ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިވަން 50 ފާހަގަކުރުމަށް ގެނައި ބޮކި ކޮންޓެއިނަރއެއް ކްލިއަރނުކޮށް ބޮޑު ޖޫރިމަނާއެއް އަރާފައިވަނިކޮށް މިސަރުކާރުން ކްލިއަރކޮށްފިއެވެ.
ވަޒީރު ކަމުގައި ހުންނެވި އިރު މިނިވަން 50ށް މިކޮންޓެއިނަރއަށް އޯޑަރ ދިން ފަހުން އުމަރު ނަސީރު ވަޒީރުކަމުން އިސްތިއުފާ ދެއްވީ 21 ޖޫން 2016 ގައެވެ. އެއަށްފަހު 22 ޖޫން 2016 ގައި އަޙްމަދު ޒުހޫރު ވަޒީރު ކަމަށް އައްޔަން ކުރެއްވިއެވެ. އަދި އެއަށްފަހު ކުއްލި ގޮތަކަށް ޒުހޫރު ވަކިކުރައްވާ 1 އޮގަސްޓް 2016ގައި އެމަގާމަށް އަޒްލީން އަހުމަދު އައްޔަންކުރެއްވިއެވެ.
ރާއްޖެއެމްވީއަށް ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސަރުކާރު ބަދަލުވެ ހޯމް މިނިސްޓްރީ ހިންގުން ޝެއިހް އިމްރާން އަބްދުﷲ ބެއްލެވުމުގެ ދަށަށް އައުމާއެކު މިނިސްޓްރީގައި ހުރި މައްސަލަތައް ބެއްލެވި ކަމަށެވެ. އެގޮތުން މިކަން ސަމާލުކަމަށް އައުމާއެކު ކްލިއަރ ކުރުމުގެ މަސައްކަތް ފެށި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު މިހާރު އެކޮންޓެއިނަރ ކްލިއަރ ކުރެވިފައިވާ ކަމަށެވެ. އެގޮތުން 19 އޮގަސްޓް 2016ގައި މާލެ ގެނެވުނު މި ކޮންޓެއިނަރ ކްލިއަރ ކުރެވުނީ 19 ޖެނުއަރީ 2020 ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮންޓެއިނަރ ކްލިއަރ ނުކުރެވި އެހާ ގިނަ ދުވަސްވުމާ ގުޅިގެން ބައެއް ދަތިތަކާ ވެސް ކުރިމަތިވި ކަމަށެވެ. މިހާރު މިތަކެތި ހުރީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. ޖޫރިމަނާގެ ގޮތުގައި ހަތްލައްކަ ހަތްހާސް ރުފިޔާ އަރާފައިވެއެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގެ ބައެއް މަސައްކަތްތައް ހަވާލުކޮށްފައި ހުރީ ސީދާ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބޭނުންފުޅުވާ ފަރާތްތަކާ ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ. މިނިވަން 50 ފާހަގަކުރުމަށް 2015 ވަނަ އަހަރުގެ ތެރޭގައި ހިންގި ހަރަކާތްތަކުގައި ކޮރަޕްޝަން އެކުލެވިގެންވާ ކަމަށް އޭރު މީޑިއާތަކުން ރިޕޯޓްކުރުމުން ހޯމް މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ. އެއިރު މިނިސްޓްރީން ބުނީ ކޮރަޕްޝަނުގެ އެއްވެސް ކަމެއް މިނިވަން 50 ގެ ތެރޭގައި ހިންގާފައިނުވާނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ މިނިވަން 50 ގެ ހުރިހާ މަސައްކަތްތައް ހިންގަމުން ދިޔައީ އޭސީސީ އާއި އޮޑިޓާ ޖެނެރަލް އޮފީހަށް ދައުވަތު ދީގެން، މިނިވަން 50 އޮފީހުގައި އެ މުއައްސަސާތަކުގެ މުވައްޒަފުންނަށް މޭޒު ބަހައްޓައިގެން ކަމަށެވެ. އަދި މިނިވަން 50 ގެ ހުރިހާ ހަރަކާތްތަކެއް ނިމެންދެން އެ މުއައްސަސާތަކުން ކަން ހިނގާ ގޮތް ބަލަމުންދިޔަ ކަމަށާއި އޮޅުން ފިލުވަންޖެހޭ ކަންތައްތައް އޮޅުން ފިލުވައި މުވައްޒަފުންނަށް މަގު ދައްކަމުން ދިޔަ ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މިނިވަން 50 ގެ ހަރަކާތްތައް ނިމުނު އިރު އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށާއި މިނިވަން 50 ގެ ހުރިހާ ހަރަކާތްތަކެއް ކޮށްފައި ވަނީ އޭރުގެ ފިނޭންސް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ އެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ފަސް ވަޒީރުންގެ ކޮމެޓީއަކުން ދެއްވާ އިރުޝާދާ އެއްގޮތަށް ކަމަށެވެ.
މިނިވަން 50 ގެ ހަރަކާތްތަކާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅިފައިވާ 83 މައްސަލައެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން މިހާތަނަށް 37 މައްސަލަ ތަހުގީގުކޮށް ނިމިފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ.