ނާޕޮލީއަށް ކުޅެމުން އަންނަ ސެނެގާލުގެ ޑިފެންޑަރު ކަލިދޫ ކުލިބާލީ ހޯދަން އެވަޓަނުގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކުލިބާލީއަކީ ނާޕޮލީން ފަހަކަށް އައިސް ނެރެމުން އަންނަ ނަތީޖާތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔާއެވެ. އެއާއެކު މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައިވެސް އުމުރުން 29 އަހަރުގެ ޑިފެންޑަރު ހޯދަން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ވަނީ މަސައްކަތްކޮށްފައެވެ.
އެވަޓަނުގެ ކޯޗުގެ މަގާމާ ހަވާލުވުމުގެ ކުރިން އަންޗެލޮޓީ ވަނީ ނާޕޮލީގައި ކުލިބާލީއަށް 18 މަސްދުވަސް ވަންދެން އިރުޝާދުދީފައެވެ. އެހެންކަމުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ކުލިބާލީ ހޯދަން އަންޗެލޮޓީ ބޭނުންވާ ކަމަށާއި، އެއާއެކު އެވަޓަނުން ކުލިބާލީ ގަތުމަށް މިހާރު މަސައްކަތްކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.
ކުލިބާލީ ހޯދަން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތްކުރަމުން އަންނައިރު، އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑެތި ކުލަބުތައްވެސް ހިމެނެއެވެ. އެގޮތުން ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި، މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑުންވެސް ކުލިބާލީ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުންވެސް އަންނަނީ ކުލިބާލީއަށް ފާރަލަމުންނެވެ. އެއާކު ޓްރާންސްފާ ބާޒާރުގައި ކުލިބާލީގެ އަގު މިހާރު އުޅެނީ 89 މިލިޔަން ޕައުންޑުގައެވެ.
ގެންކް ދޫކޮށް 2014 ވަނަ އަހަރު 6.5 މިލިޔަން ޕައުންޑަށް ނާޕޮލީއާ ގުޅުނު ކޫލިބަލީ އަންނަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ކޫލިބަލީ ވަނީ ނާޕޮލީއަށް ކުޅެދިން 274 މެޗުގައި 11 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ނާޕޮލީއާއެކު އިޓާލިއަން ކަޕުގެ އިތުރުން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ސެނެގާލުގެ ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅެމުން އަންނަ ކުލިބާލީ ވަނީ މިހާތަނަށް ގައުމީ ޓީމުގެ ޖާޒީގައި 44 މެޗު ކުޅެފައެވެ.