ޔުނައިޓެޑް ނޭޝަން ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) ގެ "ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ ޓެކްނިކަލް ގްރޫޕް"ގެ ފަސް ވަނަ ވަރޗުއަލް ބައްދަލުުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުމުގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯ ކޮމިޝަން އޮފް ސައުތު އޭޝިއާގެ މިހާރުގެ ޗެއަރގެ ހައިސިއްޔަތުން މިނިސްޓަރ މައުސޫމް ބައިވެރިވެވަޑައިގެންނެވިއިރު، މިނިސްޓަރގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ރައްޒާންވެސް ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ކޮވިޑު-19 އާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއްހޯދާ، މާނަވީގޮތެއްގައި ފަތުރުވެރިކަން އަލުންފެށުމާއި ވަޒީފާގެ ރައްކާތެރިކަން ހޯދާއިދީ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަށް ކަމަށެވެ. އެގޮތުން މިހާރު ތަޢާރަފުކުރަމުންދާ ވެކްސިންތައް އާބާދީގެ ބޮޑުބަޔަކަށް ބޭނުންކުރެވި، ވެކްސިން ޖެހިކަމުގެ ސެޓްފިކެޓް ހިފައިގެން އެއްގައުމުން އަނެއްގައުމަށް ދަތުރުކުރެވޭނެ ގޮތް މަގުފަހިވުމަކީ ފަތުރުވެރިކަން އަލުން ފެށުމަށް ކޮންމެހެންވެސް ބޭނުންކަމެއްގެ ގޮތުގައި ފާހަގަކުރެއްވިގެން ދިޔަކަމަށް މިނިސްޓްރީން ބުނެެއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވަނީ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމް ރިކަވަރ ކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އަދި ޚާއްސަކޮށް ސަރުކާރާއި ޓޫރިޒަމް އިންޑަސްޓްރީއާއި ހެލްތު ސެކްޓަރ ގުޅިގެން ކުރެވުނު މަސައްކަތްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި މިނިސްޓަރ މައުސޫމްގެ އިތުރުން ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯ ގެ އެގްޒެކަޓިވް ޑިރެކްޓަރ މިސްޓަރ މެނުއަލް ބަޓްލަރ ހިމެނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޖުމްލަ ޙައްލެއް ގެނައުމަށް ޔޫ.އެން.ޑަބްލިއު.ޓީ.އޯ އިން އެކުލަވާލި މިޓެކްނިކަލް ކޮމިޓީގެ ފަސް ވަނަ ވަރޗުއަލް ބައްދަލުވުން ކުރިއަށް ގެންދިޔައީ މަރޗް 22 ވަނަ ދުވަހުއެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ގްރީސްގެ ޓޫރިޒަމް މިނިސްޓަރ ހެރީ ތިއޯހެރިސް އެވެ.