ނާޕޮލީއަށް ކުޅެމުން އަންނަ ސެނެގާލުގެ ޑިފެންޑަރު ކަލިދޫ ކުލިބާލީ ހޯދަން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކުލިބާލީ އަކީ ނާޕޮލީން ފަހަކަށް އައިސް ނެރެމުން އަންނަ ނަތީޖާތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔާއެވެ. އެއާއެކު މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައިވެސް އުމުރުން 29 އަހަރުގެ ޑިފެންޑަރު ހޯދަން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ވަނީ މަސައްކަތްކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ކުލިބާލީއަށް 45 މިލިޔަން ޕައުންޑް ޚަރަދުކުރަން ބަޔާނުން ވަނީ ނިންމާފައެވެ. އެކަމަކު ނާޕޮލީން އެ އަގުގައި އޭނާ ނުވިއްކާނެ ކަމަށާއި، ކުލިބާލީ ވިއްކަން އެ ޓީމުން ބޭނުންވާ އަގަކީ 100 މިލިޔަން ޕައުންޑް ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ކުލިބާލީ ހޯދަން ބަޔާނުން މަސައްކަތްކުރަމުން އަންނައިރު، އޭނާ ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑެތި ކުލަބުތަކުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި، މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑުންވެސް ކުލިބާލީ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގެންކް ދޫކޮށް 2014 ވަނަ އަހަރު 6.5 މިލިޔަން ޕައުންޑަށް ނާޕޮލީއާ ގުޅުނު ކޫލިބަލީ އަންނަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ކޫލިބަލީ ވަނީ ނާޕޮލީއަށް ކުޅެދިން 271 މެޗުގައި 11 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ނާޕޮލީއާއެކު އިޓާލިއަން ކަޕުގެ އިތުރުން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ސެނެގާލުގެ ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅެމުން އަންނަ ކުލިބާލީ ވަނީ މިހާތަނަށް ގައުމީ ޓީމުގެ ޖާޒީގައި 44 މެޗު ކުޅެފައެވެ.