ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ދިނުން މާލެ ސަރަހައްދުގައި އަނެއްކާ ފަށައިފިއެވެ.
ފުރަތަމަ ބުރުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް، އަންގާރަ ދުވަހު ހެނދުނު 10:00 ފެށިގެން ވެކްސިން ސެންޓަރުތަކުން ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. މިފަހަރު ދިނުމަށް ހަމަޖެހިފައިވަނީ ޗައިނާ ސިނޮފާރމް ކުންފުނިން އުފައްދައި، ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެކި ސަބަބުތަކާހުރެ މާލެ ސަރަހައްދުން ފުރަތަމަ ފަހަރު ވެކްސިން ނުޖެހޭ ފަރާތްތަކަަށް ހުޅުވާލި މި ފުރުސަތުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.
ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރ، އިސްލާމީ މަރުކަޒު، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ، ރައްޔިތުންގެ މަޖިލީހުގައި ހެނދުނު 10:00 އިން ފެށިގެން ހަވީރު 15:00 އަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލް، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ސެނަހިޔާ، ގައި ވެކްސިން ދޭނީ ހެނދުނު 10:00 އިން ފެށިގެން 12:00 އަށެވެ.
ޗައިނާގެ ސިނޮފަރމް (ބެއިޖިންގ ބައޯ އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްސްޓްސް ކޮމްޕެނީ ލިމިޑެޓް) އިން އުފައްދާފައިވާ މ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިހާރުވެސް 20 ޤައުމަކުން ދީފައިވާކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި 18 އަހަރުން ދަށުގެ ކުދިންނާއި، ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އިތުރުން، ބަލިތައް ތަޙައްމަލު ކުރާ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށިވާފަދަ ބޭސް ބޭނުން ކުރަން ޖެހޭ މީހުންނާއި، މާބަނޑު އަންހެނުންނަށް ސިނޮފަރމް ވެކްސިން ނުޖަހާނެ ކަމަށެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ބަލީގެ އަލާމާތްތައް ފެންނަން ފެށިތާ 28 ދުވަސްފަހުން ވެކްސިން ޖެހިދާނެކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން، ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައި (އޯރގަން ޓްރާންސްޕްލާންޓް) ވާ މީހެއްނަމަ، ޓްރާންސްޕްލާންޓަށް 3 މަސް ފުރުމުން މި ވެކްސިން ޖެހިދާނެކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އެޗްޕީއޭއިން ބުނީ، ދެ ޑޯޒް ޖަހާ މި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ 3-4 ހަފްތާ ފަހުންކަމަށެވެ.
މި ވެކްސިންގެ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ވަރުބަލިވުމާއި، ގައި ހިރުވުމާއި، ބޮލުގައި ރިއްސުމާއި، ހުން އައުމުގެ އިތުރުން، ހޮޑުލެވުމާއި، ހުޅުތަކާއި ގައިގެ މަސްތަކުގައި ރިއްސުންފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް މިއީ ވެކްސިން ޖެހުމުން އާންމުކޮށް ވެސް ދިމާވާނެ މައްސަލަތަކެއްކަން އެޗްޕީއޭއިން ފާހަގަ ކޮށްފައިވެއެވެ.
ކޮވިޑް-19ގެ ފުރަތަމަ ޑޯޒްދިނުން މެދުކަނޑާލީ މާރިޗް 15 ގައެވެ. އޭރު ގާތްގަނޑަކަށް އާބާދީގެ 46 އިންސައްތައަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.