްސް ސްޕޯކްސްމަން ރުޕަރޓް ކޮލްވިލް ވަނީ އެފަދަ އިންޒާރު ދީފައިވާކަމަށް ވިދާޅުވެފައެވެ.
ގާޑިއަންގައި އަންގާރަ ދުވަހު ޝާއިއުކޮށްފައިވާ ލިޔުމުގައި ވަނީ ޚާޝަގްޖީގެ މަރުގެ ތަހުގީގު ކުރިޔަށްގެންދާނަމަ އެކަން ހުއްޓުވުމަށް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާނެކަމަށް ބުނެ ކަލާމަރޑަށް އިންޒާރުދީފައިވާކަމަށެވެ.
މިކަމާއި ގުޅިގެން އދ ގެ ހިޔުމަން ރައިޓްސް ސްޕޯކްސްމަން ވިދާޅުވީ ކަލާމަރޑަށް ދިން އިންޒާރު އދ ގެ ސެކިޔުރިޓީ އާއި އެހެނިހެން ފަރާތްތަކަށް މިހާރު އަންގާފައިވާކަމަށެވެ.
މިކަމާއިގުޅިގެން ސައުދީ އޮފިޝަލުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.
އދ ގެ ސްޕެޝަލް ރެޕަރޗުއަރ އެގްނެސް ކަލާމާޑް އިސްވެ ހުންނަވާ ޓީމަކުން ޚާޝަގްޖީ މަރާލިގޮތުގެ ތަހުގީގެއް ކުރިޔަށް ގެންދަން ފެށީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
މިޓީމުން ވަނީ އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިޔުލޭޓަށް ޒިޔާރަތްކޮށްފައެވެ. އަދި ހަފްތާއެއް ވަންދެން އިސްތަންބޫލްގައި ހަރަކާތްތެރިވެފައެވެ.
މިޓީމުން ކުރިޔަށްގެންދިޔަ ތަހުގީގާއި ގުޅޭގޮތުން އޭރު ކަލާމާޑް ވިދަޅުވެފައިވަނީ އިންވެސްޓިގޭޓަރުން މަސައްކަތްކުރާނީ ޚާޝަގްޖީ މަރާލުމުގައި ސަރުކާރުތަކާއި އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ބައިވެރިވުން ހުރި މިންވަރު ބެލުމަށްކަމަށެވެ. އަދި ޚާޝަގްޖީ މަރާލިގޮތްވެސް ޓީމުން ހޯދުމަށް މަސައްކަތްކުރާނެކަމަށް ވިދާޅުވެފައިވެއެވެ.
އެއަހަރުގެ ޖޫން މަހު ކަލާމާޑް ކުރިޔަށްގެންދެވި ތަހުގީގުގެ ރިޕޯޓް އާންމުކުރެއްވިއެވެ. އަދި ސައުދީގެ އިސް އޮފިޝަލުންނާއި އެމްބީއެސްގެ ސީދާ ބައިވެރިވުން މިކަމުގައި ހުރި މިންވަރު ބެލުމަށް ތަހުގީގެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޚާޝަގްޖީ މަރާލުމުގައި ސައުދީ ސަރުކާރުން ޒިންމާވާންޖެހޭ ކަމަށްވެސް ވިދަޅުވިއެވެ. އަދި މިކަމުގައި އިސްކޮށް ހުންނެވީ ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމާން ކަމަށް ވިދާޅުވެ އެމްބީއެސްގެ އެސެޓްތައް ފްރީޒްކޮށް ބައިނަލްއަގްވާމީ މަޝްރަހުގައި އެމްބީއެސްގެ ބައިވެރިވުން ކުޑަކުރުމަށް ގޮވާލެއްވިއެވެ.
ނަމަވެސް އެމްބީއެސް ވަނީ އެކަން ދޮގުކުރައްވާއެވެ.
އަނެއްކޮޅުން ދާދިފަހުން އެމެރިކާގެ ސަރުކާރުން ވަނީ ޚާޝަގްޖީގެ މަރާއި ގުޅިގެން ކުރި ތަހުގީގުގެ ރިޕޯޓް އާންމުކޮށްފައެވެ. މިރިޕޯޓްގައި ބުނެފައިވަނީ ޚާޝަގްޖީ މަރާލާފައިވަނީ އެމްބީއެސްގެ އަމުރަށްކަމަށެވެ. ނަމަވެސް ސައުދީ ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.