އައްޑޫ ސިޓީ ގަމުގައި ހުންނަ ދޫގަސްގެ ސެޓުލްމެންޓް އެގްރިމެންޓްގައި، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި އެމްޕީއެލްއާއެކު ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް، އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރަށްވެހި ފަތިސް ކެމްފެއިން ބައްދަލުވުމުގައި އައްޑޫ ސިޓީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ގަމު ދޫގަސް ގެސްޓް ހައުސް ދެން ތަރައްޤީ ކުރާނި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ، އެމްޕީއެލްއިން ދައްކަންޖެހޭ ލޯނެއް އޮތުމާއެކު މިއަހަރު ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކޮންމެވެސް މިންވަރެއް ދީގެން އެކަން ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގި ދޫގަސް، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި، 2009 ގައި އޮތީ އެމްވީކޭއާ ހަވާލު ކޮށްފައެވެ. އެއީ ދެކުނު ދަތުރުފަތުރުގެ ޚިދުމަތް ދޭން ހަވާލު ކުރުމާ އެކު، ސަބްސިޑީއެއްގެ ގޮތުގައި 50 އަހަރަށެވެ.
އެމްވީކޭއާ ދޫގަސް ހަވާލު ކުރުމުން އެ ކުންފުނިން ވަނީ އެތަނުގެ ނަން ގޭން ރިޓްރީޓް އައިލެންޑަށް ބަދަލުކޮށް، ތަނުގެ ޑިޒައިނަށް ވެސް ބައެއް ބަދަލުތައް ގެނެސްފައި ވެއެވެ. އަދި ފަހުން އެމްވީކޭ އިން 2014 ގައި އެތަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޖޭ ހޮޓެލްސް އަށް ވެސް ދިނެވެ. ކުޑަ ދުވަސްކޮޅަކަށް އެ ކުންފުނިން އެތަން ހިންގީ "ޖޭ ޕެލަސް" ގެ ނަމުގައެވެ.
ނަމަވެސް އެމްވީކޭއާ ހަވާލުކޮށްގެން ދޫގަސް އޮތީ ހިންގޭ ގޮތް ނުވުމުން ރައީސް ޔާމިންގެ ސަރުކާރުން އެމްވީކޭ އަތުން ދޫގަސް ނެގީ 2015 ގައެވެ. 120 ކޮޓަރީގެ ގެސްޓްް ހައުސްއެއްގެ ގޮތަށް އަލުން އެތަން ތަރައްޤީކުރުމަށް ރަސްމީކޮށް އެމްޕީއެލްއާ ހަވާލުކުރީ 2018 ޖޫން 14 ގައެވެ.