ސެނެގާލްގެ ޑިފެންޑަރު ކަލިދޫ ކުލިބާލީ ޕްރިމިއާ ލީގުގެ ޗެލްސީން ސައުދީ އަރަބިއާގެ އަލް ހިލާލްއާ ގުޅިއްޖެއެވެ.
ހަތަރު ފަހަރު އޭޝިއަން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކުލިބާލީގެ ކޮންޓްރެކްޓް 2026 ވަނަ އަހަރާ ހަމައަށް ދެމިގެންދާއިރު މާލީ އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައޫދީ ކްލަބުން ސެންޓާ ބެކަށް ގާތްގަނޑަކަށް 17 މިލިއަން ޕައުންޑް (21.61 މިލިއަން ޑޮލަރު) ދޭނެއެވެ.
އުމުރުން 32 އަހަރުގެ ކުލިބާލީ ވަނީ މިދިޔަ ޖުލައި މަހު ނަޕޯލީން ޗެލްސީއާ ގުޅުމަށް ފަހު ޗެލްސީއަށް ކުޅުނު 32 މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ އަކީ ޕޯޗުގަލްގެ މިޑްފީލްޑަރު ރުބެން ނެވޭސް މިދިޔަ ހުކުރު ދުވަހު ސޮއިކުރި ފަހުން ޕްރިމިއާ ލީގުން އަލް ހިލާލް އަށް ބަދަލުވި ދެ ވަނަ ކުޅުންތެރިޔާއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ މިދިޔަ ޖެނުއަރީ މަހު އަލް ނަސްރަށް ބަދަލުވި ފަހުން ސައުދީ ޕްރޯ ލީގުން ދަނީ ޔޫރަޕްގެ ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ލީގު ޗެމްޕިއަން އަލް އިއްތިހާދުން ބެލޮން ޑިއޯ ކާމިޔާބުކުރި ކަރީމް ބެންޒެމާ މި މަހުގެ ކުރީކޮޅު ސޮއިކޮށްފައިވާއިރު، ޗެލްސީގެ ކުރީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ވެސް އެ ޓީމާ ގުޅެން އުޅޭކަން އެ ކުލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.
66 ތަށި ހޯދާފައިވާ ސައުދީ އަރަބިއްޔާ އާއި އޭޝިއާގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ އަލް ހިލާލް އަކީ 18 ލީގު ތަށި އަދި ހަތަރު އޭޝިއަން ޗެމްޕިއަންސް ޗެމްޕިއަންކަމާއެކު ދެ މުބާރާތްވެސް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޓީމެވެ. ލީގާއި އޭޝިއަން ޗެމްޕިއަންސް ތަށި ގެއްލުމުން އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް ހާއްސަ ސަމާލުކަމެއް ވަނީ ދީފައެވެ.
މެންޗެސްޓާ ސިޓީގެ ބާނާޑޯ ސިލްވާ ހޯދުމުގެ މަސައްކަތްވެސް އެ ޓީމުން ދަނީ ކުރަމުންނެވެ.