ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ހޮނިހިރު ދުވަހު ރައީސް ސޯލިޙު ކުރެއްވި ޓްވީޓެއްގައި ވަނީ ބޮޑުވަޒީރު އިމްރާން ޚާން ޕޮޒިޓިވްވި ޚަބަރު އިވިވަޑައިގަތުމުން ކަންބޮޑުވެވަޑައިގެންކަން ފާހަގަ ކުރައްވައި، އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާފައެވެ.
އައު ސަރުކާރު އައުމާއެކު، ޕާކިސްތާނާ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖެއާއި ޕާކިސްތާނާ ދެމެދުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވްގައި އެމްބަސީއެއް އަޅަން ރާއްޖޭގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނަށް ވަނީ ބިމެއްވެސް ދޫކޮށްފައެވެ. އެގޮތުން ކުރީ ސަރުކާރުން ޕާކިސްތާނަށް ހައި ކޮމިޝަން ގާއިމްކުރުމަށް ނިންމާފައި އޮތީ 3000 އަކަފޫޓުގެ ބިމެކެވެ. ނަމަވެސް، މިސަރުކާރުން ވަނީ 12000 އަކަފޫޓުގެ ބިމަކަށް ބަދަލުކޮށްފައި ކަމަށް ފޮރިން މިނިސްޓްރީން ބުނު އެވެ.
އަދި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ޑިޕްލޮމެޓިކް އެންކްލޭވްގެ މެދުތެރެއިން މީގެ ދެގުނަ ބޮޑު ބިމެއް ރާއްޖެއަށް ދޭނެ ކަމަށް ޕާކިސްތާން ސަފީރު ވިދާޅުވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިމްރާން ޚާން ޕޮޒިޓިވްވެފައިވާއިރު، އެމަނިކުފާނު ވަނީ މީގެ 2 ދުވަސް ކުރިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒްވެސް ޖައްސަވާފައެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި ބޮޑުވަޒީރު އިމްރާން ޚާން ޕޮޒިޓިވްވެފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އަދި މިވަގުތު އިމްރާން ޚާން ގެންދަވަނީ ގެކޮޅުގައި އެކަހެރިވެވަޑައިގެން ފަރުވާ ހޯއްދަވަމުންނެވެ. އެގޮތުން މިވަގުތުވެސް ބަލީގެ ބައެއް އަލާމަތްތައް ފެންނަމުންދާކަން އޮފިޝަލުން ފާހަގަ ކުރެއެވެ.
ރިޕޯޓުތައް ބުނާގޮތުން ބޮޑުވަޒީރު އިމްރާން ޚާން ޕޮޒިޓިވްވެފައިވާކަމަށް ބެލެވެނީ ވެކްސިން ޖެއްސެވުމުގެ ކުރިންނެވެ. މިވަގުތު ޕާކިސްތާނުގައި ބޭނުން ކުރަމުންދަނީ ޗައިނާގެ ސިނޮފަރމް ވެކްސިނެވެ. ނަމަވެސް ބޮޑުވަޒީރު ޖައްސަވާފައިވަނީ ސީދާ ކޮން ވެކްސިނެއްކަމެއް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.